މުލަކަށް އަނބު ގިނަވެ، އިސްރާފަށް: ބޭނުންވަނީ ވިޔަފާރިއަށް ފަހިކުރަން

މ. މުލަކުން މުޙައްމަދު ނާއިލް ހަފީޒް

ރަށުގައި އަނބު ގިނަވެ އޭގެން ބޮޑު ބައެއް ކުންޏަށް އުކައިލަން ޖެހޭތީ މ. މުލަކު ރައްޔިތުން އިންތިހާއަށް ކަންބޮޑުވެއެވެ. އެ ރަށު މީހުން ބޭނުން ވަނީ އަނބު ކުއްޏަށް އުކައިލަން ނުޖެހި، އެ ކަމުން ރަނގަޅު ނަފާއެއް ހޯދާށެވެ.

މ. އަތޮޅުގެ ރަށްތަކުގެ ތެރެއިން މުލަކަކީ އެންމެ ގިނައިން އެ އަތޮޅުގައި އަނބު ހުންނަ އެއް ރަށެވެ. އެ ރަށުގެ ރައްޔިތުން ބުނާ ގޮތުގައި ކޮންމެ ގެއެއްގައި ވެސް މަދުވެގެން ފަސްވަރަކަށް އަނބުގަސް ހުރެއެވެ.

މުލަކު ގެއެއްގައި ހުރި އަނބުގަހެއްގައި އަނބު އަޅައިފައި -- ސަން ފޮޓޯ

އެެހެންވެ އަބަދު ވެސް އަނބު އެ ރަށުން ބޭނުންވާ މިންވަރަށްވުރެ ވެސް މާ އިތުރަށް ލިބެން ހުންނަ ކަމަށް ރަށުގެ ބައެއް އާންމުން "ސަން"އަށް ކިޔައިދިނެވެ. ނަމަވެސް އޭގެން ވިޔަފާރިކޮށް ފައިދާ ހޯދޭނެ މަގެއް ފަހިވެފައިނުވާކަމަށް މި ރަށުން ވާހަކަދެއްކި އާންމު ރައްޔިތެއް ކަމަށްވާ މުހައްމަދު އިސްމާއިލް ބުންޏެވެ.

"ހަމަ ކޮންމެ ގެއެއްގައި އަނބު ފީންޏެއް ނުވަތަ ހަތަރު ފަސް ގަސް އަނބު ހުންނާނެ. އެއްވެސް ގެއެއް ނުހުންނާނެ އަނބުގަސް ފީންޏެއް ނުހުންނަ ގެއެއް. ދެން މި ގަސް ގަހުގައި އަނބު އަޅައިގެން މިހައި ބައިވަރު އަނބުތައް އޮންނައިރު ގިނަ ފަހަރަށް ހަދިޔާއަށް ދީގެން މި ހުސްވަނީ. ރައްޔިތުންނަށް ނަފާވެރިކަމެއް އަސްލު މީގައި ލިބޭ ގޮތެއް ނުވޭ،" އޭނާ ބުންޏެވެ.

މުލަކު ރައްޔިތެެއްކަމަށްވާ މުހައްމަދު އިސްމާއީލް -- ސަން ފޮޓޯ

އޭނާ ބުނީ ހުރިހާ ރައްޔިތުން ވެސް ބޭނުންވަނީ ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކާ ގުޅިގެން ފައިދާވާ ގޮތަކަށް ރަށުން އަނބު ބޭރުކުރަން ކަމަށެވެ.

"އެކަށީގެންވާ އަގެއްގައި [އަނބު] ބޭރުކޮށްލެވޭނެ ގޮތެއް ވާނަމަހީ އަޅުގަނޑުމެންނަށް ވަރަށް ހިތްހަމަ ޖެހޭ ގޮތަކަށް ވާނެ،" އޭނާ ބުންޏެވެ.

