އެޗްއާރުސީއެމްގެ ބަޔާނާ ގުޅިގެން ޖަލުގައި ކުރި މައްސަލަތައް ދެނެގަނެ ހައްލުކުރަނީ

މާފުށީ ޖަލު --- ފޮޓޯ/ ދުވަސް އޮންލައިން

ރާއްޖެއަށް ގަދައަށް ހޫނުވާ މި ދުވަސްވަރުގައި ގައިދީންނަށް އެ ހޫނުން ރައްކާތެރިވެވޭނެ ގޮތްތަކެއް ހަމަޖައްސައިދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)އިން ނެރުނު ބަޔާނާ ގުޅިގެން ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއިން ބުނެފިއެވެ.

މި ކަމާ ގުޅިގެން ކަރެކްޝަނަލް ސާވިސަސްގެ މީޑިއާ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، މި ވަގުތު ކުރަނީ ޖަލުގައި ހުރި މައްސަލަތައް ދެނެގަތުމުގެ މަސައްކަތް ކަމަށެވެ. އަދި, އެ މަރުހަލާ ނިމުމުން ވީ އެންމެ އަވަހަކަށް މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، ޖަލުގައި ހުރި މައްސަލަތައް ހައްލުކުރުމުގެ އަމަލީ މަސައްކަތް ފެށޭނެ ވަކި ތާރީޚެއް ކަނޑައެޅިގެން އަދި ނޭނގޭކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެޗްއާރުސީއެމުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ބަޔާނުގައި ވަނީ، އެ ކޮމިޝަނުގެ ފަރާތުން އެ ފަދަ ތަންތަނަށް ކުރާ ޒިޔާރާތްތަކުގައި ގިނަ ފެސިލިޓީތަކުގައި އާއްމު ދުވަހެއްގައި ވެސް ހޫނުގަދަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި، ގިނަ ގޮޅިތަކުގައި ވައި ދައުރުވުމުގެ މައްސަލަތައް ވެސް ފާހަގަކުރެވިފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

ރާއްޖޭގެ ހޫނުމިން މިހާރު މަތިވަމުންދާތީ ކަރެކްޝަނާއި ޖުވެނައިލް ޑިޓެންޝަން ސެންޓަރުތަކާއި އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުތަކާއި ފުލުހުންގެ ކަސްޓޯޑިއަލް ޖަލުތައް ފަދަ ތަންތަނުގައި، އެ މުއައްސަސާއެއްގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ހޫނުވިޔަ ނުދިނުމަށް އިންތިޒާމްތައް ހަމަޖައްސައިދިނުމަށް އެދިފައިވާ ކަމަށް އެޗްއާރްސީއެމުން ބުނެފައިވެއެވެ.

ރާއްޖޭގައި މި ވަގުތު ބޭނުންކުރާ ޖަލުތަކަކީ މީގެ ގިނަ ދުވަސްތަކެއް ކުރިން ބިނާކޮށްފައިވަ ޖަލުތަކެކެވެ. އެހެންކަމުން ޖަލުތަކުގައި މިފަދަ މަރާމާތުކުރަން ގިނަ ދުވަސް ވާނެ ކަމަށް ބެލެވެއެވެ.

comment ކޮމެންޓް