ވަނާޖުބޭސާއަކީ އަސްލު ކޯއްޗެއް؟

ވަނާޖުބޭސާ ފިލްމުގެ ޕޯސްޓަރެއް --

މިއީ ދިވެހީންނަށް އައު ލަފުޒެކެވެ. ގިނަ ބަޔަކަށް މި ލަފުޒު އަޑު އިވުނީ ވެސް އިހަކަށް ދުވަހުއެވެ. އެއީ ވިޝާލް ޒަކީ (ވިއްޓެ) ޕްރޮޑިއުސްކޮށް، ނާޒިރު ޝިހާމް (ކާއްޓޭ) އާއި ހުސައިން ޝާދު (މަޓޭ) އެ ނަން ކިޔާ ފިލްމެއް ކުޅުމުންނެވެ.

"ވަނާޖުބޭސާ" މިއީ އަސްލު ކޯއްޗެއް ހެއްޔެވެ؟؟

ދިވެހި ތާރީހު ދިރާސާކުރައްވާ ބޭފުޅަކު "ސަން"އަށް ވިދާޅުވީ އެއީ މަލިކު މީހުން ކިޔައި އުޅުނު އަންބާއެއް ކަމަށެވެ. އަދި އޭގެ ފަހަތުގައި ކުޑަ ހާދިސާއެއް އޮންނަ ކަމަށެވެ.

ދެން މި ކިޔައިދެނީ އެ ހާދިސާއެވެ. ރާއްޖެ ދުށް އެންމެ ހިދުމަތްތެރި އަދީބު، ހުސައިން ޞަލާހުއްދީން އެ މަނިކުފާނުގެ "ދިވެހީންގެ ވާހަަކަ" ފޮތުގައި އެ ހާދިސާ ލިޔުއްވައިފައިވެއެވެ.

ގަލޮޅުގޭ އަލީ ދޮށިމޭނާ ކިލެގެފާނަކީ 19 ވަނަ ޤަރުނުގެ ކުރީކޮޅުން ފެށިގެން އޮޅުދޫ ކަރައިގެ ގާލީގައި ހުރި މުއްސަންޖެކެވެ.

އެ ކިލެގެފާނު ބަންގާޅަށް ވަޑައިގެންނެވި ދަތުރަކު ފާލަމުން ބޭރުގައި އެ ވަޑައިގެން ނައު އޮއްވައި، ފާލަން ކެނޑީމައި ކަނޑައިލި ފާލަމުން ފުރަތަމަ ދިމާކުރީ އެ ނައުކަމުގައި ވެއެވެ.

އެ ނަވުގެ ފަހަތުގައި އޮތް މަލިކު ނަވެއްގެ މީހުން އަންބާ ކިޔައިފައި އަންބާ ކިޔައިފައި ނަވު ދަމާހަލައިފައި ވައްދަމުން ގޮސް ކިލެގެފާނުގެ ނަވުގައި ޖެހުނެވެ. އެ މީހުންގެ އަންބާގެ މައިގަނޑަކަށް ކިޔަނީ "ވަނާޖުބޭސާ ވަނާޖުބޭސާ" ކަމަށް ވެއެވެ. ދެން ދެ ނަވުގެ މީހުން ހަޅޭއްފަޅޭލަވައިފައި މަލިކު ނައު ކުރިއަރައިގެން ވަންނަނިކޮށް ކިލެގެފާނު އެ ނަވުގައި ހުރި ބޭފާނަކަށް (މަލިކުގެ މާތް ބަހުރުވައިން ބޭބެ) ވިދާޅުވިއެވެ.

"ބަލަ ބަލަ ތިޔަ އުޅެނީ ކިހިނަކުންހޭ،"

އެހެން ކިލެގެފާނު ދެންނެވުމުން މަލިކުގެ ބޭފުޅާ ވިދާޅުވިއެވެ.

"ދީދީވޭ. ވަނާޖުބޭސާގައި ވަރުހުރިއްޔާ ވަންނާނޭ ކަމޭ،"

އެހެން މަލިކު ބޭފުޅާ ވިދާޅުވީމާ ކިލެގެފާނު ވިދާޅުވިއެވެ. ތިޔަ ގޮތެއް ވެސް ބަލައިފާނަމެވެ. އެހެން ވިދާޅުވުވެފައި އަވަސް އަވަހަށް ބައްތެއްޔަކަށް ފައިބައިވަޑައިގެން، އެއް ގަމަށް ފައިބައިވަޑައިގެންފިއެވެ.

އިރުކޮޅަކުން ފެނުނީ ސަރުކާރުގެ ދުންބައްތެއްޔެއް (ލޯންޗެއް) އައިސް މަލިކު ނަވުގައި ޖަހައިގެން ދަމައިހަލައިފައި ފާލަމުން ބޭރަށް ގެންގޮސް ލީ ތަނެވެ.

އެ ދުވަހުގެ ފާލަން ކަނޑައިފައި އޮތުމުގެ ވަގުތު ވެސް ހަމަވެގެން ފާލަން ވެސް ބައްދައިފިއެވެ. މަލިކު ނަވަށް ފާލަމުން އެތެރެއަށް ވަދެވުނީ އަނެއް ދުވަހު ފާލަން ކެނޑީމައެވެ.

މަލިކުގެ ބޭފުޅާ ކިލެގެފާނުންގެ ނަވަށް ވަޑައިގެން ކިލެގެފާނުންގެ އަރިހުގައި ދެންނެވިއެވެ.

"ދީދީވޭ. ވަރުހުންނާނީ ވަނާޖުބޭސާގައެއް ނޫނޭ. ފައިސާގައޭ. އަޅުގަނޑުމެންނަށް އިހަށް ނުވިސްނުނީ ތާއޭ،"

ކިލެގެފާނު ހިނިފުޅުވަޑުވާލައިފައި ވިދާޅުވިއެވެ. ސައި ބައްލަވަން ދުރުވާށެވެ. ދެންވެސް ވިސްނަވައިގެން އުޅުއްވާށެވެ.

މިއީ ހުސައިން ޞަލާހުއްދީން މި ވާހަކަ ލިޔުއްވައިފައިވާ ގޮތެވެ. އެ ވާހަކަ ބައެއް ތަންތަނުގައި އައިސްފައިވާ ގޮތުގައި، އެ ކިލެގެފާނުން ސަރުކާރަށް ފައިސާ ދެއްވީއެވެ.

އޭގެ ފަހުން، އެ ބަސް ބޭނުންކުރަނީ ހަރުބަހެއްގެ ގޮތުގައެވެ. ދުނިޔޭގައި އެންމެ އަގުހުރި އެއްޗަކީ ފައިސާކަން ދެއްކުމަށެވެ. ފައިސާގެ ކުރިމަތީގައި ބާރުހުރި އެހެން އެއްވެސް ނެތް ކަމެވެ.

"ވަރުހުރީ ވަނާޖުބޭސާއަކު ނޫނެވެ. ފައިސާގައެވެ،"

ވަނާޖުބޭސާ ފިލްމުގައި ވެސް ދައްކުވައިދޭ މަންޒަރަކީ އެއީއެވެ. ވަރުހުންނާނީ ވަނާޖުބޭސާގައި ނޫން ކަމެވެ. ފައިސާގައި ކަމެވެ.

comment ކޮމެންޓް