މާދަމާ ގޮވާމުން ޒަކާތް ބަހަން ފަށަނީ

އިސްލާމިކް މިނިސްޓްރީން ކުރީ އަހަރެއްގައި ޒަކާތް ބަލައިގަންނަނީ --

މާދަމާއިން ފެށިގެން ގޮވާމުން ޒަކާތް ބަހަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ މި އަހަރު ފިތުރުޒަކާތުގެ ގޮތުގައި ބަލައިގެންފައިވާ ގޮވާމުގެ ބާވަތްތައް ބެހުން މާދަމާއިން ފެށިގެން ކުރިއަށް ދާނެ ކަމަށެވެ. ޒަކާތް ބަހާނީ މަޖީދިއްޔާ ސްކޫލްގެ "ޞަލާހުއްދީން ހޯލު"ގައި ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

އިއުލާނުގައި ވާ ގޮތުން މާދަމާ އާއި ބުރާސްފަތި ދުވަހު ވެސް ޒަކާތް ބަހާނެއެވެ. މާދަމާ ޒަކާތް ބަހާނީ މެންދުރުފަހު އެކަކުން ތިނަކަށް ، ހަވީރު 04:30 އިން 05:30 އަދި ރޭގަނޑު ނުވަޔަކުން 10:30 އަށެވެ. ބުރާސްފަތި ދުވަހު ހެނދުނު ދިހަޔަކުން ހަވީރު ފަހަކަށާއި ރޭގަނޑު އަށަކުން ދިހަޔަކަށެވެ.

ޒަކާތް ބަހާނީ މާލެ ސިޓީގެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ފިތުރު ޒަކާތަށް ދައްކަނީ ގޮވާމުން އެ ބަޔަކު އާންމުކޮށް ކެއުމަށް ބޭނުންކުރާ ބާވަތަކުން ބޮލަކަށް 2.4 ކިލޯގެ ވަރެވެ. ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަތީ އާދައިގެ ހަނޑުލާއި ތައިލެންޑް ހަނޑުލާއި ބާސްމަތީ ހަނޑުލާއި ރަތް ހަނޑޫ އަދި ގޮދަން ފުށާއި އާޓާ ފުށެވެ.

comment ކޮމެންޓް