މެރިޓައިމުގެ ދާއިރާއަށް ދިވެހިން ތަމްރީނުކުރަން އެމްއެސްއެސްއިން ސްކޮލާޝިޕްތަކެއް

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)އިން ގެނައި ފުރަތަމަ ބޯޓު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް ސްޓޭޓް ޝިޕިން ކޮމްޕެނީ، ޤައުމީ ޝިޕިން ލައިނުން މެރިޓައިމު ދާއިރާއަށް ދިވެހިން ތަމްރީނު ކުރުމުގެ ގޮތުން ސްކޮލާޝިޕްތަކެއް ހުޅުވާލައިފިއެވެ.

ރާއްޖެއިން ބޭރުން ދިވެހިން ތަމްރީނު ކުރުމަށް ހުޅުވާލި މި ސްކޮލާޝިޕްގައި ހިމެނެނީ ތިން ކޯހެކެވެ. އޭގެ ތެރޭގައި ހިމެނެނީ، ނެވިގޭޝަން އޮފިސަރު ކެޑޭޓް ޓްރެއިނިންގް ކޯހާއި، އިންޖީން އޮފިސަރު ކެޑޭޓް ޓްރެއިނިންގް ކޯހުގެ އިތުރުން ރީފަ ޓެކްނީޝަން ކޯހެވެ.

މިއިން ކޮންމެ ކޯހަކުން ވެސް ދެ މީހަކަށް ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން ނެވިގޭޝަން އޮފިސަރު ކެޑޭޓް ޓްރެއިނިންގް ކޯހާއި، އިންޖީން އޮފިސަރު ކެޑޭޓް ޓްރެއިނިންގް ކޯހަކީ، ތިން އަހަރު ދުވަހުގެ ކޯހެކެވެ.

މި ކޯހަށް ކުރިމަތިލުމުގެ ޝަރުތަކީ އޭލެވެލް ދެ މާއްދާ (ފިޒިކްސް މާއްދާއާ އެކު) ފާސްވެފައިވުމާއި، އުމުރުން 18 އަހަރާއި 21 އަހަރާއި ދެމެދުގެ މީހަކަށް ވުމެވެ. ކޯސް ނިންމުމަށް ފަހު ޤައުމީ ޝިޕިން ލައިނުގައި 18 މަސް ދުވަހުގެ މުއްދަތަށް އުޅެން ޖެހެއެވެ.

ރީފަ ޓެކްނީޝަން ކޯހުގެ މުއްދަތަކީ 12 މަސް ދުވަހެވެ. މި ކޯސް ފުރުހަމަ ކުރުމަށް ފަހު އެއް އަހަރު ދުވަހުގެ މުއްދަތަކަށް ޝިޕިން ލައިނުގައި މަސައްކަތް ކުރަން ޖެހެއެވެ.

މި ކޯސްތަކަށް ވަނުމަށް ފޯމް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީހަކީ މި އަހަރުގެ ޑިސެމްބަރު މަހުގެ 31ވަނަ ދުވަހެވެ.

މެރިޓައިމު ދާއިރާއަށް ބޭނުންވާ ކެޕްޓަނުންނާއި އިންޖިނިއަރުން ތަމްރީނުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރިއަށްއޮތް ތިން އަހަރުތެރޭގައި 30 އޮފިސަރުން ތަމްރީނު ކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.

އެސްޓީއޯގެ ދަށުން ހިންގަމުން އަންނަ ޤައުމީ ޝިޕިން ލައިނުން ވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހު ކޮންޓެއިނަ އުފުލާ ބޮޑު ބޯޓެއް ގެނެސް ބޮޑު މުސާރައާ އެކު ގިނަ އަދަދެއްގެ ވަޒީފާތައް ވެސް ހުޅުވާލައިފައެވެ.

ޤައުމީ ޝިޕިން ލައިނުގެ މަސައްކަތްތަކާއި ބެހޭގޮ ތުން މީގެ ކުރިން ވާހަކަދައްކަވަމުން މޯލްޑިވްސް ސްޓޭޓް ޝިޕިންގެ އޭރުގެ މެނޭޖިންގް ޑިރެކްޓަރ ޢަބްދުﷲ ސަޢީދު ވިދާޅުވެފައިވަނީ، ޤައުމީ ޝިޕިންލައިން ކާމިޔާބުވާނީ ރާއްޖޭގެ މެރިޓައިމް ތައުލީމަށް އިސްކަންދޭވަރު ބޮޑުކޮށް، ދިވެހިންނަށް މި ދާއިރާއިން ތައުލީމާއި ތަމްރީނުތައް ހޯދައިދީގެން ކަމަށެވެ.

ޝިޕިން ލައިނުގެ ވިޔަފާރީގައި މީގެ އަހަރުތަކެއް ކުރިއަށް ބަލައިރު، ރާއްޖެއަކީ އެއް އިރެއްގައި މި ސަރަހައްދުގައި އެންމެ ވަރުގަދަ ޝިޕިންލައިން އޮތް ޤައުމެވެ. ތާރީހުގެ ލިޔުންތަކަށް ބަލާއިރު، ކުރީގެ ރައީސް އިބްރާހީމް ނާސިރު ވެރިކަން ނިމި، ރައީސް މައުމޫނު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވިއިރު، 1978 ހިސާބުގައި ރާއްޖޭގެ ޤައުމީ ޝިޕިން ލައިނުގައި 44 އާގުބޯޓު ދުއްވަމުން ދިޔައެވެ.

މި ބޯޓުތަކުގައި ގާތްގަނޑަކަށް 1054 ދިވެހިން ވަޒީފާ އަދާކުރަމުން ދިޔައެވެ. ދައުލަތުގެ ބައިތުލްމާލަށް ލިބޭ އާމްދަނީގެ 22 އިންސައްތައަކީ އާގުބޯޓުފަހަރު ދުއްވައިގެން ލިބޭ އާމްދަނީކަމަށް ލިޔުންތަކުން ފެންނަން އެބަހުއްޓެވެ.

comment ކޮމެންޓް