އަނެއްކާވެސް ޔުވެންޓަސްގެ ދިހަ ޕޮއިންޓް އުނިކޮށްފި

ޔުވެންޓަސްގެ ބައެއް ކުޅުންތެރިން -- ފޮޓޯ/ ގެޓީ

ޓްރާންސްފާތަކުގެ މައްސަލައިގައި އިޓާލިއަން ސެރީއާގައި އަނެއްކާވެސް ޔުވެންޓަސްގެ ދިހަ ޕޮއިންޓް އުނިކޮށްފިއެވެ.

ޓްރާންސްފާ އަގުތަކުގައި އޮޅުވާލާފައިވާ ކަމަށްބުނެ، މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ޔުވެންޓަސްގެ 15 އުނިކުރިއެވެ. އެކަމަށް އެޅި ފިޔަވަޅުގެ ދަށުން އޭރު ޔުވެންޓަސްގެ ރައީސަކަށް ހުންނެވި އަންދްރޭ އަގްނެލީ އަދި ނައިބު ރައީސް ޕަވެލް ނެޑްވެޑް ވެސް ސަސްޕެންޑްކުރިއެވެ. ނަމަވެސް ފިޔަވަޅު އެޅުމުގެ ކުރިން އަގެނެލީ އާއި ނެޑްވެޑް ވަނީ މަގާމުން އިސްތިއުފާދެއްވައިފައެވެ.

ޔުވެންޓަސް އިން އެ މައްސަލަ ކޯޓުގައި އިސްތިއުނާފުކުރުމުން އޭރު އުނިކުރި 15 ޕޮއިންޓް އެ އެ ކްލަބަށް ލިބިގެންދިޔަ ނަމަވެސް، ކޯޓުގެ ނިންމުން އަނެއްކާވެސް މިހާރު ވަނީ ބަދަލުކޮށްފައެވެ. އެ މައްސަލައިގައި ކޯޓުން އިއްޔެ ނިންމީ ޔުވެންޓަސްގެ ދިހަ ޕޮއިންޓް އުނިކުރުމަށެވެ.

އެ ނިންމުމާ ގުޅިގެން ޔުވެންޓަސް އިން ނެރުނު ބަޔާނެއްގައި ބުނީ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ހައްގުގައި އަލުން އިސްތިއުނާފުކުރުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ވިސްނާނެ ކަމަށާއި ކޯޓުގެ އެ ނިންމުމާއެކު އެ ކްލަބަށް ބޮޑު ގެއްލުމެއް ލިބިގެންދާނެ ކަމަށެވެ. އަދި ފަނޑިޔާރުން ބަލަންޖެހޭ ކަންކަން ރަނގަޅަށް ބަލާފައިނުވާ ކަމަށް ވެސް އެ ކްލަބުން ބުންޏެވެ.

ޔުވެންޓަސްގެ ދިހަ ޕޮއިންޓް އުނިކުރުމުން އެ ކްލަބަށް އަންނަ ސީޒަންގެ ޔޫރޮޕާ ލީގުން ވެސް ފުރުސަތު ގެއްލުމުގެ ބިރު އޮންނާނެއެވެ. ޕޮއިންޓް އުނިކުރުމުން ސެރީއާގެ ޕޮއިންޓް ތާވަލުގައި ޔުވެންޓަސް މިހާރު އޮތީ ކުޅުނު 36 މެޗުން ލިބުނު 59 ޕޮއިންޓާއެކު ހަތްވަނައިގައެވެ.

comment ކޮމެންޓް