އިންޓަނެޓުން ތެދު މައުލޫމާތު ހޯދުމަށް ދަރިވަރުން ސަމާލުވާންޖެހޭ: ޑރ. އަޝްރަފް

ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަހީމް -- ސަން ފައިލް ފޮޓޯ/ މުހައްމަދު ހައްޔާން

ޒަމާނަށްއައި ބަދަލާއެކު މައުލޫމާތު ހޯދައި ލިބިގަތުމަށް މިއަދު ވަރަށްބޮޑަށް ފަސޭހަވެގެން ގޮސްފައިވާއިރު، ތެދު މައުލޫމާތު ހޯދައި ލިބިގަތުމަށް ދަރިވަރުން ސަމާލުވުމަށް ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް އިލްތިމާސްކުރައްވައިފިއެވެ.

ބ. ތުޅާދޫ ސްކޫލުގެ ވޭތުވެދިޔަ ތައުލީމީ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށް ދެއްވައި ދަރިވަރުންނާ ވާހަކަދައްކަވަމުން ޑރ. އަޝްރަފް ވިދާޅުވީ، ޒަމާނަށް އައި ކުރިއެރުމާއެކު މިއަދު އިންޓަނެޓް މެދުވެރިކޮށް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ފަސޭހަކަން އޭގެ އިންތިހާއަށް އަޅުގަނޑުމެނަށް ފަސޭހަވެގެން ހިނގައްޖެކަމަށެވެ.

މިއީ މިއަދުގެ ދަރިވަރުންނަށް ލިބިގެންދިޔަ ވަރަށްބޮޑު ފަސޭހައެއްކަން ފާހަގަކުރައްވަމުން ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ވިދާޅުވީ، އިންޓަނެޓްގެ އެކި ވަސީލަތްތައް ބޭނުންކުރުމަށް އިމެއްނެތި ފުރުސަތު ލިބިފައިވާއިރު، އޭގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް ވިސްނަންޖެހޭކަމަށެވެ.

ތުޅާދޫ ސްކޫލުގެ މިދިޔަ އަހަރުގެ ދިރާސީ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން--- ފޮޓޯ/ ތުޅާދޫ ސްކޫލް

އަޝްރަފް ވިދާޅުވީ، އިންޓަނެޓް މެދުވެރިކޮށް އެކިއެކި ވަސީލަތްތަކުން ހައްދެއްނެތި މައުލޫމާތުތައް ލިބޭއިރު، އޭގެން ލިބޭ މައުލޫމާތުގެ ތެދުކަން ކަށަވަރުކުރަންޖެހޭކަމަށެވެ. އެހެންނޫންނަމަ އެކަމުގެ ސަބަބުން އަޅުގަނޑުމެނަށް ލިބޭ ގެއްލުން ވަރަށް ބޮޑުވާނޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިކަމާ ގުޅިގެން އެމެރިކާގެ މަޝްހޫރު ލިޔުއްވުންތެރިއެއްކަމަށްވާ ޖޯން ނައިސްބިޓް ވިދާޅުވެފައިވާ މާނަފުން ބަސްކޮޅެއް އަޝްރަފް ވިދާޅުވެ ދެއްވިއެވެ.

"އަޅުގަނޑުމެން މައުލޫމާތުތަކެއްގެ ޚަޒާނާއެއްގެ ތެރެއަށް ގެނބިގެން އެބަދެއެވެ. އެހެންނަމަވެސް ޢިލްމަށް އަޅުގަނޑުމެން ވަނީ ފެންބޮވައިގެންފައެވެ"

ނައިސްބިޓްގެ ބަސްކޮޅާ ގުޅޭގޮތުން ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ވިދާޅުވީ، އެ ވާހަކައިން އަޅުގަނޑުމެންނަށް ދޭހަވާ އެއްޗަކީ، މިހާ ބައިވަރު މައުލޫމާތު އޮތްއިރުވެސް އިލްމެއް ނުލިބޭކަމެވެ.

އެހެންކަމުން އިންޓަނެޓްގެ ވަސީލަތްތަކުގެ ތެރެއިން ފޭސްބުކާއި، ޔޫޓިއުބް އަދި ޓިކްޓޮކް ފަދަ އެއްޗެހި ބޭނުންކުރަމުންދާއިރު، ތިމާއަށް އެންމެ މަންފާ ލިބޭގޮތަށް އެފަދަ ވަސީލަތްތައް ބޭނުންކުރުމުގެ މުހިއްމުކަން އަޝްރަފް ފާހަގަކުރެއްވިއެވެ.

ތުޅާދޫ ސްކޫލުގެ މިދިޔަ އަހަރުގެ ދިރާސީ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން--- ފޮޓޯ/ ތުޅާދޫ ސްކޫލް

"ރޮނާލްޑޯ ކޮންތާކަށްތޯ ދިޔައީ.. އޭނަ ކެއީ ކޮން އެއްޗެއްތޯ. ރޮނާލްޑޯ ބޮލުގައި މަގެއް ފަޅާއިރަށް އެކަމެއް ކުރަން އެބަޖެހޭ. އެކަމު އޭނަގެ އެ ހުންނަ އިލްމީ ހުނަރު، އޭނަގެ އެހުންނަ ފަންނުވެރިކަން، އޭނަގެ އެ ހުންނަ ގާބިލުކަމާއި ކެރުންތެރިކަން. އޭނަގެ އެ ހުންނަ ސާބިތުކަމާއި ކަންކަމާއި ކުރިމަތިލާ ކުރިމަތިލުންތައް.. މިއިން އެއްވެސް ކަމެއް ބަލާކަށެއް އަޅުގަނޑުމެނެއް ބޭނުމެއްނުވޭ. ބޭނުންވަނީ އޭނަ ކޮރެއް ޖެހީމައި ކޮރެއްޖަހަން،" އަޝްރަފް ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަދައްކަވަމުން އަޝްރަފް ވަނީ، ކާމިޔާބު މީހަކަށް ވާން ބޭނުންނަމަ މިއަދުގެ ދުނިޔޭގައި ފުރަތަމަ ކަމެއްގެ ގޮތުގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ތެރެއިން ރަނގަޅު މައުލޫމާތު ލިބިގަތުމަށް މަސައްކަތްކުރަންޖެހޭކަމަށް ދަރިވަރުންނަށް އިލްތިމާސްކުރައްވާފައެވެ.

ތުޅާދޫ ސްކޫލުގެ މިދިޔަ އަހަރުގެ ދިރާސީ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާއަށްފަހު، ތުޅާދޫ ސްކޫލުގެ ޓީޗަރުންނާއި މުއައްޒަފުން، ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފާއެކު ފޮޓޯއަކަށް ހުއްޓިލައިގެން --- ފޮޓޯ/ ތުޅާދޫ ސްކޫލް

މިއީ އަދުގެ ދުނިޔޭގައި ދަރިވަރުންނަށް ކުރިމަތިވެފައިއޮތް އެންމެ ބޮޑު ގޮންޖެހުންކަމަށްވެސް ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަދި ދިވެހި ބަހުގެ އިތުރުން އުރުދޫބަހުގެ އެދުރު ޑރ. އަޝްރަފް ޢަބްދުއްރަޙީމް ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް