ހިމަބިހި ޖެހުނު ކުއްޖާއާ ބައްދަލުވި އެއްވެސް މީހެއްގެ ފަރާތުން އަލާމާތެއް ނުފެނޭ: އެޗްޕީއޭ

ހިމަބިހި --- ފޮޓޯ/ ގޫގުލް

އައްޑޫ ސިޓީއިން ހިމަބިހި ނުވަތަ މީސްލްސްއަށް ކުޑަކުއްޖަކު ޕޮޒިޓިވްވި ކޭސްއާ ގުޅިގެން މިހާތަނަށް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ މީހުންގެ ފަރާތުން އެ ބަލީގެ އެއްވެސް އަލާމާތެއް ފެނިފައިނުވާ ކަމަށް އެޗްޕީއޭއިން މިއަދު ބުނެފިއެވެ.

އައްޑުއިން ހިމަބިހި ބައްޔަށް ކުޑަކުއްޖަކު ޕޮޒިޓިވްވެފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އޭގެ ފަހުން އެ ކޭސްއާ ގުޅުން ހުރި މީހުންގެ ކޮންޓެކްޓް ޓްރޭސިން ހަދައި، އެކަމާ ގުޅިގެން ކުރަން ޖެހޭ ކަންކަން ކުރަމުންދާ ކަމަށް އޭރު އެޗްޕީއޭއިން ބުންޏެވެ.

އެކަމާ ގުޅިގެން އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން، އެޗްޕީއޭއިން މިއަދު ބުނީ އައްޑޫ ސިޓީ އިކުއިޓޯރިއަލް ހޮސްޕިޓަލުން ވަނީ ޕޮޒިޓިވް ވި ކޭސްއާ ކޮންޓެކްޓުވެފައިވާ ފަރާތްތައް ބަލައި، މައުލޫމާތު އޮޅުން ފިލުވާފައި ކަމަށެވެ. އަދި ކޭސް ފެނުމާ ގުޅިގެން ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ކޭސް ފެނުނު ހިސާބުގެ ވަށައިގެންވާ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ކޮމިއުނިޓީ ސާވޭއެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެ އޭޖެންސީއިން ބުންޏެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި އެ ސާވޭގައި ވަނީ ހިމަބިހި ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުވެ ތިބި އަދި ފުރިހަމަކޮށްފައިވާ ކަމުގެ ރެކޯޑް ނެތް މީހުންނަށް ވެކްސިން ދިނުމަށް ރިންގް ވެކްސިނޭޝަން ކުރިއަށް ގެންގޮސްފައެވެ.

މި ކޭސްއާ ގުޅިގެން މިހާތަނަށް 65 މީހަކު ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމަށާއި މިއިން އެއްވެސް މީހެއްގެ ފަރާތުން ބަލީގެ އަލާމާތެއް ފެނިފަ ނުވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ. ބައްޔަށް ޕޮޒިޓިވްވި ކުއްޖާ އާއި ކޮންޓެކްޓުންގެ ގޮތުގައި ދެނެގަނެވިފައިވާ އެންމެންނަކީ ވެސް ވެކްސިން ފުރިހަމަކޮށްފައިވާ މީހުން ކަމަށް އެޗްޕީއޭއިން ބުންޏެވެ.

"ކޮމިއުނިޓީ ސާވޭގައި 41 ފަރާތެއްގެ މައުލޫމާތު ސާފުކުރެވިފައިވޭ. މީގެ ތެރޭގައި 16 ގެއަކާއި އެއް ފިހާރަ ހިމެނޭ. ސާވޭއަށް ފަހު 19 ފަރާތަކަށް ވެކްސިން ދީފަވޭ،" އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ބުނީ ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއް ކަމަށް ކަނޑައަޅާފައިވާތީ، ހިމަބިހީގެ އަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދައްކާ ފަރާތްތައް ހިމަބިއްސަށް ޓެސްޓް ކުރުމަށް ސާމްޕަލް ނެކުމަކީ އެ އޭޖެންސީގެ ސާވެއިލެންސް މިންގަނޑުތަކާ އެއްގޮތަށް ރާއްޖޭގެ ހުރިހާ ސިއްހީ ޚިދުމަތްދޭ ތަނަކުން އަމަލު ކުރަމުން އަންނަ އުސޫލެއް ކަމަށެވެ.

އެެހެންކަމުން، އެޗްޕީއޭއިން ވަނީ ހިމަބިހީގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމަށް އެދިފައެވެ.

އައްޑުއިން މި ބައްޔަށް ޕޮޒިޓިވް ކުއްޖާގެ ކޭސްއާ ގުޅިގެން އެޗްޕީއޭއިން އެންމެ ފުރަތަމަ ބުނީ ބަލި ފެތުރޭ މުއްދަތު ފަހަނައަޅައި، ދިއުމުން ބަލި ފެތުރުމުގެ ފުރުސަތެއް ނެތްކަމަށެވެ. އަދި މި ބައްޔަކީ ނައްތާލެވިފައިވާ ބައްޔަކަށްވުމާއެކު މި ބަލީގެ އެންމެ ކޭސްއެއް ފެނުނު ކަމުގައި ވީނަމަވެސް އެ ބެލެވެނީ އައުޓްބްރޭކެއްގެ ގޮތުގައި ކަމަށެވެ.

ހިމަބިއްސަކީ ރާއްޖެއިން ނައްތާލައިފައިވާ ބައްޔެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅައި އެކަމުގެ ލިޔުން ދިނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2017ގައެވެ.

އޭގެ ފަހުން ހިމަބިއްސަށް ބަޔަކު ޕޮޒިޓިވްވީ ކޮވިޑު-19 ބަލިމަޑުކަން ފެނުމުގެ ދުވަސްކޮޅެއް ކުރިން 2020 ވަނަ އަހަރުގެ ޖެނުއަރީގައެވެ.

ހިމަބިހީގެ މައިގަނޑު އަލާމާތްތަކަކީ ހުން އައުމާއި ހަމުގައި ރަތް ބިހިތަކެއް ނެގުމާއި ކެއްސުމާއި އަރިދަފުސް ފޭބުމެވެ. އަދި ލޯ ރަތްވުން ފަދަ އަލާމާތްތައް ވެސް ބައެއް މީހުންގެ ފަރާތުން ފެނުން އެކަށީގެންވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ. އެޗްޕީއޭއިން ވަނީ މިފަދަ އަލާމާތްތަކަށް ސަމާލުވުމަށް އެދިފައެވެ.

comment ކޮމެންޓް