މުލަކު މަގުތަކުގެ މަސައްކަތެއް ނުހުއްޓޭ: އާރްޑީސީ

މ. މުލަކުގެ މަގެއްގައި ފެންބޮޑުވެފައި -- ސަން ފޮޓޯ

މ. މުލަކުގެ މަގުތައް ޒަމާނީ ފެންވަރަށް ތާރު އަޅައިގެން ތަރައްގީ ކުރުމުގެ މަސައްކަތް ހުއްޓިފައިނުވާ ކަމަށާއި މިހާރު ވެސް ދެ މަގެއްގައި މަސައްކަތް ހިނގަމުން ދާ ކަމަށް އެ މަސައްކަތް ކުރާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އިން ބުނެފިއެވެ.

މުލަކުގެ ބޮޑު ފަސް މަގެއް، ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ މި ސަރުކާރުންނެވެ.

އެގޮތުން 2021ވަނަ އަހަރު އާރްޑީސީން މަސައްކަތް ފެށި ނަމަވެސް އަދިވެސް މަގުތައް ހުރީ ދެ އަރިމަތީގައި ކާވް ސްޓޯން ޖައްސައިފައި ހުރި ގޮތަށެވެ.

މި ކަމުގެ ކަންބޮޑުވުން އެ ރަށުގެ ރައްޔިތުންނާއި ކައުންސިލުން ވެސް ފާޅުކޮށްފައިވެއެވެ. އެ ކަމާ ގުޅިގެން އާރްޑީސީގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ އެ ރަށުގައި މަސައްކަތް އެއްކޮށް ހުއްޓައިފައިނުވާ ކަމަށެވެ.

އެގޮތުން މިހާރު ވެސް ދެ މަގެއްގައި މަސައްކަތް ކުރާނެ ކަމަށެވެ.

"މިހާރު ކުރިއަށްދަނީ އަމީނީ މަގުގައި ކާބް ސްޓޯން ޖެހުމާއި ހުސޭނީ މަގުގައި ސްޓޯމް ވޯޓާ ޖަންކްޝަން ވަޅުލުމުގެ މަސައްކަތް،" އޮފިޝަލް ވިދާޅުވިއެވެ.

އަދި، މިހާރު ވެސް މަސައްކަތް ކުރަނީ އަވަހަށް މަ މަސައްކަތް ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. ކައުންސިލުންނާއި އާންމުން ބުނާ ގޮތުގައި އާރްޑީސީން އެ މަސައްކަތް ކުރަނީ މާ ލަސް ސްޕީޑެއްގައެވެ.

"މި ދާގޮތަށް ދަންޏާ އަދި ނަގާނެ 25 ވަރަކަށް އަހަރު އަޅުގަނޑު ގަބޫލުކުރާނީ، އެންމެ މަގެއް އަދި ނުނިމޭ،" އެ ރަށުން މީގެ ކުރިން "ސަން"އާ ވާހަކަދެއްކި އާންމު މީހަކު ބުންޏެވެ.

މި ކަންބޮޑުވުންތަކާ ގުޅިގެން ވާހަކަދައްކަވަމުން މުލަކު ކައުންސިލުގެ ނައިބު ރައީސް ހުސައިން ރަޝީދު މީގެ ކުރިން ވިދާޅުވީ މަގު މިހާވަރަށް ގޮސްފައިވާއިރު ރައްޔިތުންނަށް ބޭނުންކޮށްލެވޭ ފެންވަރަށް މަގުގެ އަޑިގުޑަންތައް ފިލުވައިދީފައި ވެސް ނުވާކަމަށެވެ.

މުލަކަކީ އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ރަށުގައި ވެހިކަލްތައް ވެސް ގިނަ ކަމަށެވެ.

comment ކޮމެންޓް