ސީދާ ދެ ގޭމުން މެޗު ކާމިޔާބުކޮށް ޓީސީއާއި ވީކޭ ގަދަ 16އަށް

ޓީސީ ފްރެޓާނިޓީއާއި ކުޑަހެންވޭރު ޔުނައިޓެޑު ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން

އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444ގައި ސީދާ ދެ ގޭމުން މެޗު ކާމިޔާބުކޮށް ޓީސީ ފްރެޓާނިޓީއާއި ވީކޭ ސްޕޯޓްސްއިން އެ މުބާރާތުގެ ގަދަ 16އަށް ދަތުރުކޮށްފިއެވެ.

މިރޭގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ ޓީސީއާއި ކުޑަހެންވޭރު ޔުނައިޓެޑެވެ. އެ މެޗުގެ ފުރަތަމަ ގޭމު ޓީސީ ވަނީ ކާމިޔާބުކޮށްފައެވެ. ބޭރުން އަރައި އެ ޓީމު އެ ގޭމް ކާމިޔާބުކުރީ 6-7ގެ ނަތީޖާއަކުންނެވެ.

ދެވަނަ ގޭމުގައި ޓީސީން އެތެރަށް ވަދެ ވެސް ވަނީ ކުޑަހެންވޭރު ބަލިކޮށްފައެވެ. އެ ގޭމްސް އެ ޓީމު ކާމިޔާބުކުރީ 15-8 އިންނެވެ.

ވީކޭ ސްޕޯޓްސްއާއި އީގަލްސް ޕީކޭ ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން

މިރޭގެ ދެވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ ވީކޭއާއި އީގަލްސް ޕީކޭއެވެ. އެ މެޗުގެ ފުރަތަމަ ގޭމު ވީކޭއިން ބޭރުން އަރައި ވަނީ 6-5 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ.

ދެވަނަ ގޭމުގައި ވީކޭއިން ވަނީ އެތެރެއަށް ވަދެ އެ ގޭމު ވެސް ކާމިޔާބުކޮށްފައެވެ. އެ ގޭމު އެ ޓީމުން ކާމިޔާބުކުރީ 21-2 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވީކޭ ގެ ނަޒީހު ހަނީފްއެވެ.

އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444 އަކީ ފިތުރު އީދާ ގުޅުވައިގެން ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބާއްވާ މުބާރާތެކެވެ.

ޖުމުލަ 34 ޓީމަކާއެކު މިފަހަރުގެ ބައިބަލާ ޗެލެންޖު ބާއްވަނީ އެހެން އަހަރުތަކާ ހިލާފަށް ހުޅުމާލޭގައެވެ. މިރޭ އެ މުބާރާތް ފެށިގެންދިޔަ އިރު، މިރޭ ޖުމުލަ ހަތް މެޗެއް ކުޅުނެވެ.

މިއަހަރުގެ ބައިބަލާ ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކަށް އެމްޓީސީސީ ހަމަޖައްސާފައިވާ އިރު، އޮފިޝަލް ޕާޓްނަރަކީ އާބަންކޯއެވެ. އަދި ބްރޯޑްކާސްޓިން ޕާޓްނަރަކީ ސަން ސިޔާމް މީޑިއާއެވެ.

comment ކޮމެންޓް