އީވާ ވަކިނުކުރާން އެދި ނަޝީދު މެންބަރުންނަށް މެސެޖު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު-- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި އީވާއާ ދެކޮޅަށް ވޯޓު ނުދެއްވަން އެދި މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ބައެއް މެންބަރުންނަށް މެސެޖު ކުރައްވައިފިއެވެ.

އެމްޑީޕީގެ ސުޕަ މެޖޯރިޓީގެ ތާއީދާއެކު މަޖިލީހުގެ ނައިބު ރައީސްކަމަށް ވަޑައިގެން އީވާ، މި މަހު 17 ގައި ވަނީ އެ ޕާޓީން ވަކިވެފައެވެ. އެހެންވެ، އެ ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުން ވަނީ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމުން އޭނާ ވަކިކުރަން ނިންމައިފައެވެ.

އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މަޖިލީހުގެ 50 މެންބަރުން ވަނީ ސޮއިކޮށްފައެވެ. އެ މައްސަލަ އިއްޔެ މަޖިލީހަށް ހުށަހަޅާފައިވެއެވެ.

އެކަމާ ގުޅިގެން ނަޝީދު ބައެއް މެންބަރުންނަށް ކުރެއްވި މެސެޖުގައި ވަނީ އިވާ އާ ދެކޮޅަށް ވޯޓު ނުދެއްވުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އެ މެސެޖުތަކުގެ ސްކްރީންޝޮޓް ބައެއް މެންބަރުން ވަނީ 'ސަން'އާ ހިއްސާ ކުރައްވާފައެވެ.

އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި އީވާއާ ދެކޮޅަށް ވޯޓު ނުދެއްވަން އެދި ރައީސް ނަޝީދު ބައެއް މެންބަރުންނަށް ކުރެއްވި މެސެޖު--- ފޮޓޯ

ނަޝީދަށް ތާއީދުކުރައްވާ މެންބަރުން އެމްޑީޕީން ވަކިވެ، އާ ޕާޓީއެއް އުފައްދަން ނިންމެވުމުން ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ވަނީ އީވާގެ އިތުރުން ނަޝީދު ވެސް މަގާމުން ވަކިކުރުމަށް ގޮވާލައިފައެވެ. އެއަށް ރައްދުދެއްވާ ނަޝީދު ވިދާޅުވީ، އެ މަނިކުފާނު މަޖިލީހުގެ ރައީސްކަމުން ވަކި ނުކުރެވޭނެ ކަމަށެވެ.

ނަޝީދު ހިތްހަމަ ޖެހިވަޑައިނުގަތަސް، އީވާ ވަކިކުރަން ބޭނުންވާ އަދަދަށް ވޯޓު ހަމަވެފައިވާ ކަމަށް ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުން ވިދާޅުވިއެވެ. އަދި، ނަޝީދު ވެސް ޕާޓީން ވަކިވެވަޑައިގެންފި ނަމަ، މަގާމުން ދުރުކުރާނެ ކަމަށް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް، އެ މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލިހުގެ ޖުމުލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާ އެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ، 87 މެންބަރުންގެ ތެރެއިން 22 މެމްބަރުންގެ ސޮޔެވެ. އަދި، މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްވާނީ 43 މެންބަރުންގެ ވޯޓުންނެވެ. އެއީ، މަޖިލީހުގައި ތިއްބަވާ 87 މެންބަރުންގެ ދެބައިކުޅަ އެއްބައި މެންބަރުންނެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. މި މައްސަލަ ގާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށް ދާނެ ކަމަށް މަޖިލީހުން ބުންޏެވެ.

comment ކޮމެންޓް