ޑެޕިއުޓީ އެމްބެސެޑަރު ސޮބާހު ރަޝީދު ޖޭޕީއާ ދުރަށް، ތާއިދު ރައީސް ޞާލިޙަށް

ރާއްޖެ އިން ޗައިނާއަށް ކަނޑައާފައި ހުންނަ ޑެޕިއުޓީ އެމްބެސެޑަރު ސޮބާހު ރަޝާދު: އޭނާ ވަނީ ޖޭޕީން ވަކިވުމަށް ނިންމާފައި ---

ރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރު އަދި ޖުމްހޫރީ ޕާޓިގެ ފޮރިން ރިލޭޝަންސް އެގްޒެކެޓިވް ސޮބާހު ރަޝީދު އެ ޕާޓީން ވަކިވެވަޑައިގެން، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާއިދުކުރައްވަން ނިންމަވައިފިއެވެ.

ޖޭޕީން ވަކިކޮށްދެއްވުން އެދި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ސޮބާހު އިއްޔެ ފޮނުވި ސިޓީގައި ބުނެފައިވަނީ, ޖޭޕީގެ ތެރޭގައި މިވަގުތު އޮތް އޮއިވަރެއްގެ ސަބަބުން ޕާޓީގެ އަމިއްލަވަންތަކަން ގެއްލި ގައުމީ މަސްލަހަތަށް ނޭދެވޭ އަސަރު ކުރަމުންދާ ކަމަށެވެ.

ޖޭޕީގެ ނިންމުންތަކުގެ ސަބަބުން އެ ޕާޓީގެ ލީޑަރަށް ސިޔާސީ ގޮތުން އިޔާދަނުކުރެވޭ ގެއްލުންތަކެއް ލިބެމުންދާކަން ފާހަގަކޮށް ސޮބާހުގެ ސިޓީގައި ބުނެފައިވަނީ, އެކަން އޭނާއަށް ތަހައްމަލުކުރަން ވަރަށް އުނދަގޫ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ އިގްތިސާދު އިޔާދަކޮށް ކުރިއެރުވުމަށް ކުރެވޭ މަސައްކަތް ދެމެހެއްޓުމަށާއި އުމްރާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގައުމު ތަރައްގީކުރުމަށް ކުރެވޭ މަސައްކަތްތައް ދަމަހައްޓައި ފުރިހަމަކުރުމަށް ރައީސް ޞާލިޙަށް ދެވެނަ ދައުރެއް ދޭން ޖެހޭ ކަމަށް ވެސް ސޮބާހު ވަނީ ވިދާޅުވެފައެވެ.

"ދެހާސް ތޭވީހުގެ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރަން ނިންމައިފިން," ސޮބާހުގެ ސިޓީގައި ބުނެފައިވެއެވެ.

އެހެންކަމުން ޖޭޕީން ވަކިވުމަށް ނިންމާފައިވާތީ އެ ޕާޓީގެ ދަފްތަރުން އޭނާގެ ނަން އުނިކޮށްދެއްވުމަށް ސޮބާހު ވަނީ އެދިވަޑައިގެންފައެވެ.

ޖޭޕީން ސޮބާހު ވަކިވުމަށް ނިންމާފައިވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ފަރާތުން ގާސިމް އިބްރާހިމް ނުކުންނެވުމަށް ވަނީ ނިންމާފައެވެ. އަދި އެކަމަށް ތާއީދު ނުކުރައްވާ ސަރުކާރުގައި ތިބި ޖޭޕީގެ ބައެއް އިސްވެރިން އަންނަނީ ޕާޓީން ވަކިވަމުންނެވެ.

comment ކޮމެންޓް