7 ރަށެއްގައި ހޮސްޕިޓަލް އަޅަން ފެށޭ ހަފުތާގައި ހަވާލުކުރަނީ

ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ ހަތް ރަށެއްގައި ހޮސްޕިޓަލް އެޅުމަށް މި ފެށޭ ހަފުތާގައި އެ މަސައްކަތުގެ ކޮންޓެކްޓަރުންނާ ހަވާލުކުރާނެ ކަމަށް، ރަައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ރޭ ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ރައީސް ޞާލިޙު ވިދާޅުވީ، ދިވެހިންނަކީ ވަކި ވަކި ރަށްތަކެއްގައި ދިރިއުޅޭ ޖަޒީރާވަންތަ ބައެއް ކަމަށެވެ. އަދި ދިވެހިންނަކީ އެއް ރަށުން އަނެއް ރަށަށް އަބަދުވެސް ދަތުރު ކުރަން ޖެހޭ ބައެއްކަން ފާހަގަކުރައްވައި ރައީސް ވަނީ ކޮވިޑުގެ ހާލަތަށް އަލިއަޅުއްވާލައްވައިފައެވެ.

އެގޮތުން ކޮވިޑު ދުވަސްވަރު ގޮތަށް ފުރަބަންދެއްގައި ތިބެން ޖެހިއްޖެ ހާލަތެއްގައި ސިއްހީ ޚިދުމަތް ފުރިހަމައަށް ލިބޭނީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ސިއްހީ ޚިދުމަތް ފަސޭހައިން ލިބޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމުން ކަމަށް، އެމަނިކުފާނު ވިދާޅުވިއެވެ.

ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

"އެކަމަށްޓަކައި އަޅުގަނޑުމެން އެކުލަވައިލި، ނެޝަނަލް ސްޕޭޝަލް ޕްލޭނާ އެއްގޮތަށް ފަސް ދާއިރާއެއްގައި ފަސް ޓާޝަރީ ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަސައްކަތް ދަނީ ބާރަށް ކުރިއަށް. އޭގެ ތެރެއިން ބައެއް ހޮސްޕިޓަލުތަކުގައި ކުރިން ނެތް ބައެއް ޚިދުމަތްތައް ގާއިމުކޮށް، މިހާރު ޚިދުމަތްދޭން ވަނީ ފެށިފައި،" ރައީސް ވިދާޅުވިއެވެ.

އޭގެ ތެރޭގައި ސީޓީ ސްކޭން، އެމްއާރްއައި، މެމޮގްރަފީ އަދި ލެބޯރެޓަރީގެ ޚިދުމަތްތަކާއި އަދި ދަތުގެ ފަރުވާގެ ޚިދުމަތްތައް ވެސް މިހާރު ދެމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޞާލިޙު ވިދާޅުވި ގޮތުގައި، އެކި ރަށްރަށުގައި، ސަރުކާރުން އެޅުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލްތަކުގެ މަސައްކަތް ވެސް ކުރިއަށް އެބަދެއެވެ. އެގޮތުން ހަތް އަތޮޅެއްގެ ހަތް ރަށެއްގައި ކުވައިތު ފަންޑުގެ އެހީގައި އެޅުމަށް ނިންމާފައި އޮތް ހަތް ހޮސްޕިޓަލްގެ ބިޑިން މަރުޙަލާ ނިމި، މަސައްކަތްކުރާނެ ބަޔަކު ހޮވި، ފެށޭ ހަފުތާގެ ތެރޭގައި އެ މަސައްކަތް ކުންފުނިތަކާ ހަވާލުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހޮސްޕިޓަލު އަޅަން ހަމަޖެހިފައިވާ ހަތް ރަށަކީ:

  • ހދ. ހަނިމާދޫ
  • ށ. މިލަންދޫ
  • ނ. ވެލިދޫ
  • ކ. ތުލުސްދޫ
  • އދ. މާމިގިލި
  • ވ. ފެލިދޫ
  • ތ.ވިލުފުށި

މިއިން ކޮންމެ ހޮސްޕިޓަލެއްގައި 30 އެނދާއެކު އިތުރު ޚިދުމަތްތައް ލިބެން ހުންނާނެ ކަން ރައީސް ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، ސިއްހީ ދާއިރާގެ ޢުމްރާނީ ތަރައްގީއާއެކު، ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކަށް ބޭނުންވާ ވަސީލަތްތައް ހަމަކުރުމަށް ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކެއްގައި ޑިޖިޓަލް އެކްސްރޭ ގާއިމުކުރުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން މިހާރު ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސިއްހީ ދުޅަހެޔޮކަމާ އެއްވަރަށް ސަމާލުކަން ދޭންޖެހޭ ވަރަށް މުހިންމު އެހެން ދާއިރާއެއް ވެސް އެބައޮތް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެއީ އެތައް އަހަރެން ވަންދެން އިހުމާލުކޮށްލެވިފައި އޮތް، ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާ ކަމަށެވެ.

"އެކަމަށް ވިސްނައި، 2019 ވަނަ އަހަރު އަޅުގަނޑުމެން ވާނީ، ނަފްސާނީ ފަރުވާ ދޭ މަރުކަޒެއް، އައިޖީއެމްއެޗްގައި ގާއިމުކޮށްފައި. އަދި ސެންޓްރަލް އެންޑް ރީޖަނަލް މެންޓަލް ހެލްތު ސާވިސަސް ޑިވެލޮޕްމަންޓް ޕްލޭނުގެ ދަށުން، ރާއްޖޭގެ ފަސް ސަރަޙައްދެއްގައި ސައިކޭޓްރިކް ޚިދުމަތް މިހާރު ވަނީ ޤާއިމުކުރެވިފައި،" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވިދާޅުވީ މިހާރު ވެސް މި ދާއިރާއަށް ހާއްސަ އިސްކަމެއްދީގެން އިތުރު މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންކަމުން، ހެލްތު މިނިސްޓްރީން މިހާރު އެކަމަށް ފަށާފައިވާ މަސައްކަތް ހަލުވިކަމާއެކު ފުޅާކޮށް ކުރިއަށް ގެންދިއުމަށް ރައީސް، އިލްތިމާސްކުރެއްވިއެވެ.

comment ކޮމެންޓް