މުހައްމަދު އިސްމާއީލް އިތުރަށް ކިޔައިދިން ގޮތުގައި އަނބު މޫސުމެއްގައި ނަމަ އެ ރަށުގެ ކޮންމެ ގެޔަކުން ބަރޯއެއްގެ ދެބައިކު ޅައެއްބަޔަށް ހުންނަ ވަރަށް އަނބު އުކައިލައެވެ. ރަށު އާންމުން ބުނާ ގޮތުގައި ގިނަ އަނބު ހަލާކުވަނީ ވާ ކައި، އެ ދޮންވެ ހޮވާނެ ބަޔަކު ނެތިއެވެ.

މުލަކުގެ މަގެއްގައި ދޮން އަނބުތަކެއް މަގަށް ވެއްޓި ހަލާކުވެފައި. މިއީ ރަށުގެ މަގުތަކުން އާންމު މަންޒަރެއް -- ސަން ފޮޓޯ

"ކުރީ ރަމަޟާން މަހެއްގައި މިތާ ވަރަށް އަނބު ގިނަވެގެން ގޮސް، ފައި ދަށުވެގެން ގޮސް މީހުން ނުނަގާ ހިސާބަށް ގޮސް އެކުވެރިންނަށް ރައްޓެހިންނަށް ފޮނުވާ އަނބު ވެސް އެ މީހުން ވެސް ނޯ ޖަހާ ހިސާބަށް އަޅުގަނޑުމެންނަށް ހަދިޔާގެ ގޮތުގައި ވެސް އަނބު ފޮނުވޭ. އެ ދެން ވިއްކޭނެ ގޮތެއް ވެސް ނެތީ،" އޭނާ ބުންޏެވެ.

މި ކަންބޮޑުވުންތަކާ ގުޅިގެން، އެ ރަށުގައި ދަނޑުވެރިކަން ބަލަހައްޓައި ކައުންސިލަރު ސާމިޔާ މުހައްމަދާ "ސަން"އިން ވާހަަކަދައްކައިލުމުން އޭނާ ވިދާޅުވީ ކައުންސިލުގެ ފަރާތުން އެ ކަމަށް ހައްލެެއް ހޯދުމަށްޓަކައި ފުރުސަތުތަކެއް ފަހިކޮށްދެވޭތޯ މަސައްކަތްކުރަމުން އަންނަކަމަށެވެ.

މުލަކުގެ ކައުންސިލަރު ސާމިޔާ މުހައްމަދު -- ސަން ފޮޓޯ

އެއީ، ކައުންސިލުން ޚާއްސަ އިސްކަމެއް ދޭ ކަމެއްކަމަށް ވެސް ސާމިޔާ ވިދާޅުވިއެވެ. އެގޮތުން ރިސޯޓުތަކަށް އަނބު ސަޕްލައިކޮށްދެވޭނެ ގޮތަކަށް އިންތިޒާމު ހަމަޖެއްސުމަށް މަޝްވަރާތަކެއް ކުރެވެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑުމެން ވެސް މިހާރު ހަމަ މަޝްވަރާކުރަމުން މިދަނީ އަޅުގަނޑުމެންގެ ކައިރި ރިސޯޓުތަކާއި އެހެން ދިމަދިމާލުގައި ވެސް މި މާކެޓުކޮށް ބޭރުކުރެވޭނެ ގޮތަކަށް،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މުލަކުގައި އަނބުގެ އިތުރުން ވެސް އެހެން ބާވަތްތައް ހެއްދުމުގެ މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން ފާއިތުވި ރަަމަޟާން މަހު ވެސް ކިއުކަމްބާއާއި މިރުހާއި ކަރާ ދަނޑުވެރިން ހެއްދިކަމަށް އޭނާ ވިދާޅުވިއެވެ.

ދަނޑުވެރިންނަށް ނަފާ ހޯދުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ހިލޭ ބައެއް ދަނޑުބިންތައް ދޫކޮށްފައިވާކަމަށް ވެސް ސާމިޔާ ވިދާޅުވިއެވެ. އެއާ އެކު ރަށުގެ ރައްޔިތުން ވެސް އަދި ރަށު ކައުންސިލުން ވެސް އެދެނީ މުލަކުގެ އުފެއްދުންތައް އިސްރާފުވާ މިންވަރު މަދުކޮށް ވީހާ ވެސް އަވަހަކަށް މާކެޓު ކުރެވޭނެ ގޮތެކެވެ.

comment ކޮމެންޓް