ކޭ ޕާކް މައްސަލައިގައި މަންޑޭގެ އޮފީސްތައް ރެއިޑް ކުރަނީ

ހަންބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާ އޮންނަ ހަސަން މަމްދޫހް (މަންޑޭ) ---

ކޭ ޕާކު ފްލެޓުތައް ވިއްކުމުގެ ނަމުގައި މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދާފައިވާ ކަމަށް ތުހުމަތުކޮށް ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައިގައި ޙަސަން މަމްދޫހް (މަންޑޭ)ގެ އޮފީސްތައް ރެއިޑް ކުރަން ފުލުހުން ފަށައިފިއެވެ.

މަންޑޭއަކީ ކޭ ޕާކު ފްލެޓުތައް ތަރައްގީކުރަމުން އަންނަ ހަންބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރެވެ. އެނގިފައިވާ ގޮތުގައި، މަންޑޭގެ ބައެއް އޮފީސްތަކުގެ ދޮރު ވައްޓާލައިގެން ވެސް މިހާރު ފުލުހުން ވަނީ ވަދެފައެވެ. ގިނައިން މަންޑޭގެ އޮފީސްތައް ހުންނަނީ ހުޅުމާލޭގައެވެ.

މިކަމާ ގުޅިގެން ފުލުހުން އަދި ވަކި އެއްޗެއް އަދި ނުބުނެއެވެ.

ހަންބޯ ކުންފުންޏާއި އާބަންކޯއިން ވަނީ ކޭޕާކް ފްލެޓް ވިއްކަން މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލަ ފުލުސް އޮފީހަށް ހުށަހަޅާފައެވެ.

ހަންބޯ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ ހިއްސާދާރުުންނަކީ ޗައިނާގެ ރައްޔިތެއް ކަމަށްވާ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި އެ ކުންފުނީގެ 95 އިންސައްތަ ހިއްސާ އޮންނަ ޖިން ޝިހޫ އާއި މައިނޯރިޓީ ހިއްސާ އޮންނަ ޙަސަން މަމްދޫހް (މަންޑޭ) ކަމަށެވެ.

އެގޮތުން، އެ ކުންފުނީގެ ފަރާތުން ތަރައްގީކުރަމުންދާ ކޭ ޕާކް ރެސިޑެންސްގެ އެޕާޓްމަންޓުތައް ކުންފުންޏަށް ނޭނގި، ގިނަ އަދަދެއްގެ ބަޔަކަށް މަކަރާއި، ހީލަތާއި، އޮޅުވާލުމުގެ ތެރެއިން، މަމްދޫހާއި ޖައިޝަން ސައީދު ނަމަކަށް ކިޔާ މީހަކު ވިއްކާފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ. އަދި އަގުބޮޑު ތަކެތި އެމީހުންގެ އަތުން ހޯދާފައި ވާކަން އެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

ހަންބޯއިން ބުނީ، އެ ކުންފުނީގެ ބޭންކް އެކައުންޓް ހުޅުވާފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ކަމަށެވެ. ނަމަވެސް، ބައެއް ކަސްޓަމަރުންގެ އަތުން މަމްދޫހް ފައިސާ ހޯދާފައިވަނީ ކުންފުނީގެ އެމްޑީގެ ސޮއި ފޯޖުކޮށް، ބީއެމްއެލްގައި ހުޅުވާފައިވާ ރުފިޔާ އަދި ޑޮލަރު އެކައުންޓެއް މެދުވެރިކޮށް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ އެކައުންޓަށް ގިނަ އަދަދެއްގެ ރައްޔިތުން ޖަމާކުރި ފައިސާ ވެސް އެ އެކައުންޓުން މަމްދޫހު ނަގާފައިވާ ކަމަށް ހަންބޯއިން ތުހުމަތުކުރެއެވެ.

އެ ތުހުމަތުތައް ދޮގުކޮށް، މަންޑޭ މީގެ ކުރިން ބުނެފައިވަނީ ކޭޕާކް ޕްރޮޖެކްޓް މައްސަލައިގައި ރާއްޖޭގެ ލޯކަލް އެޖެންޓުގެ ހިއްސާދާރުންގެ މެދުގައި މައްސަލަޖެހިފައިވާ ކަމަށް ބުނާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. ކޭޕާކް ފްލެޓްތަކުގައި ބިއްލޫރިޖެހުމުގެ މަސައްކަތް ނެގި ދިވެހި ފަރާތާއި ގުޅިގެން ހިންގާފައިވާ އަމަލެއް ކަމަށެވެ.

މިގޮތުން މިއީ ހަމްބޯ މޯލްޑިވްސް އަނެއް ހިއްސާދާރު ޗައިނާގެ ޖިން ޝީ ހޫ ކުންފުނީގެ ބޯޑު ސެކެޓްރީކަމަށް، ކޭޕާކް ފްލެޓްތަކުގައި ބިއްލޫރިޖެހުމުގެ މަސައްކަތް ނެގި ދިވެހި ކޮންޓްރެކްޓަރު އައްޔަނުކުރުމަށް ހުށަހެޅުމުން އެކަމާއި ދެކޮޅު ހެދުމުން ރާވާފައިވާ ރޭވުމެއްކަމަށް މަންޑޭ ވަނީ ބުނެފައެވެ.

މަންޑޭ ވަނީ މިހާރު އުފެދިފައިވާ މައްސަލައާއި ގުޅިގެން ކޭޕާކް އެޕާޓްމަންޓް ގަނެފައިވާ ފަރާތްތަކަށްއި ދައުލަތުގެ ކަމާއިބެހޭ ފަރާތްތަކަށް އޭނާގެ އެއްބާރުލުން ލިބިގެންދާނޭ ކަމުގެ ޔަގީންކަން ދީފައެވެ.

ފުލުހުން ވަނީ، ކޭ-ޕާކް ރެސިޑެންސަސްއިން އެޕާޓްމަންޓްތަކެއް ވިއްކައި، މަކަރާއި ހީލަތުން މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދާފައިވާ މައްސަލައިގައި ޝަކުވާއެއް އޮތް ނަމަ އެކަން އެންގުމަށް މީގެ ކުރިން އެދިފައެވެ.

މި މައްސަލައިގައި މަންޑޭގެ އިތުރުން ތުހުމަތުކުރެވޭ ބިދޭސީއަކާއި ދިވެއްސެއްގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފައެވެ. އަދި މި މައްސަލައިގައި ޝާމިލުވާ އާބަންކޯގެ މުވައްޒަފަކު ވެސް ވަނީ ސަސްޕެންޑްކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް