ފަރެސްމާތޮޑާ އެއާޕޯޓް ސަރަހައްދުގައި ގެސްޓްހައުސް ހެދުމަށް ބޮޑު ތަރުޙީބެއް

ފަރެސްމާތޮޑާ އެއަރޕޯޓް--- ފޮޓޯ/ މުހަންމަދު ޝަނޫން

ގދ. ފަރެސްމާތޮޑާ އެއާޕޯޓް ސަރަހައްދުގައި ގެސްޓްހައުސް ވިޔަފާރި ހިންގުމަށް، ދިވެހިންނަށް ހުޅުވާލި ފުރުސަތުގައި ބޮޑު ތަރުޙީބެއް ލިބިފައިވާކަމަށް ރީޖަނަލް އެއާޕޯޓްސް ކުންފުނިން ބުނެފިއެވެ.

ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ރިޒްވީ "ސަން"އާ ވާހަކަދައްކަވަމުން ވިދާޅުވީ، ފަރެސްމާތޮޑާ އެއާޕޯޓް ސަރަހައްދުގައި ގެސްޓްހައުސް ވިޔަފާރި ކުރުމަށް ހުޅުވާލި ފުރުސަތަށް އެދި ގިނަ ފަރާތްތަކަކުން ކުރިމަތިލާފައިވާ ކަމަށެވެ.

މިގޮތުން ގެސްޓްހައުސް ތަރައްޤީ ކުރުމަށް ހުޅުވާލި 18 ބިމަކަށް 37 ކަށްވުރެ ގިނަ ފަރާތުން އެ ކަމަށް އެދި ހުށަހަޅާފައިވާކަމަށް ރިޒްވީ ފާހަގަކުރެއްވިއެވެ. ދެން އޮންނާނީ ހުށަހަޅާފައިވާ ހުށަހެޅުންތައް ބެލުމުގެ މަސައްކަތެވެ.

ފަރެސްމާތޮޑާ އެއާޕޯޓްގައި ގެސްޓްހައުސް ހިންގުމަށް ޝައުގުވެރިވާ ކުންފުނިތަކުން އެ ކަމަށް އެދި މިހިނގާ އޭޕްރިލްމަހުގެ 13ވަނަ ދުވަހު ހުޅުވާލި ފުރުސަތު ހަމަވެފައިވަނީ މިމަހުގެ 26ވަނަ ދުވަހެވެ.

ފަރެސްމާތޮޑާ އެއާޕޯޓް ސަރަހައްދުގައި ގެސްޓްހައުސް އެޅުމަށް 18 ބިމެއް ދޫކުރުމަށް ވަނީ ނިންމާފައެވެ. ގެސްޓްހައުސް ހިންގުމަށް ދޫކުރުމަށް ނިންމާފައިވާ ބިމުގެ ބޮޑުމިނަކީ 10،000 އަކަފޫޓެވެ.

ރިޒްވީ ވިދާޅުވީ، ފަރެސްމާތޮޑާ އެއާޕޯޓް ސަރަހައްދުގައި ގެސްޓްހައުސް ވިޔަފާރި ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ހަމައެކަނި ދިވެހިންނަށް ކަމަށެވެ.

ފަރެސްމާތޮޑާ އެއާޕޯޓް ހުޅުވުމުގެ ގޮތުން މިދިޔަ މާޗު މަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރިޒްވީ ވަނީ، ފަރެސްމާތޮޑާ އެއާޕޯޓަކީ ހަމައެކަނި 1200 މީޓަރުގެ ތާރުގަނޑެއް ނޫންކަމަށް ވިދާޅުވެފައެވެ.

އޭނާ ވިދާޅުވެފައިވަނީ، ފަރެސްމާތޮޑާ އެއާޕޯޓްގައި ގެސްޓްހައުސް ތަރައްޤީ ކުރުމަށް ފުރުސަތު ހުޅުވާލުމަށް ނިންމީ، ޓޫރިޒަމް ދާއިރާއިން ދިވެހިންނަށް ފުރުސަތު ހޯދައިދިނުމަށްކަމަށެވެ.

އެއާޕޯޓާ އެކު އެނދު ހުރި ނިސްބަތް އިތުރުކުރަންޖެހޭކަން ފާހަގަކުރަމުން ރިޒްވީ ވިދާޅުވީ، ފަރެސްމާތޮޑާ އެއާޕޯޓްގައި ގެސްޓްހައުސް ތަރައްޤީ ކުރުމަށް ހުޅުވާލި މި ފުރުސަތާ އެކު ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ޓޫރިޒަމް ދާއިރާއިން ކުރިއަށްދިއުމަށް ފަހިވެގެންދާނެ ކަމަށެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެމްޓީސީސީން ތަރައްޤީކުރި ފަރެސްމާތޮޑާ އެއާޕޯޓް ރަސްމީކޮށް ހުޅުވާފައިވަނީ މިދިޔަ މާޗު މަހުގެ 15 ގައެވެ.

comment ކޮމެންޓް