ޕާކިސްތާނުގެ ދެކުނުގައި ފަސިންޖަރުންނާ އެކު ދަތުރުކުރަމުން ދިޔަ ރޭލެއްގައި އަލިފާން ރޯވެ ހަތް މީހަކު މަރުވެއްޖެއެވެ.
ރޭ ދަންވަރު ހިނގި މި ހާދިސާގައި ރޭލުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި މިހާތަނަށް ސާފު ނުވާކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.
އެ ރޭލު ދަތުރުކުރަމުން ދިޔައީ ކަރާޗީއިން އެ ގައުމުގެ އިރުމަތީ ސިޓީއެއް ކަމަށްވާ ލާހޫރަށެވެ.
ރޭލްވޭގެ އޮފިޝަލެއް ކަމަށްވާ މޮހްސިން ސިއާލް ބުނީ ރޭލުގައި އަލިފާން ރޯވެފައި ވަނީ ވެރިރަށް ކަރާޗީގެ އުތުރުން ގާތްގަނޑަކަށް 500 ކިލޯމީޓަރު ދުރުގައި އޮންނަ ޚައިރުޕޫރުގައި ކަމަށެވެ.
އޭނާ ބުނި ގޮތުގައި އަލިފާނުގެ ހާދިސާ ހިނގި ވަގުތު ހަ މީހަކު މަރުވެފައިވާއިރު، ދަތުރުކުރަމުން ދިޔަ ރޭލުގެ ކުޑަދޮރުން ފުންމާލައިގެން ވެސް އަންހެނަކު ވަނީ މަރުވެފައެވެ. އަދި, އަލިފާނުގެ ހާދިސާ ހިނގި ވަގުތު ރޭލުގެ އިތުރުން ބައެއް ކާރުތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ.
ޕާކިސްތާނުގެ ލޯކަލް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރޭލު ތެރޭގައި އަލިފާންގަނޑު ރޯވެ، އެތައް ކާރުތަކަކަށް ވަނީ އަލިފާނުގެ އަސަރު ކޮށްފައެވެ. ޓީވީ ފޫޓޭޖުން ފެންނަ ގޮތުގައި ލާހޫރަށް ދިޔަ ރޭލުގެ ބައެއް ބައިތައް އަނދާ ހުލިވި ފަހުން އިތުރު ކާރެއްގައި ވަނީ އަލިފާން ރޯވެފައެވެ.
އޭޕީ ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕާކިސްތާނުގައި ފަގީރުންގެ ގިނަ މީހުން ރޭލުގައި ދަތުރު ކުރަމުންދާއިރު ކެއްކުމަށްޓަކައި ކުދިކުދި ގޭސް އުނދުންތައް ގެނެއެވެ. މިފަދަ ކަންކަން މަނާކުރުމަށް ގަވާއިދުތަކެއް ވަނީ ހެދިފައެވެ. އެހެންނަމަވެސް ގިނަ ފަހަރު ތޮއްޖެހިފައިވާ ރޭލުތަކުގައި ސަލާމަތީ ގަވާއިދުތަކާ މެދު އެއްވެސް ސަމާލުކަމެއް ނުބަހައްޓައެވެ.
ޕާކިސްތާނުގައި ހިނގާ ރޭލު އެކްސިޑެންޓްތަކަކީ ގިނަ ފަހަރަށް ރޭލު ދަތުރުފަތުރުގެ އިންފްރާސްޓްރަކްޗާ ދަށްވުމުގެ ސަބަބުން ދިމާވާ ކަންކަން ކަމަށް އެ ގައުމުގެ ނޫސްތަކުގައި ބުނެފައިވެއެވެ.
ދެހާސް ނަވާރަވަނަ އަހަރު އެ ޕާކިސްތާނުގައި ކެއްކުމަށް ބޭނުންކުރާ ގޭސް އުނދުން ހިފައިގެން ދަތުރުކުރި ރޭލެއްގައި އަލިފާން ރޯވެ 74 ފަސިންޖަރުން މަރުވެ ދިހަވަރަކަށް މީހުން ވަނީ ޒަޚަމްވެފައެވެ.