މަޑުއްވަރީގައި ފިހުނު ނަރުހުގެ ހާލު ރަނގަޅު: ހޮސްޕިޓަލް

ރ. މަޑުއްވަރީ -- ފޮޓޯ: އެމްޓީސީސީ

ރ. މަޑުއްވަރީގައި ގޭސްފުޅިއެއް ގޮވައި ފިހުނު ނަރުހުގެ ހާލު ރަނގަޅު ކަމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.

އަންގާރަ ދުވަހުގެ ރޭ ބަގޭސްފުޅިއެއް ގޮވާ ފިހިފައިވަނީ މަޑުއްވަރީގައި މަސައްކަތް ކުރާ އިންޑިއާއަށް ނިސްބަތްވާ 36 އަހަރުގެ އަންހެން ނަރުހެކެވެ. އޭނާ ވަނީ މީގެ ކުރިން އެ އަތޮޅުގެ އެހެން ބައެއް ރަށްރަށުގައި ވެސް މަސައްކަތް ކޮށްފައެވެ.

އެ ކަން ހިނގީ އެ ރޭ ޑިއުޓީ ނިންމުމަށްފަހު 11:30ގައި ގެއަށް ގޮސް ކާން އުޅެނިކޮށްނެވެ. އެ ތަނުގައި ރޯވެ އޭނާ ފިހުމުން ވަގުތުން ވަނީ މަޑުއްވަރީ ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ.

އެ ރަށުގައި ފަރުވާ ދިނުމަށްފަހު އޭނާ ހަމަ އެ ރޭ ފޮނުވާލީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ އޭނާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި އޭނާގެ ހަށިގަނޑުގެ 45 އިންސައްތަ ފިހިފައިވާކަމަށް ވެސް ވިދާޅުވިއެވެ.

comment ކޮމެންޓް