އިގްތިސާދު ކުރިއެރި ނަމަވެސް މާލިއްޔަތު ބަލިކަށި ވެދާނެ: ވޯލްޑް ބޭންކް

އިގްތިސާދު ކުރިއެރި ނަމަވެސް މާލިއްޔަތު ބަލިކަށި ވެދާނެ ކަމަށް ވޯލްޑް ބޭންކުން ބުނޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއެރި ނަމަވެސް ދަރަންޏާއި ސަރުކާރުން ކުރާ އެހެނިހެން ހޭދައިގެ ސަބަބުން މާލިއްޔަތު ބަލިކަށިވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފިއެވެ.

އެ ބޭންކުން އާންމު ކުރި ރިޕޯޓެއްގައި ލަފާކޮށްފައިވާ ގޮތުގައި މި ހިނގާ 2023 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު 6.6 އިންސައްތަ، އަދި އަންނަ 2024 ވަނަ އަހަރު 5.3 އިންސައްތަ ކުރިއަރާނެއެވެ.

ޕެންޑެމިކްގެ ކުރިން އޮތް މިންވަރަށް އިގްތިސާދު މިހާރު ރަނގަޅުވެފައިވާއިރު، ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރުވުމާއެކު ފަގީރުކަން ކުޑަކުރުމުގެ ރާސްތާއެއް ދަމަހައްޓާނެ ކަމަށް ބެލެވޭ ކަމަށް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.

ނަމަވެސް، އެ ކުރިއެރުންތަކާ އެކު ވެސް ދައުލަތުގެ ދަރަނި ބޮޑުވާނެ ކަމަށް ބެލެވޭއިރު، ފިސްކަލް ޑެފިސިޓް ކުޑަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވޯލްޑް ބޭންކުން އިލްތިމާސް ކޮށްފައިވެއެވެ.

އެ ރިޕޯޓުގައި ބުނެފައި ވާ ގޮތުގައި މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޖީއެސްޓީ ބޮޑުކުރުމާއެކު ފިސްކަލް ޑެފިސިޓް ކުޑަވެގެންދާނެ ކަމަށް ބެލެވެއެވެ.

ވޯލްޑް ބޭންކުން ބުނީ ދުނިޔޭގެ އިގްތިސާދަށް އަންނަ ލޮޅުންތަކާއެކު ބޭރުގެ ދަރަނި ބޮޑުވުން ފަދަ ކަންކަމުގެ ސަބަބުން އަދިވެސް ރާއްޖެއަށް ނުރައްކާތަކެއް އެބަ ހުރި ކަމަށެވެ.

ރާއްޖޭގެ ޖީޑީޕީ ގްރޯތު / ވޯލްޑް ބޭންކް

ބޭރު ދުނިޔެއިން ކުރިމަތިވާ އިގްތިސާދީ ލޮޅުންތަކާއި ރާއްޖޭގެ މާލީ ނިޒާމު ނާޒުކު ވުމުގެ ސަބަބުންނާއި އިންވެސްޓްމަންޓްތަކަށް ބޭރުން އަގު ބޮޑުކޮށް ދަރަންޏަށް ފައިސާ ނެގުމުގެ ސަބަބުން އިގްތިސާދީ ކުރިއެރުންތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ވުމުގެ ފުރުސަތު އެބަ އޮތް ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

މީގެއިތުރުން، އިގްތިސާދީ ހަރަކާތްތަކުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބޮޑު ދައުރެއް އަދާކުރުމުގެ ސަބަބުން ބަޖެޓުގެ ދަރަނި އިތުރަށް މަތިވެ އަމިއްލަ ވިޔަފާރިތަކުގެ ކުރިއެރުމަށް ހުރަސް އެޅޭ ކަމަށް ބޭންކުން ބުނެއެވެ.

އަދި ހަމަ އެހެންމެ މި އަހަރުގެ ރިޔާސީ އިންތިހާބަށް ކުރާ ހަރަދުތަކުގެ ސަބަބުން މާލިއްޔަތު ބަލިކަށި ވެގެން ހިނގައިދާނެ ކަމުގެ ބިރު އޮތް އިރު ރާއްޖޭގެ މާލީ ނިޒާމަށް ލުއިކުރުމަށްޓަކައި ސަބްސިޑީ ދޭ ގޮތައް ބަދަލުގެނެސް ސަބްސިޑީގެ މިންވަރު ކުޑަ ކުރުމަށްވެސް ބޭންކުން ވަނީ ލަފާ ދީފައެވެ.

comment ކޮމެންޓް