އާއްމުންނަށް ބަހާ ކަދުރު ހުސްވެއްޖެ، ފަޤީރުންނަށް ކަދުރު ދޫކުރުން މާދަމާގެ ނިޔަލަށް

ސައުދީ ކަދުރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފަޤީރުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށް ކަދުރު ދޫކުރުން 06 އޭޕްރިލް 2023 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެހެން އަހަރުތަކެކޭ އެއް ގޮތަށް މި އަހަރު ވެސް ވަނީ ސައުދީ ރަސްގެފާނުގެ ފަރާތްޕުޅުން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައެވެ. އެ ކަދުރު ބެހުމުގެ މަސައްކަތް އަންނަނީ މިދިޔަ މާޗު މަހުގެ 26ވަނަ ދުވަހުން ފެށިގެން ކުރަމުންނެވެ.

އިސްމިކް މިނިސްޓްރީން ބުނީ ސައޫދީ ސަރުކާރުން ހަދިޔާކޮށްފައިވާ 50 ޓަނުގެ ކަދުރުގެ ތެރެއިން އާންމު ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަދުރު މިހާރު ހުސްވެފައިވާ ކަމަށެވެ.

ފަޤީރުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށް ކަދުރު ބެހުން ކުރިއަށް ދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން މެންދުރު 12:00އަށް އެ މިނިސްޓްރީގެ ރިސެޕްޝަނުންނެވެ. ކަދުރު ބަލާ ދާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެނައުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ސިޓީތަކާއި އަތޮޅުތަކުގެ ރަށްރަށުގައި ކަދުރު ބަހާނީ، މިދިޔަ އަހަރު ވެސް އެ މިނިސްޓްރީން އިއުލާން ކޮށްފައިވާ ފަޤީރުންގެ ދަފުތަރުގައި ހިމެނޭ މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓް ކަމަށެވެ. އަދި, ކަދުރު ދިނުމަށް ހަމަޖެހިފައި ވަނީ މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި އަންނަ ތަރުތީބުން ކަމަށް މިނިސްޓްރީން ބުންޏެވެ.

މާލެއާއި، ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މިނިސްޓްރީ މެދުވެރިކޮށް ކަދުރު ބަހަން ނިންމާފައިވާ އިރު އަތޮޅުތެރޭގެ ރަށްރަށަށް ކަދުރު ބަހާނީ ރަށު ކައުންސިލްތަކުން 2023ވަނަ އަހަރު މިނިސްޓްރީއަށް ފޮނުވި ގޭބިސީގެ ލިސްޓުތަކަށް ބެލުމަށް ފަހު އެ ކައުންސިލްތަކުން ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

comment ކޮމެންޓް