މަސްއޮޑިއާއި ހުޅުމާލެ ސްޕޯޓްސް ވެސް ގަދަ 16އަށް

މަސްއޮޑި ވޯވޯއާއި ވޯންޓެޑު ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން

އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444 ގައި މަސްއޮޑި ވޯވޯއާއި ހުޅުމާލެ ސްޕޯޓްސް ކުލަބު ކުޅުނު މެޗުތައް ކާމިޔާބުކޮށް ގަދަ 16ގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މިރޭގެ ތިން ވަނަ މެޗުގައި ބައްދަލުކުރީ މަސްއޮޑި ވޯވޯއާއި ވޯންޓެޑެވެ. އެ މެޗުގެ ފުރަތަމަ ގޭމުގައި މަސްއޮޑި އެތެރެއަށް ވަދެ 17-3 ގެ ނަތީޖާއަކުން ވަނީ ވޯންޓެޑުގެ މައްޗަށް ކުރި ހޯދައިފައެވެ.

ދެވަަނަ ގޭމުގައި އެތެރެއަށް ވަނީ ވޯންޓެޑުންނެވެ. ބޭރުން މަސްއޮޑި އެރި އެ ގޭމް ނިންމާލީ 5-5 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އެ މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ އަހުމަދު ވިޝާމްއެވެ

އެހެންކަމުން އެއް މެޗު ކާމިޔާބުކޮށް އަނެއް މެޗު އެއްވަރު ކޮށްގެން މަސްއޮޑި ވަނީ ގަދަ 16 އަށް ދަތުރުކޮށްފައެވެ.

ހުޅުމާލެ ސްޕޯޓްސް ކުލަބާއި ޓީނޭޖު ވެޓަރަންސް ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން

މިރޭގެ ހަތަރުވަނަ މެޗުގައި ބައްދަލުކުރީ ހުޅުމާލެ ސްޕޯޓްސް ކުލަބާއި ޓީނޭޖު ވެޓަރަންސްއެވެ. އެ މެޗުގެ ފުރަތަމަ ގޭމު ހުޅުމާލެ ސްޕޯޓްސްއިން ވަނީ 18-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ. އެ ގޭމުގައި ހުޅުމާލެ ސްޕޯޓްސް ވަނީ އެތެރެއަށެެވެ. ބޭރުން އެރީ ޓީނޭޖު ވެޓަރެންސްއެވެ.

އެ މެޗުގެ ދެވަނަ ގޭމުގައި ހުޅުމާލެ ސްޕޯޓްސްއިން ބޭރުން އަރައި 12-0ގެ ނަތީޖާއަކުން ވަނީ ޓީނޭޖު ވެޓެރެންސް ބަލިކޮށް ގަދަ 16 ގެ ޖާގައެއް ކަށަވަރުކޮށްފައެވެ.

މިރޭގެ ފުރަތަމަ މެޗުގައި ޓީސީ ފްރެޓާނިޓީއާއި ކުޑަ ހެންވޭރު ޔުނައިޓެޑު ބައްދަލުކުރި މެޗު ސީދާ ދެ ގޭމުން ޓީސީން ވަނީ ކާމިޔާބު ހޯދައިފައެވެ. މީގެ އިތުރުން މިރޭގެ ދެވަނަ މެޗު ވިކޭ ސްޕޯޓްސް އިން ވެސް ވަނީ ސީދާ ދެ ގޭމުން އީގަލްސް ޕީކޭ ބަލިކޮށް ކުއާޓާ ފައިނަލަށް ގޮސްފައެވެ.

https://www.sun.mv/176427

އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444 އަކީ ފިތުރު އީދާ ގުޅުވައިގެން ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބާއްވާ މުބާރާތެކެވެ.

ޖުމުލަ 34 ޓީމަކާއެކު މިފަހަރުގެ ބައިބަލާ ޗެލެންޖު ބާއްވަނީ އެހެން އަހަރުތަކާ ހިލާފަށް ހުޅުމާލޭގައެވެ. މިރޭ އެ މުބާރާތް ފެށިގެންދިޔަ އިރު، މިރޭ ޖުމުލަ ހަތް މެޗެއް ކުޅުނެވެ.

މިއަހަރުގެ ބައިބަލާ ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކަށް އެމްޓީސީސީ ހަމަޖައްސާފައިވާ އިރު، އޮފިޝަލް ޕާޓްނަރަކީ އާބަންކޯއެވެ. އަދި ބްރޯޑްކާސްޓިން ޕާޓްނަރަކީ ސަން ސިޔާމް މީޑިއާއެވެ.

comment ކޮމެންޓް