ތަފާތު ޚިދުމަތްތަކަކާއެކު ޓީއެފްޖީގެ އައު ޖިމް ރައީސްް ހުޅުއްވައިދެއްވައިފި

ޓީއެފްޖީގެ އައު ޖިމް ހުޅުއްވައިދެއްވުމަށްފަހު ރައީސް އެ ޖިމް ބައްލަވައިލައްވަނީ --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ޓޯޓަލް ފިޓްނެސް ގުރޫޕް (ޓީއެފްޖީ)ގެ އައު ޖިމް ތަފާތު ޚިދުމަތްތަކަކާއެކު ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ހުޅުއްވައިދެއްވައިފިއެވެ.

ރައީސްގެ ދެކަނބަލުން ވަނީ ޓީއެފްޖީގެ އައު ޖިމަށް މިއަދު ހެނދުނު ޒިޔާރަތް ކުރައްވައިފައެވެ. އަދި އެ ޖިމުގެ ޚިދުމަތްތައް ބައްލަވައިލައްވާފައެވެ.

ޓީއެފްޖީގެ ސީއީއޯ ހުސައިން ޒިނާން މިއަދު "ސަން"އަށް ވިދާޅުވީ 2010ވަނަ އަހަރު ޓީއެފްޖީ ފެށިއިރު ވެސް އެންމެ ބޮޑަށް ވިސްނީ ޖާގަބޮޑު، ކަސްޓަމަރުންނަށް އަރާމު މާހައުލެއްގައި ކަސްރަތު ކުރެވޭނެ ސެންޓަރެއް ހެދުން ކަމަށެވެ.

"އަނެއްކާ ވެސް 13 އަހަރަށްފަހު އަޅުގަނޑުމެން އައު ސެންޓަރަކަށް ބަދަލުވީއިރު އަޅުގަނޑުމެން އެއަށްވުރެ ވެސް ޖާގަބޮޑުކޮށް، އަދި އޭގެ އިތުރަށް ފެކްޗުއަލް ޓްރޭނިން މި ކިޔާ ސައިންޓިފިކް ޓްރެއިނިންއާ އެއްކޮށް މިޒާޖުގެ ސެންޓަރެއް މި ހެދީ،" ޒިނާން ވިދާޅުވިއެވެ.

ޓީއެފްޖީގެ ސީއީއޯ ހުސައިން ޒިނާން "ސަން"އަށް އިންޓަވިއު ދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ހަތަރު ފްލޯއަކަށް ހަދައިފައިވާ އެ ޖިމްގައި އެއްފަހަރާ 200 މީހުންނަށް ކަސްރަތު ކުރެވޭނެ ކަމަށް ޒިނާން ވިދާޅުވިއެވެ. އަދި ފުރަތަމަ ބުރީގައި ހުންނާނީ ޓީއެފްޖީއާއެކު ޕާޓްނާޝިޕް ހަދައިފައިވާ ކެފެޓީރިއާއާއި މިނީ މާޓްގެ ޚިދުމަތް ފޯރުކޮށްދޭ ބައެކެވެ.

މިހާ ޖާގަބޮޑުކޮށް ޖިމް ފަރުމާކޮށްފައިވާއިރު، ގުރޫޕް އެކްސަސައިޒް، ފިޓްނެސް ޓެސްޓިންފަދަ ޚިދުމަތްތައް ދޭނެއެވެ. އަދި ޖިމްގެ ތެރޭގައި އެކަހެރިކޮށް ކަސްރަތުކޮށްލަން ބޭނުންނަމަ ޕްރައިވެޓް ޖިމްއެއްގެ ޚިދުމަތް ވެސް ލިބޭނެއެވެ.

"މުޅި އިމާރާތް ވެސް ޑިޒައިންކޮށްފައި މި ހުރީ ޑިސްއޭބިލިޓީ އެކްސެސްއާއި އެކަހަލަ މައިނާ ޑީޓެއިލްއަށް ވިސްނިގެން،" އޭނާ ވިދާޅުވިއެވެ.

ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ޓީއެފްޖީ ޖިމްގައި ތަޖުރިބާކޮށްލައްވަނީ --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ޒިނާން ވިދާޅުވީ މި ޕްރޮޖެކްޓަކީ 2019 ވަނަ އަހަރު ފެއްޓި ޕްރޮޖެކްޓެއް ކަމަށެވެ. އޭރު ފެއްޓި ޕްރޮޖެކްޓާއެކު ފުރަތަމަ ކުރިމަތިވީ ކޮވިޑްގެ އުނދަގޫކަމަށް އޭނާ ވިދާޅުވިއެވެ.

"އެނގިލައްވާނެ ކަންނޭނގެ ފިޓްނަސް އިންޑަސްޓްރީއަށް ވަރަށް އުނދަގޫތައް ކުރިމަތިވި. އޭގެ ތެރޭގައި ފިޓްނެސް ސެންޓަރުތައް ގިނަ ދުވަސްތަކަކަށް ބަންދުވުން، ދުރުދުރުގައި މީހުން ކަސްރަތުކުރާނެ މާހައުލު އުފައްދަން ޖެހުން، ދެން ވެންޓިލޭޝަން ނެތުން،" ޒިނާން ވިދާޅުވިއެވެ.

އެހެންވެ، މި ޖިމް ޑިޒައިންކުރުމުގައި އެފަދަ ހާލަތްތަކަށް ވެސް ވިސްނައިފައިވާނެ ކަމަށާއި ވެންޓިލޭޝަަންގެ ޚިދުމަތް ވެސް ލިބޭނެ ކަމަށެވެ.

ޓީއެފްޖީގެ އައު ޖިމް ހުޅުއްވައިދެއްވުމަށްފަހު ރައީސް ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ގްރޫޕް ފޮޓޯއަކަށް ހުއްޓިގެން --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

މިއަދު ޓީއެފްޖީގެ އައު ޖިމް ވަނީ ޓުއާއަށް ހުޅުވައިލައިފައެވެ. އެއަށްފަހު މާދަމާ ހިދުމަތްދޭނީ ހާފް ޑޭ އަށެވެ. ނޯމަލް އޮޕަރޭޝަން ފަށާނީ އަންނަ އާދީއްތަ ދުވަހު ފަތިހު 5:30އިން ފަށައިގެންނެވެ.

ޓީއެފްޖީގެ ޖިމްގައި ރެޖިސްޓާ ކޮށްލެވޭނީ އެ ތަނަށް ގޮސްގެންނެވެ.

comment ކޮމެންޓް