ނައީމާ މަރާލާފައި އޮތް ތަނުން އެހެން މީހެއްގެ ޑީއެންއޭ ފެނިގެން ތަހުލީލު ކުރަނީ

ނ. މަނަދޫގައި މަރާލާފައި އޮއްވައި ފެނުނު އެ ރަށު އަންނާރުމާގޭ، ނައީމާ މޫސާ-- ފޮޓޯ/ ކިޔުންތެރިއެއް

ނ. މަނަދޫގައި ތޫނު އެއްޗަކުން އެތައް ފަހަރަކު ހަމަލާދީ ނައީމާ މޫސާ މަރާލާފައި އޮތްތަނުން އެހެން މީހެއްގެ ޑީއެންއޭ ފެނިގެން ފުލުހުން ތަހުލީލު ކުރަން ފަށައިފިއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ނައީމާ މަރާލާފައި އޮތް ތަނުން ފެނުނު ޑީއެންއޭއެއް ނައީމާގެ ޑީއެންއޭއާ މެޗެއް ނުވެއެވެ. އެއީ އެހެން މީހެއްގެ ޑީއެންއޭ ކަމަށްވާތީ އެ ތަހުލީލު ކުރުމުގެ މަސައްކަތް ފުލުހުން މިހާރު އަންނަނީ ކުރަމުންނެވެ.

މިދިޔަ މަހުގެ ފަސް ވަނަ ދުވަހު މަރާލާފައި އޮއްވައި ނައީމާ ފެނިފައިވާއިރު މިހާތަނަށް އެމަރުގެ ތަހުގީގުގައި މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. އަދި މީހަކާމެދު ޝައްކު ކުރެވިގެން އެކަން ވެސް ފުލުހުން ހާމައެއް ކޮށްފައެއް ނުވެއެވެ.

ނައީމާގެ މަރުގެ ތަހުގީގަށް އެރަށުގެ އެތައް ބައެއްގެ ޑީއެންއޭ ސާމްޕަލް ފުލުހުން ވަނީ ނަގައިފައެވެ.

ފުލުހުން ނައީމާގެ ކޮޓަރީގެ ދޮރު ހަލާކުކޮށްލައިގެން ވަންއިރު، އޭނާ އޮތީ ބިންމަތީގައި މަރުވެފައެވެ. އޭނާ މަރާލާފައި އޮތީ ގިނަ ޒަޚަމްތަކަކާއެކުއެވެ.

ނައީމާ މަރާލި ހާދިސާގެ ތަހުގީގު ފުލުހުން ހުއްޓާނުލާ ކުރަމުން އަންނަ އިރު ވާހަކަތައް ވަނީ ތަފާތު ގޮތްގޮތަށް ދެކެވިފައެވެ. އެއީ ރޭޕްގެ މައްސަލައެއް ކަމާއި ނައީމާ މަރާލީ ޖިންސީ އަނިޔާ ދިނުމަށްފަހު ކަމަށް ވެސް ތުހުމަތު ކުރިއެވެ. އެ ކަމުގެ ތުުހުމަތު ބިދޭސީއަކަށް ވެސް ކުރިއެވެ. އެކަމަކު މިކަމަށް ބާރުލިބޭ އެއްވެސް ހެއްކެއް ވަނީ އަދި މިއަދާ ހަމައަށް ނުހޯދިއެވެ.

comment ކޮމެންޓް