ރާއްޖޭގައި 250އަށް ވުރެ ގިނަ ހާފިޒުން ތިއްބައި ތަރާވީޙް ނަމާދުކުރަން ބޭރު ހާފިޒުން ހޯދަނީ

އިސްލާމީ މަރުކަޒުގައި ކުރި ތަރާވީޙް ނަމާދެއްގައި: ރާއްޖޭގައި 250އަށް ވުރެ ގިނަ ހާފިޒުން ތިއްބައި ތަރާވީޙް ނަމާދުކުރަން ބޭރު ހާފިޒުން ހޯދަނީ -- ސަން ފޮޓޯ

ރާއްޖޭގައި 250އަށް ވުރެ ގިނަ ހާފިޒުން ތިބިއިރު، ކުރިއަށް އޮތް ރަމަޟާން މަހު އިމާމުވެ ތަރާވީޙް ނަމާދު ކުރުމަށްޓަކައި ރާއްޖޭން ބޭރުން ހާފިޒުން ހޯދަން ބައެއް ކައުންސިލްތަކުން އިއުލާނުކޮށްފިއެވެ.

ގެޒެޓުގައިވާ ގޮތުން މިހާތަނަށް ހާފިޒުން ގެނައުމަށް ހަތް ރަށަކުން އިއުލާނުކުރިއިރު، އޭގެ ތެރެއިން ހަތަރު ރަށަކުން އިއުލާނުކޮށްފައިވަނީ ހަމައެކަނި ބޭރުން ހާފިޒުން ގެނައުމަށެވެ.

އެ އިއުލާނުތަކުގައިވާ ގޮތުން ހާފިޒުން ގެނައުމަށް ޝައުގުވެރިވާ ފަރާތްތަކުން ވަކި ތާރީޚެއްގެ ކުރިން އަގުތައް ބަޔާންކޮށް، ކައުންސިލްތަކުގެ އިދާރާތަކަށް ހުށަހަޅަން ޖެހެއެވެ.

އިއުލާނުގައިވާ ގޮތުން ހާފިޒުން ގެންނަން ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން ކުރަންޖެހޭނެ ކަންކަމަކީ:

  • ބޭރުން ގެންނަ ހާފިޒުން ގެނައުމަށް ބޭނުންވާ އެންމެހާ ހުއްދައާއި ހާފިޒުން ރާއްޖެ ގެނައުމަށް ބޭނުންވާ ވިސާ ހަމަޖެއްސުން.
  • ހާފިޒުން ރާއްޖެ ގެނެސް ރަށާ ހަމައަށް ގެންގޮސްދިނުން.
  • ހާފިޒުން މާލޭގައި ހުންނަ ދުވަހުގެ ކެއުމާއި ހުރުން ހަމަޖެއްސުން.
  • ރަމަޟާން މަސް ނިމުމުން އަނބުރާ ހާފިޒު ފޮނުވައިލުން.
  • އިންޝުއަރެންސްގެ ކަންކަން ހަމަޖެއްސުން.

ކައުންސިލްތަކުން ބޭރުގެ ހާފިޒުން ހޯދުމަށް އިއުލާނުކުރަމުންދާއިރު އިސްލާމިކް މިނިސްޓްރީން ވަނީ އަންނަ ރަމަޟާން މަހު ރާއްޖޭގެ މިސްކިތްތަކުގެ ހިފްޡުކޮށް އިމާމުވެ ތަރާވީޙް ނަމާދު ކުރުމަށް ރާއްޖޭން ބޭރުގެ ހާފިޒުން ގެނައުމުގެ އުސޫލެއް އެކުލަވާލައިފައެވެ.

ބަޔަކު ތަރާވީހް ނަމާދު ކުރަނީ -- ސަން ފޮޓޯ/ މުހައްމަދު މާވީ

މި ހިނގާ ނޮވެމްބަރު މަހުގެ 19ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީން އެކުލަވާލައި އާންމުކުރި އުސޫލުގައިވާ ގޮތުން ބޭރުން ހާފިޒުން ގެނައުމުގެ ހުއްދައަށް އެދޭ ފޯމު މި ފެށޭ ޑިސެމްބަރު މަހުގެ 15ވަނަ ދުވަހުގެ މެންދުރު ދޭއް ޖެހުމުގެ ކުރިން ރަށްރަށުގެ ކައުންސިލްތަކުގެ އިދާރާތަކަށް ހުށަހަޅަން ޖެހޭނެއެވެ. އެ އުސޫލުގައިވާ ގޮތުން އަންނަ ޖެނުއަރީ މަހުގެ ފަސްވަނަ ދުވަހުގެ މެންދުރު ދޭއް ޖެހުމުގެ ކުރިން ރަށްރަށުގެ ކައުންސިލް އިދާރާތަކުން ފޯމާއި ލިއުންތައް މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެ ކަމަށްވެސް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

މިނިސްޓްރީގެ އުސޫލުގައިވާ ގޮތުން ބޭރުގެ ހާފިޒުން އިމާމުވެ ތަރާވީޙް ނަމާދުކުރާ ކޮންމެ ރެއަކަށް 200 ރުފިޔާގެ މަގުން ކައުންސިލްތަކަށް އެލަވަންސް ދެވޭނެއެވެ.

https://sun.mv/212012

ފާހަގަކުރެވޭ ގޮތުގައި ރާއްޖޭގައި މިވަގުތު 284 ހާފިޒުން އެބަތިބި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވެއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 30ވަނަ ދުވަހު މީޑިއާތަކާ ހިއްސާކުރެއްވި މެސެޖެއްގައި މިނިސްޓަރު ވިދާޅުވީ، އެ ވަގުތާ ހަމައަށް ހާފިޒު ކަމުގެ ސަނަދު ހާސިލުކުރި މީހުންގެ އަދަދު 284އަށް އަރާފައިވާ ކަމަށާއި މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭ އެ އަދަދު 500އަށް އަރާނެ ކަމަށެވެ.

އެ ހާފިޒުންގެ ތެރޭގައި ގިނައީ ޒުވާނުންނާއި ސްކޫލަށް ދާ އުމުރުގެ ކުޑަކުދިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ހާފިޒުންގެ ތެރޭގައި ގިނަ އަދަދަކަށް އަންހެނުންނާއި އަންހެން ކުދިން ވެސް ހިމެނެއެވެ.

މިދިޔަ އޮގަސްޓު މަހުގެ ކުރީކޮޅު، ހާފިޒުންގެ އެލަވަންސް 2،000 ރުފިޔާއިން 4،000 ރުފިޔާއަށް ބޮޑުކޮށްފައިވެއެވެ.

ދީނީ އިލްމު އުނގެނުމާއި، ޤުރުއާން ހިތުދަސްކޮށްދިނުމަށް ސަރުކާރުގެ ފަރާތުން ކޮށްދޭންޖެހޭ ކަންކަން މި ދައުރުގައި ވަރަށް ބާރަށް ކުރިއަށްގެންދަވާނެ ކަމަށް ޝަހީމް މީގެ ކުރިން ވިދާޅުވިއެވެ.

comment ކޮމެންޓް