މުލަކު މަގުތައް ނުހެދި ހުއްޓިފައި، ރައްޔިތުންނަށް ބޮޑު ތަކުލީފެއް

މުލަކުގެ މަގު ހެދުމުގެ މަސައްކަތް ފެށުމަށްފަހު ހުއްޓިފައި. މިއީ އާންމުންގެ ބޮޑު ކަންބޮޑުވުމެއް -- ސަން ފޮޓޯ

މ. މުލަކުން މުހައްމަދު ނާއިލް ހަފީޒް

މ. މުލަކުގެ މަގުތައް ހެދުމުގެ މަސައްކަތް ފެށިތާ ގާތްގަނޑަކަށް ތިން އަހަރުވީ އިރު އަދިވެސް އެ މަސައްކަތް ނުނިމޭތީ އެކަމުގެ ކަންބޮޑުވުންތައް އާންމު ރައްޔިތުންނާއި ރަށު ކައުންސިލުން ފާޅުކުރަން ފަށައިފިއެވެ.

މުލަކުގެ ބޮޑު ފަސް މަގެއް، ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ފެށީ މި ސަރުކާރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްގެންނެވެ.

އެގޮތުން 2021ވަނަ އަހަރު އާރްޑީސީން މަސައްކަތް ފެށިނަމަވެސް އަދިވެސް މަގުތައް ހުރީ ދެ އަރިމަތީގައި ކާވް ސްޓޯން ޖައްސައިފައި ހުރި ގޮތަށެވެ.

މުލަކުގެ މަގު ހެދުމުގެ މަސައްކަތް ފެށުމަށްފަހު ހުއްޓިފައި. މިއީ އާންމުންގެ ބޮޑު ކަންބޮޑުވުމެއް -- ސަން ފޮޓޯ

ބައެއް މަގުތަކުގައި ކޮނެލައިފައި ދޫކޮށްލައިފައި ވެސް ހުރެއެވެ. އެކަމުގެ ސަބަބުން އާންމުންނަށް އުފުލަން ޖެހިފައިވާ ބައެއް ތަކުލީފުތަކުގެ ވާހަކަ ރައްޔިތުން ވަނީ "ސަން"އާ ހިއްސާކޮށްފައެވެ.

އެގޮތުން އާންމު ރައްޔިތަކު ބުނި ގޮތުގައި ރައްޔިތުންނަށް ފަސޭހައެއް ލިބޭނީ މަގުތަކުގެ މަސައްކަތް އަވަހަށް ނިންމައިގެންނެވެ. ރަށުގައި ފެންބޮޑުވުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވާއިރު އެކަން ހައްލުކުރުމަށް ކުރާ މަސައްކަތަކުން އިތުރު ތަކުލީފެއް ލިބުމަކީ އެންމެ އެދެވޭ ކަމެއް ނޫންކަމަށް ވެސް އޭނާ ބުންޏެވެ.

މުލަކުން ކަންބޮޑުވުންތައް ހިއްސާކުރި އާންމު ރައްޔިތެއް "ސަން"އާ ވާހަކަދައްކަނީ -- ސަން ފޮޓޯ

"ހަގީގަތަށް ބުނަންޏާ އާރްޑީސީއިން މިގޮތަށް މި ކަން ކުރުމަކީ އެ ނުނިމޭ މި ގޮތަށް ދާތީ. މި ރަށަކީ ފެން ބޮޑުވާ ރަށެއް. ފެން ބޮޑުވާތީވެ ސަރުކާރުން މި ކަމެއް ފަށައިގެން މި އުޅެނީ. އަޅުގަނޑުމެންނަށް މި ކަން ކޮށްދޭން ވެގެން. އެކަމަކު ވެސް ވާ ގޮތަކީ މި ކަން ނުނިމެންޏާ މި ކަމުގެ ތަކުލީފު ކުރިމަތިވާނެ. މިހާރު މިވަނީ ފަސޭހައަށްވުރެ އުނދަގޫވެފައި. ކުރިއަށްވުރެ އުނދަގޫވެފައި،" އޭނާ ކިޔައިދިނެވެ.

