އީގަލްސްއާއި ސަސް ސެމީއަށް، ވެލެންސިއާއަށް ފުރުސަތެއް ނެތް

ޕްރެޒިޑެންޓްސް ކަޕްގައި ވެލެންސިއާ ކޮޅަށް ގޯލު ޖެހުމަށްފަހު، އީގަލްސްގެ ކުޅުންތެރިންނާއެކު ރިޒްވާން އުފާފާޅުކުރަނީ -- ފޮޓޯ/ އެފްއޭއެމް

ޕްރެޒިޑެންޓްސް ކަޕްގެ "ގްރޫޕު އޭ" ގެ ސެމީ ފައިނަލުގެ ޖާގަތައް ކްލަބު އީގަލްސް އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ލިބިއްޖެއެވެ.

އީގަލްސް އާއި ސަސްއަށް ސެމީގެ ޖާގަތައް ކަށަވަރުވީ، ގައުމީ ފުޓުބޯޅަ ދަނޑުގައި މިރޭ ކުޅުނު އެ ގްރޫޕުގެ ފަހު މެޗުގައި އީގަލްސް އިން 4-0 ގެ ނަތީޖާއަކުން އެންމެ ފަހުގެ ޗެމްޕިއަން ކްލަބު ވެލެންސިއާ ބަލިކުރުމުންނެވެ.

އެ ނަތީޖާއާއެކު ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ ހޯދީ އީގަލްސް އިންނެވެ. ތިން ޕޮއިންޓާއެކު ސަސް އިން ދެވަނަ ހޯދި އިރު، ގްރޫޕުގެ ފުލުގައި ނިންމާލި ވެލެންސިއާއަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ޕްްރެޒިޑެންޓްސް ކަޕްގައި އީގަލްސް އާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ އެފްއޭއެމް

މިރޭގެ މެޗުގައި ވެސް ވެލެންސިއާގެ ޒުވާން ކުޅުންތެރިންތައް ފެނިގެންދިޔައެވެ. އެގޮތުން އުމުރުން 14 އަހަރުގެ ހުނަރުވެރި ދެ ކުޅުންތެރިން ކަމަށްވާ އީތަން އިބްރާހިމް ޒަކީ އާއި މުހައްމަދު އިލާން އިމްރާން ވަނީ ވެލެންސިއާގެ ފުރަތަމަ 11 ގައި ހިމަނައިފައެވެ.

މެޗު ފެށިގެން ވެސް އީގަލްސްގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 11 ވަނަ މިނެޓުގައި އީގަލްސް އިން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ސާލިމް މުހައްމަދު ފޮނުވާލި ހަމަލާއެއް، ވެލެންސިއާގެ ކީޕަރު އާދަމް އިމްއާން މަތަކުރުމާއެކު، ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން އީގަލްސްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ އިސްމާއިލް އީސައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އީސަ ވަނީ އިތުރު ގޯލެއް ޖަހައި، އީގަލްސްއަށް ލީޑު ފުޅާކޮށްދީފައެވެ. މެޗުގެ 37 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމެއް އީސަ ވަނީ ވެލެންސިއާ ގޯލުގެ ތިރީ ކަނަކަށް އަމާޒުކޮށްލައިފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އީގަލްސް ކުރީގައި އޮވެގެންނެވެ.

ޕްްރެޒިޑެންޓްސް ކަޕްގައި އީގަލްސް އާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ އެފްއޭއެމް

މެޗުގެ ދެވަނަ ހާފުގައި ވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔައީ އީގަލްސްގެ ފަރާތުންނެވެ. އީގަލްސް އިން ތިންވަނަ ގޯލު ކާމިޔާބުކުރީ މެޗުގެ 65 ވަނަ މިނެޓުގައެވެ. ބޯޅަ ހިފައިގެން ވަރަށް ހުސްކޮށް ހުރެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުން އީގަލްސްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން (ރިޒޭ) އެވެ.

އޭގެ ނުވަ މިނެޓު ފަހުން އީގަލްސް އިން ވަނީ ހަތަރު ގޯލުގެ ލީޑެއް ހޯދައިފައެވެ. މެޗުގެ 74 ވަނަ މިނެޓުގައި އީގަލްސްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު ހަސަން (އައްމަޑޭ) އެވެ. އޭނާ އެ ގޯލު ޖެހީ އީސަ ފޮނުވާލި ހަމަލާއެއް، ވެލެންސިއާގެ ކީޕަރު އިމްއާން މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައަކުންނެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ސެމީގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ. އެ ދުވަހުގެ ހަވީރު 4:00 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ އީގަލްސް އާއި ގްރޫޕު ބީގެ ދެވަނަ ހޯދި ބުރު ސްޕޯޓްސްއެވެ. ބުރަކީ މިސީޒަނުގެ ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރާ ޓީމެކެވެ. ބުރުން ވަނީ ގްރޫޕު ސްޓޭޖުގައި ވަރުގަދަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ވެސް ބަލިކޮށްފައެވެ. އަދި ބުރާސްފަތި ދުވަހުގެ ރޭ 9:00 ގައި ކުޅޭ ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ސަސް އާއި ގްރޫޕު ބީގެ އެއްވަނަ ހޯދި މާޒިޔާއެވެ.

comment ކޮމެންޓް