ސިޔާސީ މަގާމުތަކުގައި ތިބެވޭނީ ސަރުކާރަށް ތާއީދު ކުރާނަމަ: މިއުވާން

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވާހަކަދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބެވޭނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސިޔާސަތުތަކަށް ތާއީދުކުރާ ބޭފުޅުންނަށް އެކަނި ކަމަށާއި ނޫން ނަމަ ސިޔާސީ މަގާމުތަކުން ވަކިކުރާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ދާދި ފަހުން ވަނީ ސަރުކާރުން ވަކިކޮށްފައެވެ.

އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކަށް ފަހު، އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ޕާޓީގެ ތެރޭގައި ވަކި ހަރަކާތެއް ހިންގަވަމުންނެވެ. 'ފިކުރެއްގެ ދިރުން' ނަމުގައި އެ މަނިކުފާނާއި އެ މަނިކުފާނަށް ތާއީދު ކުރައްވާ މަޖިލީސް މެންބަރުން ގެންދަވަނީ ސަރުކާރާ ދެކޮޅުވެ، ޖުމްހޫރީ ޕާޓީ (ޖޭޕީ)އާ އެކު ރިޔާސީ އިންތިޚާބަށް ތައްޔާރުވަމުންނެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިއުވާން ވިދާޅުވީ، ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރަން ތިއްބަވާ ބޭފުޅުން ކަމަށެވެ. އެކަމަކު، އެ ބޭފުޅުން އެ ސިޔާސަތުތަކާ ދެކޮޅުވެއްޖެ ނަމަ، އެ މަގާމުން ވަކިކުރަން ޖެހޭނެ ކަމަށާއި އެއީ ވަޒީފާގެ ބިރު ދެއްކުން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަދިވެސް އެއް ފަހަރު ތަކުރާރު ކޮށްލާނަން، އެއްވެސް މީހަކަށް ވަޒީފާގެ ބިރެއް ނޯންނާނެ އިނގޭތޯ،" ތަކުރާރުކޮށް އޭނާ ވިދާޅުވިއެވެ.

"ކޯލިޝަން ދަމަހައްޓަވަން ރައީސް ވަޑައިގެންނެވި ވައުދު އެ ގެންދަވަނީ ފުއްދަވަމުން، އިހުލާސްތެރިކަމާ އެކު ސަރުކާރަށް ޚިދުމަތް ކުރުމަށް ތިއްބެވި ބޭފުޅުންނަށް އެ ފުރުސަތު އޮންނާނެ. އެ ބޭފުޅުން އެ މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ. އެކަމަކު، ސަރުކާރު ހިންގުމަށް ހުރަސް އަޅާނަމަ، މަގާމުތަކުގައި ނުތިއްބެވޭނެ،"

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު --- ފޮޓޯ/ ރައީސް އޮފީސް

ޖޭޕީއާ އެކު ސިޔާސީ މަސައްކަތް ފެށުމާ ގުޅިގެން 'ފިކުރެއްގެ ދިރުމަށް' ތާއީދުކުރާ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހުސައިން އަމްރު މުހައްމަދު ރަޝާދާއި ރައީސް އޮފީހުގެ މިނިސްޓަރު ކަމުގައި ހުންނެވި، އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވަނީ މަގާމުން ވަކިކޮށްފައެވެ.

މިއުވާން ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅުވެރި ވާނަމަ، އެއްވެސް ޕާޓީއެއްގެ ބޭފުޅަކަށް ސިޔާސީ މަގާމުތަކުގައި ނުތިއްބެވޭނެ ކަމަށެވެ.

"ހެނދުނު ނުކުމެ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރަން އުޅެފައި ރޭގަނޑު އެއް ފިކުރެއްގެ މީހުންނާ އެކު ނުކުމެ، ހެނދުނު ތަންފީޒުކުރަން އުޅުނު ސިޔާސަތު ގޯސްކޮށް ވާހަކަދައްކާ ކަމަށްވާ ނަމަ، އެއް ގޮތުން ދަންނަވާ ނަމަ، ސިޔާސީ ކަންކަމަށް ލޯނުހުޅުވެނީ. ނޫނީ އެ މަގާމުގައި އެ ބޭފުޅަކު ހުރުމުގެ ބޭނުން ކެނޑެނީ އެ،" އޭނާ ވިދާޅުވިއެވެ.

އެހެންވެ، ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ޖޭޕީގެ ބޭފުޅުން ވެސް ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅުވެރިވާ ނަމަ، މަގާމުން ވަކިކުރާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.

comment ކޮމެންޓް