އޭނާ އިތުރަށް ބުނީ ދުވާރުގައި ގާ ޖަހައިފައި ހުރިނަމަ އާންމުންނަށް ހިނގައިބިނގާވެ އުޅެން ފަސޭހަވީސް ކަމަށެވެ.

ނަމަވެސް މަސައްކަތް ކުރިއަށްދަނީ އެއްވެސް ރޭވުންތެރިކަމެއް ނެތިކަމަށް އޭނާ ބުންޏެވެ.

ކުޑަ ވާރޭ ކޮޅެއް ވެހިލުމުން މުލަކުގެ މަގެއް އޮތް ގޮތް -- ސަން ފޮޓޯ

"މި ދާގޮތަށް ދަންޏާ އަދި ނަގާނެ 25 ވަރަކަށް އަހަރު އަޅުގަނޑު ގަބޫލުކުރާނީ، އެންމެ މަގެއް އަދި ނުނިމޭ،" އޭނާ ބުންޏެވެ.

މި ކަންބޮޑުވުންތަކާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން މުލަކު ކައުންސިލުގެ ނައިބު ރައީސް ހުސައިން ރަޝީދު ވިދާޅުވީ މަސައްކަތް ކުރިއަށްދަނީ ވަރަށް ލަސް ދުވެއްޔެއްގައި ކަމަށެވެ.

މުލަކަކީ އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ރަށުގައި ވެހިކަލްތައް ވެސް ގިނަ ކަމަށެވެ.

"ދެން މަގަށް މޮބިލައިޒްވީ ފަހުން ވެސް މަސައްކަތް މިދަނީ ވަރަށް ސްލޯކޮށް ހަމަ، ވަރަށް ސްލޯކޮށް. ދެން މި ވަރުގެ މަސައްކަތަކަށް ބަލައިފައި އަސްލު ރައްޔިތުންގެ ކަންބޮޑުވުންތައް ވެސް އަޅުގަނޑުުމެންނާ ހިސާބަަށް އާދޭ،" ރަޝީދު ވިދާޅުވިއެވެ.

މުލަކު ކައުންސިލްގެ ނައިބު ރައީސް ހުސައިން ރަޝީދު -- ސަން ފޮޓޯ

އޭނާ ވިދާޅުވީ މަގުތަކަކީ އާންމުން އެންމެ ގިނައިން ބޭނުންކުރާ ތަން ކަމަށެވެ.

"ދެން އޭގެ ތެރެއިން އެއް މަގު މި މަގަކީ. މި މަގުގައި އެންމެ ފުރަތަމަ މަސައްކަތް ފެށިގެން މި ދިޔައީ. ދިޔަ ގޮތަށް މި މަގުގައި އަދި އަދަށް ދާން ދެން ވެސް މި މަގު މިކޮޅު ކޮޅާ ހަމައަށް ގޮސް ނުނިމިގެން މި އުޅެނީ،" ރަޝީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަގު މިހާވަރަށް ގޮސްފައިވާއިރު ރައްޔިތުންނަށް ބޭނުންކޮށްލެވޭ ފެންވަރަށް މަގުގެ އަޑިގުޑަންތައް ފިލުވައިދީފައި ވެސް ނުވާކަމަށެވެ.

މީގެ ކުރިން އާރްޑީސީއާ އެކު އެއްބަސްވެފައިވާ ކަންކަމާ އެއްގޮތަށް އަމަލުކުރަމުން އަންނަ މަންޒަރު ވެސް ނުފެންނަ ކަމަށް ރަޝީދު ވިދާޅުވިއެވެ.

މި ކަމާ ގުޅޭގޮތުން އާރްޑީސީގެ ބަހެއް ލިބޭގޮތްވަނީ ނުވެފައެވެ.

ކައުންސިލުންނާއި ރައްޔިތުންގެ އުންމީދަކީ ރައްޔިތުންނަށް އޮތް މި ދަތި ވީހާ ވެސް އަވަހަށް ހައްލުވުމެވެ. އަދި, މަގުގެ މަސައްކަތް އަވަހަށް ފެށި އަވަހަށް ނިމުމެވެ.

comment ކޮމެންޓް