މުޒާހަރާތަކުން އާންމު އުނދަގޫ ކުރިމަތިވިޔަސް ފިޔަވަޅު ނޭޅެނީ ގާނޫނު ފުށުއަރާތީ: ފުލުހުން

ޖެނުއަރީ 29، 2021: "އިންސާފު ކޮބާ" ނަމުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ފަރާތުން ބޭއްވި މުޒާހަރާގެ ތެރެއިން -- ސަން ފޮޓޯ: އިފާޒް

އެކި ނަންނަމުގައި ހިންގާ ސިޔާސީ ހަރަކަތްތަކާއި މުޒާހަރާތަކާއި އެއްވުންތަކުގެ ސަބަބުން އާންމުންނަށް ބޮޑެތި ތަކުލީފުތަކާ ކުރިމަތިވި ނަމަވެސް އެ ފަދަ ކަންކަން ހުއްޓުވުމަށް ޓަކައި ފުލުހުންނަށް މަސައްކަތްކުރަން އޮންނަ މަގު ހަނިވެ މައްސަލަ ދޫކޮށްލަންޖެހެނީ ގާނޫނުގައި ފުށުއެރުންތަކެއް ހުރުމުންކަމަށް ފުލުހުން ބުނެފިއެވެ.

އާންމުންނަށް ވާ އުނދަގުލާއި ތަކުލީފު ބޮޑުވެ އެންމެ ފަހުން ވާހަކަދެވެން ފެށީ މާލޭގައި އިދިކޮޅު ޕީޕީއެމުން ކުރަމުން އަންނަ އިހުތިޖާޖުތަކާ ގުޅިގެންނެވެ.

އެގޮތުން ކޮންމެ ރެޔަކުހެން ޕީޕީއެމުގެ ސަޕޯޓަރުން އާޓިފިޝަލް ބީޗު ކުރިމައްޗަށްވާހެން ހުންނަ އެ ޕާޓީގެ އޮފީސް ދޮރުމައްޗަށް އެއްވެ އަޑު އުފުލައެވެ.

އެހެންވެ އެ ވަގުތުތަކާ ދިމާކޮށް އެ ސަރަހައްދު ބާރު ބޮޑުވެ، އުޅަނދު ދުއްވުމަށް ވެސް ދަތިވެއެވެ. އެ މަގުން ބަސް ދަތުރު ކުރާއިރު ވެސް ގިނަ އިރުތަކެއް ވަންދެން ނުދެވިފައި އޮންނަން ޖެހެއެވެ.

މި ކަމާ ގުޅިގެން "ސަން"އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފުލުހުންގެ ތަރުޖަމާނު ޗީފް ސުޕްރިންޓެންޑެންޓް ޔޫނުސް ސޮބާހު ވިދާޅުވީ މުޒާހަރާތައް ކޮންޓްރޯލުކޮށް، ހުއްޓުވުމަށް ޓަކައި މިހާރު ވެސް ފުލުހުން މަސައްކަތް ކުރަން ޖެހެނީ ވަރަށް ހަނި ދާއިރާއަކުން ކަމަށެވެ.

އެގޮތުން ގިނަ ބާރުތަކެއް ބޭނުންކުރުމަކީ ހުއްދަ އެކަމަށް އޮންނަ ކަންކަމެއް ނޫންކަމަށް ޔޫނުސް ވިދާޅުވިއެވެ.

"އަސްލު އަޅުގަނޑުމެން މިހާރު ވެސް މުޒާހަރާތައް ބެލެހެއްޓުމުގައި އަމަލުކުރަނީ ވަރަށް ހަނި ދާއިރާއަކުން. ހުރިހާ ބާރެއް ބޭނުންކުރެވޭކަށް ވެސް ނޯވެ. ހައްޔަރުކުރުން މި އޮންނަނީ،" ޔޫނުސް ވިދާޅުވިއެވެ.

އިދިކޮޅުގެ އިހުތިޖާޖަކުން އުމުރުން ދުވަސްވީ އަންހެން މީހަކު ހައްޔަރުކުރުން --

އޭނާ ވިދާޅުވީ މި ކަމުގައި އެންމެ ބޮޑު މައްސަލައެއް ކުރިމަތިވަނީ ގާނޫނުތައް ފުށުއަރާތީކަމަށެވެ. އެގޮތުން ޚިޔާލު ފާޅުކުރުމުގެ މިިނިވަންކަމުގެ ހައްގު ލިބިދީފައިވާއިރު އެ ކަން ހުއްޓުވުމަށް ޓަކައި ފުލުހުންނަށް މަސައްކަތެއް ނުކުރެވޭނެކަމަށެވެ.

އެހެންވެ އާންމު މަސްލަހަތަށް ފުށުއެރި ނަމަވެސް އަމަލުކުރުމުގައި ކަންކުރަންޖެހެނީ ބަލައިގެންކަމަށް ޔޫނުސް ވިދާޅުވިއެވެ.

ފެބްރުއަރީ 12، 2021: ކޮވިޑު19ގެ ހާލަތު މާލެ ސަރަހައްދުގައި ގޯސްވެފައިވަނިކޮށް އިދިކޮޅުން ކޯލިޝަނުން "ކޮބާ މަގޭ ފްލެޓު" ނަމުގައި މާލޭގައި ކުރި މުޒާހަރާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އަސްލު ގާނޫނުތަކުގެ ސަބަބުން އަޅުގަނޑުމެންނަށް އޮންނަ ހުރަހެއް މިއީ. މިސާލަކަށް ޖިނާއީ އިޖުރާތުގެ ގާނޫނުގައި އެ ހުންނަ ބައެއް މާއްދާތަކާއި ބައެއް ގަވައިދުތަކާއި މިފަދަ ކަންކަން. މި ހުރަސްތައް ނައްތައިލެވިއްޖެ ނަމަ އަޅުގަނޑުމެންނަށް ފަސޭހަވާނެ. ބޭނުމަކީ ޚިޔާލު ފާޅުކުރުމަށް ހުރަސް އެޅުމެއް ނޫން. ނަމަވެސް އާންމުންނަށް ދަތިވާ ކަންކަން ހުއްޓުވުން،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މުޒާހަރާތަކުން ހައްޔަރުކުރާ މީހުން ގިނަ ނަމަވެސް ކޯޓު މަރުހަލާގެ ތެރެއިން ގިނަ ފަހަރު އެ އެންމެން ވެސް މިނިވަންވެއެވެ.

އެގޮތުން ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން އާންމު ގޮތެއްގައި ޖަހައި ފަހެއް ނުވަތަ 10 ދުވަހުގެ ބަންދުގެ މުއްދަތު ނިމުމާއެކު އެ މީހަކު މިނިވަންވެއެވެ.

"އެހެންވީމާ ހަމަ އެ މީހުން އަލުން މި ނިކުންނަނީ މުޒާހަރާއަށް،" އޭނާ ވިދާޅުވިއެވެ.

ނަމަވެސް މިފަދަ ކަންކަމުގައި ބޮޑެތި ދައުވާތަކެއް އުފުލުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް