އަރަބި އަންހެނަކު ފުރަތަމަ ފަހަރަށް ޖައްވަށް

ސްޕޭސްއެކްސްގެ ރޮކެޓެއްގައި އިއްޔެ ޖައްވަށް ފޮނުވާލި ހަތަރު މީހުންގެ ތެރޭގައި ސައުދީގެ ދެ މީހަކު ހިމެނޭ، އޭގެ ތެރޭގައި ހިމެނޭ ރައްޔާނާ ބަރުނާވީ އަކީ ޖައްވަށްދާ ފުރަތަމަ އަރަބި އަންހެން މީހާ -- ފޮޓޯ/ ރޮއިޓާސް

ބައިނަލްއަަގުވާމީ ޖައްވީ އިދާރާ (އައިއެސްއެސް)އަށް ދިޔުމަށް، އަރަބި އަންހެނަކު ފުރަތަމަ ފަހަރަށް ދަތުރު ފަށައިފިއެވެ.

ސައުދީ އަރަބިއާގެ ފުރަތަމަ އަންހެން އެސްޓްރޮނޯޓްގެ ގޮތުގައި، ކެންސަރު ދިރާސާކުރާ ފަރާތެއް ކަމަށްވާ ރައްޔާނާ ބަރުނާވީ ދަތުރު ފަށާފައި ވަނީ އެމެރިކާގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ސްޕޭސް އެކްސްގެ ރޮކެޓެއްގައެވެ. އެ ރޮކެޓް އުދުއްސާލީ އެމެރިކާގެ ކެނެޑީ ސްޕޭސް ސެންޓަރުން އިއްޔެ، އެގައުމުގެ ގަޑިން 17:37ގައެވެ.

އެ މިޝަންގައި ސައުދީގެ ފައިޓާ ޕައިލެޓެއް ކަމަށްވާ އަލީ އަލް ގަރުނީ ވެސް ބައިވެރިވެއެވެ. އަދި އެމެރިކާގެ ދެ މީހުން ކަމަށްވާ ޕެގީ ވިޓްސަން އާއި ޖޯން ޝޮފްނާ ވެސް އެ ދަތުރުގައި ބައިވެރިވެއެވެ. އޭގެ ތެރެއިން ވިޓްސަން އަކީ ނާސާގެ ކުރީގެ އެސްޓްރޮނޯޓެއް ކަމަށްވާއިރު މިއީ އޭނާ އައިއެސްއެސްއަށް ދާ ހަތަރު ވަނަ ފަހަރެވެ.

އެ މީހުންނަށް މިއަދު އައިއެސްއެސްއަށް ދެވޭނެ ކަމަށް ބެލެވޭއިރު، އެ އެންމެން އެނބުރި އަންނާނީ އަށް ދުވަސް ފަހުންނެވެ. އެ މިޝަންގައި ބަރުނާވީ އާއި އަލް ގަރުނީ 20 އެކްސްޕެރިމެންޓެއް ހަދާނެއެވެ. އޭގެ ތެރޭގައި ކެންސަރުން ރައްކާތެރިވުމާ ބެހޭ ދިރާސާތަކާއި، އިންސާނުން ހަނދާއި މާސްގައި ދިރިއުޅޭ ނަމަ 'އާޓިފިޝަލް' ވާރޭ ވެހޭނެ ގޮތެއް ހެދުމާ ބެހޭ ދިރާސާތައް ކުރާނެއެވެ.

އެ ދަތުރުގެ ކުރިން ބަރުނާވީ ބުނީ ޖައްވަށްދާ ފުރަތަމަ އަރަބި އަންހެން މީހާއަށް ވުމަކީ އޭނާއަށް ލިބޭ ޝަރަފެއް އަދި އުފަލެއް ކަމަށެވެ. އަދި އައިއެސްއެސްގައި އޭނާ ކުރިއަށްގެންދާނެ ދިރާސާތަކަށާއި އެ ތަޖުރިބާ ކުޑަކުދިންނާ ހިއްސާކުރަން ކެތްމަދުވެފައިވާ ކަމަށް އޭނާ ބުންޏެވެ.

"އެކުދިން ނިސްބަތްވާ ސަރަހައްދުގެ އެސްޓްރޮނޯޓުންތަކެއް ފެނުމުން އެކުދިންގެ މޫނުމަތިން ފެންނަ ޝުއޫރުތައް ބަލަން ވަރަށް އުފާވޭ،" ބަރުނާވީ ބުންޏެވެ.

އެ މިޝަންގައި ބައިވެރިވާ ސައުދީގެ ދެ އެސްޓްރޮނޯޓުންނަކީ، 1985ގައި ސައުދީ އަމީރަކު ސްޕޭސް ޝަޓްލް 'ޑިސްކަވަރީ'ގައި ދަތުރުކުރެއްވި ފަހުން އެގައުމުގެ ބަޔަކު ޖައްވީ އުޅަނދެއްގައި ދަތުރުކުރާ ފުރަތަމަ ފަހަރެވެ.

އެ ދެ އެސްޓްރޮނޯޓުން ދަތުރުގައި ބައިވެރިވަނީ ސައުދީގެ ޚަރަދުގައެވެ. ނަމަވެސް އެ ދަތުރަށް ޚަރަދުވާ މިންވަރެއް އެ ގައުމުން ވެސް އަދި ސްޕޭސް އެކްސްއިން ވެސް ހާމައެއް ނުކުރެއެވެ.

comment ކޮމެންޓް