ހއ.ދިއްދޫގައި އިސްލާމިކް ސެންޓަރެއް އިމާރާތްކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
ދިއްދޫގައި މިސްކިތެއް އިމާރާތްކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީން އޮފް އިސްލާމިކް އެފެއާޒާ އެކު ސޮއިކުރީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުންނެވެ.
ރަޝީދު ކާޕެންޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޑިރެކްޓާ އާދަމް ރަޙީމެވެ. އަދި، މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީއެވެ.
އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި އެ މަސައްކަތް ވީހާ ވެސް އަވަހަކަށް ފަށާ، ބާރު ސްޕީޑުގައި ކުރިއަށް ގެންދެވުމަށް އެދިވަޑައިގެންނެވިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ 540 ދުވަސް ތެރޭގައި ނިންމުމަށް ކަނޑައަޅާ ހަވާލުކުރި މި މިސްކިތް ހެދުމަށް ޖުމުލަ 50.9 މިލިއަން ރުފިޔާ ޚަރަދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެހެން މިސްކިތްތަކާ ތަފާތު މި މިސްކިތަކީ ޒަމާނީ ޑިޒައިނަށް ހަދާފައިވާ ވަރަށް ޖާގަ ތަނަވަސް މިސްކިތެކެވެ. އެގޮތުން މި ސެންޓަރުގައި އެއްފަހަރާ 1500 މީހުނަށް ނަމާދުކުރެވޭ އިރު، 450 މީހުންގެ ޖާގައިގެ މަލްޓިޕާޕަސް ހޯލެއް ހުންނާނެއެވެ.
މީގެ އިތުރުން އިދާރީ އޮފީހަކާއި، ލައިބްރަރީ އަކާއި ހަތަރު ކްލާސް ރޫމް އަދި، ދެ ސެމިނާ ރޫމާއި ޕޭންޓްރީއެއް ހުރެއެވެ.
އާބާދީގައި ގާތަގަނޑަކަށް 5000 މީހުން އުޅޭ ދިއްދޫގައި އިމާރާތް ކުރާ މުޅި މި މިސްކިތް އޭސީކޮށްފައިވާ އިރު ކަރަންޓަށް ކުރާ ޚަރަދު ކުޑަކުރުމުގެ ގޮތުން އިއާދަކުރަނިވި ހަކަތަ ބޭނުންކުރުވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.