ސިޔާސީ ހަލަބޮލިކަމަށް ޝައުގެއް ނެތް، ފޯކަސް އަކީ ވައުދުތައް ފުއްދުން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ރޭ ކ. މާފުށީގައި -- ފޮޓޯ/ އެމްޑީޕީ

ސިޔާސީ ހަލަބޮލިކަމަށް ޝައުގެއް ނެތް ކަމަށާއި އެ މަނިކުފާނުގެ ހުރިހާ ވެސް ފޯކަސް އަކީ އިންތިޚާބުގައި ރައްޔިތުންނަށް ވީ ވައުދާއި ސަރުކާރުގެ މެނިފެސްޓޯ ތަންފީޒު ކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީން ވާދަކުރައްވައި ޝާޒް އިބްރާހިމްގެ ކެމްޕޭނަށް ރޭ ކ. މާފުއްޓަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސިޔާސީ ހަލަބޮލި ކަމަށް ގެނބިގެން ގޮސްފިނަމަ ރައްޔިތުންނަށް ވީ ވައުދުތައް ނުފުއްދޭނެ ކަމަށެވެ. އެހެންވެ، އެ މަނިކުފާނުގެ ހުރިހާ ވެސް ފޯކަސް އެއް މި ވަގުތު ހުރީ ވީ ވައުދުތައް ފުއްދަން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"[އިންތިޚާބުވީ ދުވަހުން ފެށިގެން] ޒިންމާއަކަށް ދެކި، މަސްއޫލިއްޔަތަކަށް ހެދީ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުން. ސިޔާސީ ހަލަބޮލި ކަމުގެ ތެރޭން ދުރަށް ޖެހި، ހަމައެކަނި އަޅުގަނޑުގެ މައިގަނޑު ފޯކަސް އަކީ، މައިގަނޑު އަމާޒަކީ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުން،" ރައީސް ވިދާޅުވިއެވެ.

އެއީ، ހަމައެކަނި އެ މަނިކުފާނުގެ އަމާޒެއް ނޫން ކަމަށާއި މުޅި ސަރުކާރުގެ ވެސް ހުރިހާ ވެސް ފޯކަސް އެއް ހުރީ ވީ ވައުދުތައް ފުއްދުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ކ. މާފުށީގައި -- ފޮޓޯ/ އެމްޑީޕީ

"އޭގެ ހަތަރު އަހަރު ފަހުން، އަޅުގަނޑަށް އައިސް މިހެން ހުރެ ވާހަކަދައްކާއިރުގައި، މީނދަ ރަށެއްގެ ފެނާއި ނަރުދަމާ ނިމިފައި، މީނދަ ރަށެއްގެ ބަނދަރު ނިމިފައި، މީނދަ ރަށެއްގެ ކަރަންޓުގެ ޚިދުމަތް ދެވިފައި، މިހެން ގޮސް މީނދަ ރަށެއްގައި ފުޓުބޯޅަ ދަނޑު އެޅިފައި، ވޮލީ ކޯޓު އެޅިފައި، ގުނާ އަދަދު ނުކުރެވޭ ވަރަށް މަސައްކަތް ކުރެވިފައި" އެ މަނިކުފާނު ވިދާޅުވިއެވެ.

"މިއީ ސިޔާސީ ހަލަބޮލިކަމުން ދުރުވެ ހުރެ، އަޅުގަނޑުމެންގެ ވިސްނުން ވީ ވައުދުތައް ފުއްދުމަށްޓަކައި ފޯކަސް ކުރުމުން ކުރެވުނު ކަންތައްތައް."

ރައީސް ޞާލިޙް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް އެ މަނިކުފާނުގެ ވިސްނުންފުޅަނީ ރައްޔިތުން އެދޭ ކަންކަން މެނިފެސްޓޯއެއްގެ ސިފައިގައި ގެނެވި، އޭގައި ވާ ކަންކަން ތަންފީޒު ކުރަން މަސައްކަތް ކުރުން ކަމަށެވެ. އެހެންވެ، ސިޔާސީ ގޮތުން އަންނަ ފާޑުކިޔުންތަކަށް މާ ބޮޑު ޝައުގެއް ނެތް ކަމަށާއި ވިސްނުންފުޅަކީ ވައުދުތައް ފުއްދުމުގައި ކުރިއަށް ވަޑައިގަތުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް