ޗާގޯސްގެ މައްސަލައިގައި އުޅުނު ބޭފުޅުންގެ އިތުބާރު ނެތްކަމުގެ މައްސަަލައެއް މަޖިލީހަށް ވައްދަނީ

ޗާގޯސްގެ މައްސަލައިގައި ސަރުކާރާ ދެކޮޅަށް ކުރީގެ ބަންޑާރަ ނައިބުންނާއި ސިޔާސީ ޕާޓީތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން --

ޗާގޯސް މައްސަލައިގައި ދިވެހި ސަރުކާރުގެ ފަރާތުން މަސައްކަތްކުރެއްވި ބޭފުުޅުންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ޓަކައި އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދުމުގެ މަސައްކަތް އެމްޑީޕީ ނޫން އެހެން ޕާޓީތަކުގެ މެމްބަރުންނާ ގުޅިގެން ކުރައްވަމުން އަންނަކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އަށް ނިސްބަތްވާ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ޗާގޯސްގެ މައްސަލައިގައި ސަރުކާރާ ދެކޮޅަށް ކުރީގެ ބަންޑާރަ ނައިބުންނާއި ސިޔާސީ ޕާޓީތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަދައްކަވަމުން އުޝާމް ވިދާޅުވީ ޗާގޯސް މައްސަލައިގައި ދިވެހިންނަށް ލިބުނު ފައިދާއެއް ނެތްކަމަށެވެ. އެއީ ސަރުކާރުން ޒިންމާވާންޖެހޭނެކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން މި ކަމުގައި އުޅުއްވި ބޭފުޅުންނާ ދެކޮޅަށް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެކަމަށް އުޝާމް ވިދާޅުވިއެވެ.

"މި ކަމުގައި އަަޅުގަނޑުމެންނާ މި ވާހަަކަދެއްކެވި ބޭފުޅުންނާ ގުޅިގެން ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް އިތުބާރު ނެތްކަމުގެ މައްސަލަތަކެއް ވައްދާނަން އެކަމުގައި އުޅުނު ބޭފުޅުންގެ މައްޗަށް،" އުޝާމް ވިދާޅުވިއެވެ.

އެ މަސައްކަތް ކުރިއަށްދާ މިންވަރަކުން ތަފްސީލް ހާމަކުރައްވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ގާނޫނުގައި ރާއްޖޭގެ ޚާއްސަ އިގްތިޞާދީ ސަރަހައްދަކީ 200 ނޯޓިކަލް މޭލުކަމަށް ކަނޑައަޅައިފައި ވާކަމަށެވެ. ނަމަވެސް ސަރުކާރުން އެއީ ރާއްޖެއަށް ކޮންމެހެން ލިބެންޖެހޭ ސަރަހައްދެއް ނޫންކަމަށް ގަބޫލުކުރާނަމަ އެ ގާނޫނަށް އިސްލާހު ހުށަހަޅަންޖެހޭކަމަށް އޭނާ ގަބޫލުކުރައްވާކަމަށެވެ.

"އަޅުގަނޑުމެން ބަލަން މިތިބީ ކޮން ގޮތަކަށްތޯ ސަރުކާރުން އަމަލުކުރަން މި ތިބީ. މި ސަަރުކާރުން މި ގާނޫނު ބަލައި ނުގަންނަ ކަމުގައިވަނީ ނަމަ އެ ގާނޫނަށް އިސްލާހު ހުށަހަޅުއްވަންވީނޫންތޯ. އެކަމު އަޅުގަނޑަށް ޔަގީން ސަރުކާރުން އެ ކަން ނުކުރާނެކަން،" އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ފޮނުއްވި ސިޓީފުޅު ހާމަކުރެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް މިދިޔަ އަހަރު ހުށަހެޅިކަމަށެވެ. ނަމަވެސް އަދިވެސް އެ ސިޓީއަށް ޖަވާބެއް ނުލިބޭކަމަށެވެ.

"އެންމެ ފަހުން އަޅުގަނޑު އެ ކަމާ ގުޅޭގޮތުން މައުލޫމާތު ސާފުކޮށްލި ދުވަހު ވިދާޅުވީ، ކޮމިޓީގެ މުގައްރިރު ވިދާޅުވިއޭ އެއްވެސް ކަމެއް ނުކޮށް ބާއްވާށޭ އެ ސިޓީއަށް،" އޭނާ ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ ދިވެހި ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލައެއްގައި އެ ސިޓީގައި އޮތްް އެއްޗެއް ހާމަކޮށްލަން ވެސް ސަރުކާރަށް ނުކެރުނުކަމަށެވެ.

އޭނާ ވިދާޅުވީ ދިވެހީންނަށް ލިބޭނެ އެއްޗެއް އެހައި ފަސޭހައިން ސަރުކާރުން ދޫކުރި ސަބަބު އެނގެން ޖެހޭކަމަށެވެ. އޭގެ ބަދަލުގައި ދިވެހިންނަށާއި ރާއްޖެއަށް ލިބުނީ ކޯންޗެއްތޯ ވެސް އުޝާމް ސުވާލު އުފެއްދެވިއެވެ.

"ކޮންމެސް އެއްޗެއް ކޮންމެސް ބަޔަކަށް ލިބިއްޖެ. އަޅުގަނޑުމެން ގައުމަށް އެއްވެސް އެއްޗެއް ނުލިބޭ. ރައްޔިތުންނަށް ނޭނގެ މި ވީ ގޮތެއް. އެހެެންނަމަވެސް ކޮންމެސް އެއްޗެއް ކޮންމެސް ބަޔަކަށް ލިބުންކަމާމެދު އެއީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ.

ޗާގޯސް މައްސަލައިގައި ސަރުކާރުން ބުނާ ގޮތުން ރާއްޖެއަށް ލިބިފައި އޮތް ސަރަހައްދު މޮރިޝަސްއާ އަޅައިކިޔާއިރު ބޮޑެވެ. އަދި ޗާގޯސްގެ ސިޔާދަތީ ބާރާއި އިން ވަކިކުރުމަކީ ދެ މައްސަލައެކެވެ.

ރައީސް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅުގައި އެ މަނިކުފާނުވަނީ ރާއްޖެއިން ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް އޮތްކަމަށް ގަބޫލުކުރާކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް