ނުރުހުންފާޅުކޮށް އަޑުގަދަ ކުރެއްވުމުން ޝިޔާމްގެ ނަން އިއްވައި، ތަޅުމުން ބޭރުކޮށްފި

ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު، އަހުމަދު ޝިޔާމް --- ފޮޓޯ/ މަޖިލިސް

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ތަޅުމުގައި އަޑުގަދަކޮށް ޖަލްސާ ކުރިއަށް ގެންދިޔުމަށް ހުރަސްއަޅުއްވާފައިވާތީ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމްގެ ނަން އިއްވައި، މަޖިލީހުގެ ތަޅުމުން ބޭރުކޮށްފިއެވެ.

މިއަދުގެ ޖަލްސާގައި ޝިޔާމާއި މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު ހިމެނޭހެން އިދިކޮޅު ކޯލިޝަނުން ވަނީ ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސްއާއި ރާއްޖެއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލައާ ގުޅިގެން ސަރުކާރުން މޮރިޝަސްއަށް ފޮނުވި ސިޓީ ހާމަކުރަން ގޮވާލާފައެވެ.

އެކަމުގެ ނުރުހުން ފާޅުކުރައްވާ، އެހެން މެމްބަރުން ވާހަކަދެއްކެވިއިރު ވެސް ޝިޔާމް ވަނީ އަޑުގަދަ ކުރައްވާފައެވެ. އެހެންކަމުން ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތައި، އެހެން މެމްބަރުންނަށް އުނދަގޫވާ ގޮތަށް އަޑުގަދު ނުކުރުމަށް ޝިޔާމަށް ނަސޭހަތްތެރިވެފައެވެ.

އެއަށްފަހު ވެސް ޝިޔާމް ދިޔައީ ތަކުރާރުކޮށް އަޑުގަދަކުރައްވާ ނުރުހުން ފާޅުކުރައްވާފައެވެ. އެއާއެކު ރިޔާސަތުން ވަނީ މެމްބަރުގެ ނަން އިއްވަވައި، މަޖިލީހުގެ ތަޅުމުން ޝިޔާމް ބޭރު ކޮށްފައެވެ.

ޗާގޯސް މައްސަލައާ ގުޅިގެން އިދިކޮޅުން މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހަޅާފައިވެއެވެ. އެ މައްސަލަ މަޖިލީހުން ވަނީ ބަލައިގަނެފައެވެ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އަށް ހުށަހަޅާފައިވާ މި މައްސަލައާ މެދު ގޮތެއް ނިންމުން މާދަމާއަށް ތާވަލްކޮށްފައި ވާއިރު، ޗާގޯސް މައްސަލާގައި ރާއްޖޭގެ ސިޔާސަތު ބަދަލުކުރި ސަބަބު ހާމަކޮށްދިނުމަށް އެ މައްސަލައިގައި ގޮވާލާފައިވެއެވެ.

comment ކޮމެންޓް