ފުނަދޫ ސްކޫލް ދަރިވަރުންނަށް ކައުންސިލުން މިލިއަން ރުފިޔާގެ ދަނޑެއް ދެނީ

ފުނަދޫ ކައުންސިލުން އެ ރަށު ސްކޫލަށް ހަދިޔާކުރާ ދަނޑު --

ށ. ފުނަދޫ ކައުންސިލްގެ ފަރާތުން އެ ރަށު ސްކޫލަށް މިލިއަން ރުފިޔާގެ ދަނޑެއް ހަދިޔާކުރަން ނިންމައިފިއެވެ.

އެ ރަށު ކައުންސިލްގެ ރައީސް އަހްމަދު އިބްރާހިމްފުޅު މިއަދު "ސަން"އަށް ވިދާޅުވީ ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާއަކީ ވަރަށް އިސްކަން ދީގެން އެ ކައުންސިލުން ކުރިއަށް ގެންދާ ދެ ދާއިރާ ކަމަށެވެ.

ކައުންސިލް ރައީސް ވިދާޅުވީ ކޮންމެ އަހަރަކު ވެސް އެ ދާއިރާތަކަށް ކަމެއް ކޮށްދެމުންދާ ކަމަށެވެ.

"ފުޓުބޯޅަ އާއި ފުޓްސަލް ކުޅުމުގައި ޒުވާނުން ވެސް ގިނަވީމަ، ކުދިންނަށް މާ ބޮޑަށް އެ ކަންކަމުގައި ފުރުސަތު ގެއްލޭހެން ހީވާތީ ސްކޫލް ތެރޭގައި އަޅުގަނޑުމެން މި ހަދައިދެނީ ފުޓްސަލް ދަނޑެއް،"

ފުނަދޫ ކައުންސިލުން ހަދިޔާކުރާ ދަނޑު --

މި ދަނޑު އަޅަނީ ފެންސާއި ލައިޓު ހަރުކޮށް ރޭގަނޑު ވެސް ކުޅެވޭ ގޮތަށް ކަމަށް އަހްމަދު ވިދާޅުވިއެވެ. އަދި ދަނޑުގެ މަސައްކަތުގެ 85 އިންސައްތަ މަސައްކަތް ވަނީ ނިމިފައިކަމށް އޭނާ ވިދާޅުވިއެވެ.

"ހަމައެކަނި ފުޓްސަލް ކުޅޭކަށް ނޫން، އިތުރު ހަރަކާތްތަކަށް ވެސް އެ ތަނުގައި ކުރިއަށް ގެންދެވޭނެ. ޕްލޭ ގްރައުންޑެއް ގޮތަށް މި ތަރައްގީ ކުރަނީ އަޅުގަނޑުމެން،" އަހްމަދު ވިދާޅުވިއެވެ.

އަހްމަދު ވިދާޅުވީ މެއި މަހުގެ 15ވަަނަ ދުވަހަށް ދަނޑު ސްކޫލާ ހަވާލުކުރެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި މި ދަނޑަށް މިލިއަނެއްހާ ރުފިޔާ ހަރަދުވާ ކަމަށް ވެސް ވިދާޅުވިއެވެ.

ފުނަދޫ ސްކޫލްގައި މިހާރު ވެސް 700އެއްހާ ދަރިވަރުން ކިޔަވައެވެ.

comment ކޮމެންޓް