ކުޑަކުދިންތަކަކާ އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ޓީޗަރަކު ހައްޔަރަށް

ކުޑަކުދިންތަކަކާ އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރީ 38 އަހަރުގެ ފިރިހެނެއް ---

ދެކުނުގެ ރަށެއްގައި ކުޑަކުދިންތަކަކާ އެއްޖިންސުން ގުޅުންހިންގި ކަމުގެ ތުހުމަތުގައި އެ ރަށު ސްކޫލްގައި ޤުރުއާން ކިޔަވައިދޭ ފިރިހެން ޓީޗަރަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 38 އަަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ، ދެކުނުގެ އަތޮޅުތަކުގެ ތެރެއިން، މ، ފ، ދ، ތ އަދި ލ. އަތޮޅުގެ ސަރަހައްދުގައި ހިމެނޭ ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް މިދިޔަ ހޮނިހިރު ދުވަހު ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު، ކޯޓު އަމުރެއްގެ ދަށުން 38 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބެހެއްޓުމަށް 30 ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެކަމާ ގުޅިގެން ފުލުހުން އިތުރު ތަފްސީލެއް ހާމަކޮށްފައިނުވާއިރު، މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ފުލުހުން ބުނި ގޮތުގައި، ކުޑަކުދިންނާ ގުޅުންހުރި، މައްސަލަތަކަކީ ސީރިއަސް މައްސަލަތަކަށް ވާތީ، ކުއްޖާގެ ވަނަވަރު ހާމަނުކުރީ، އެ ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުންނެވެ.

މިކަން ހިނގާފައިވާ ރަށު ކައުންސިލުގެ ނައިބު ރައީސް މިއަދު "ސަން"އަށް ވިދާޅުވީ މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އެ ރަށު ސްކޫލުގެ ޤުރުއާން ފިރިހެން މުދައްރިސެއް ކަމަށެވެ. އޭނާ ބުނި ގޮތުގައި އޭނާގެ މައްޗަށް ކުރަނީ، ކުޑަކުދިންތަކަކާ އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތެވެ.

comment ކޮމެންޓް