ރަމީޒާ ދެކޮޅަށް ހެކިބަސް ދޭން ޝިޔާމާއި ޝުޖާއަށް ވެސް ނާންގާ

ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު -- ސަން ފޮޓޯ

ޕީޕީއެމްގެ ސުލޫކީ ކޮމިޓީއަށް މިރޭ 09:00ގައި އެ ޕާޓީގެ މެމްބަރު އާދަމް ރަމީޒާ ދެކޮޅަށް ހެކިބަސް ދިނުމަށް ދާން ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު އާއި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމަށް ވެސް އަންގައިފައިނުވާނެކަމަށް ޕީޕީއެމުން ބުނެފިއެވެ.

ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން މާލޭ ސިޓީ ކައުންސިލްގެ ކައުންސިލަރު އާދަމް ރަމީޒް ގެންދަވަނީ މާލޭ ސިޓީގެ މޭޔަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރައްވަމުންނެވެ.
އެ މައްސަލަ ޕީޕީއެމްގެ ސުލޫކީ ކޮމިޓީއަށް ހުށަހަޅައި ބަލަމުން އަންނަކަމަށް ވެސް އެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ. މިކަމާ ގުޅިގެން މިރޭ "ސަން"އާ ވާހަކަދައްކަވަމުން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރަމީޒުގެ ސުލޫކީ މައްސަލައެއް ބަލަމުން އަންނަކަމަށެވެ.

ނަމަވެސް އެ މައްސަލައިގެ މައުލޫމާތު އަދި ހާމަކުރެވެން ނެތްކަމަށް ހީނާ ވިދާޅުވިއެވެ.

"ވީޕީ [ނައިބު ރައީސް] ޝިޔާމް އަދި ވީޕީ [ނައިބު ރައީސް] ޝުޖާއު އެއްވެސް ކޮމިޓީއަކަަށް ހެކިބަސް ދޭކަށް ނެތް،" ހީނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ މިހާތަނަށް އައިއިރު ވެސް އެ ފަދަ މައްސަލައެއް ހިނގަމުން އަންނަކަން އެނގިނުލައްވާކަމަަށެވެ. އަދި އެއްވެސް މީހަކާ ދެކޮޅަށް ހެކިބަހެއް ދޭން ހާޒިރުވާން ޖެހޭކަން އޭނާއަށް ވެސް އެނގިނުލައްވައިކަމަށެވެ.

"އަޅުގަނޑަކަށް ނޭނގެ އެއްގޮތަކަށް ވެސް މިރޭ މީހަކާ ދެކޮޅަށް ހެކިބަސް ދޭން ދާން އޮތްކަމެއް،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕީޕީއެމްގެ ތެރޭގައި ވެސް ވެރިކަން ހޯދުމުގެ ޝައުގުވެރިކަމުގައި މަސައްކަތްކުރާ ބަޔަކު އުޅޭކަމަށެވެ. ނަމަވެސް އެއީ ކޮން ބައެއް ކަމެއް އޭނާއަށް ވިދާޅުނުވެވެއެވެ.

"ދެން މި ޕާޓީގެ ތެރޭ ވެސް އުޅޭ ވެރިކަމަށް ހަމަ މަސައްކަތްކުރާ މީހުން. އެއީ ދެން ކޮންމެ ޕާޓީއެއްގެ ވެސް ގޮތް ދެއްތޯ،" އޭނާ ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ދެކޮޅަށް އެއްވެސް މީހަކަށް މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެން ނުވާނެކަމަށެވެ.

"ރައީސް ޔާމީން ހުއްޓައި އެ މަނިކުފާނު ވައްޓައިލައިފައި ކުރިއަށް ދާން މަސައްކަތް ކުރާ މީހަކު އަޅުގަނޑު ވެސް ފުނޑައިލާނަން. މި ބުނީ ސިޔާސީ ގޮތުން. ރައީސް ޔާމީނަކީ އަޅުގަނޑުމެެންގެ ކެނޑީޑޭޓް،" ޝިޔާމް ވިދާޅުވިއެވެ.

ޕީޕީއެމްގެ އެތެރޭގައި ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެނޑީޑޭޓަކާ މެދު އެ ޕާޓީގެ އާންމު މެމްބަރުންނާއި ބައެއް އިސްވެރިންނާ ދެމެދު ޚިޔާލު ތަފާތުވުންތައް އޮތްކަމުގެ ވާހަކަތަކާއި އަޑުތައް ފެތުރެއެވެ.

ނަމަވެސް އެ ޕާޓީގެ އެއްވެސް އިސްވެރިއަކު ފާޅުގައި އެކަމަށް އެއްބަހެއް ނުވެއެވެ.

comment ކޮމެންޓް