ކާޑުގެ ބާވަތްތައް ގަނޑުކޮށް ގުދަން ކުރާނަމަ، ގުދަން ރަޖިސްޓްރީކުރަން ޖެހޭގޮތަށް ހަދަނީ

އެސްޓިއޯ ކާޑު ގުދަން--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކާޑުގެ ބާވަތްތައް ގަނޑުކޮށް ގުދަންކުރާނަމަ ގުދަން ރަޖިސްޓްރީކުރަން ޖެހޭގޮތަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނިންމައިފިއެވެ.

މިކަމައި ގުޅޭގޮތުން ފުޑް އެންޑް ޑްރަގް އޮތޯރިޓީން ގެޒެޓްކޮށްފައިވާ އާއްމު އިއުލާނެއްގައި ބުނެފައިވަނީ، ކާޑުގެ ބާވަތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި "ރައްކާތެރި ގޮތުގައި ކާބޯތަކެތި ގެންގުޅުމާއި އެތަކެތި އެއްތަނުން އަނެއްތަނަށް އުފުލުލުމާއި ގުދަން ކުރުމުގައި އަމަލުކުރާނޭ ގޮތުގެ މިންގަނޑު" ގައިވާ ގޮތުގެ މަތިން ގުދަންތައް ރެގިއުލޭޓް ކުރުމަށްޓަކައި އެފަދަ ގުދަންތައް ރަޖިސްޓްރީކުރަން ޖެހޭގޮތަށް ނިންމާފައިވާކަމަށެވެ.

ކާޑުގެ ބާވަތްތައް ގަނޑުކޮށް ގުދަންކުރާ ތަންތަން ރަޖިސްޓްރީކުރަންޖެހޭ ތާރީހެއްކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފައިވަނީ މި އަހަރުގެ އޮގަސްޓްމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

ގަނޑުކޮށް ކާޑު ގުދަންކުރާ ތަންތަން ރަޖިސްޓްރީކުރަން އެމްއެފްޑީއޭއިން ނިންމާފައިވާއިރު، މިފަހަކުން ފިހާރަތަކުން ވިއްކި ގޮދަން ފުށުގައި މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިގެން ބައެއް އާއްމުންވަނީ ސޯޝަލް މީޑިއާގައި އެކަން ވަރަށްބޮޑަށް ފާހަގަކޮށްފައެވެ.

ހުޅުމާލޭ ފިހާރަތަކަށް ފުށް ބަސްތާތަކެއް ގެންދަނީ. ޕިކަޕުގައި މިގޮތަށް އެއްތަނުން އަނެއްތަނަށް ގިނަ ފަހަރަށް ކާޑުފަދަ ތަކެތި ގެންދަނީ ގަދައަށް އަވި ދިންނަމަވެސް ސަތަރިގަނޑަކުން ނިވާކުރުމެއްނެތި. --- ސަން ފޮޓޯ/ ޢަބްދުﷲ ހުސައިން

ކާޑުގެ ބާވަތްތަކުގެ ތެރެއިން ހާއްސަ ގޮތެއްގައި ފުށްބަސްތާތައް ގުދަނުން ނެރެ ޕިކަޕަށް ލައިގެން ތަންތަނަށް ގެންދާއިރު، އަވިންނާއި ވެހޭ ވާރޭއިން އެކަށީގެންވާ ގޮތެއްގައި ފުށްބަސްތާތައް ނިވާ ނުކުރާ މައްސަލައަކީ އާއްމުން ވަރަށްބޮޑަށް ފާހަގަކުރާ މައްސަލައެކެވެ.

comment ކޮމެންޓް