ޝިފާޒްގެ މުސްތަގުބަލު އޮތީ އުޖާލާކޮށް: ނަޝީދު

ރައީސް ނަޝީދާއި ޝިފާޒް --

ރައީސް އޮފީހުގެ މިނިސްޓަރު ކަމުގައި ހުންނަވަނިކޮށް، އެ މަގާމުން މިއަދު ވަކިކުރި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒުގެ މުސްތަގުބަލު އޮތީ އުޖާލާކޮށް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ރައީސް އޮފީހުގެ މިނިސްޓަރު ކަމުގެ މަގާމުން ޝިފާޒް ވަކިކުރުމުން އެއްވެސް ވަރަކަށް ކަންބޮޑުނުވުމަށް ވިދާޅުވެފަައެވެ.

"ޝިފާޒްއަށްވުރެ ބޮޑަށް މި ސަރުކާރު ގެނައުމުގައި ގުރުބާންވި ވަކި އެހެން މީހަކު ނުހުންނާނެ،" ނަޝީދު ވިދާޅުވިއެވެ.

މި ވާހަކައިގެ ތެރެއިން، ޝިފާޒަށް ހިތްވަރު ދެއްވުމުގެ މޭރުމަކުން ނަޝީދު ވިދާޅުވީ، އޭނާގެ މުސްތަގުބަލު އޮތީ އުޖާލާކޮށް ކަމަށެވެ.

ޝިފާޒްއަކީ ނަޝީދުއާ ވަރަށް އަރިސް ބޭފުޅަކަށްވާއިރު، އޭނާ މަގާމުން ވަކި ކޮށްފައިވަނީ އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތައް ބޮޑުވެ، ނަޝީދާއި އެ މަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)އާ އެކު މަސައްކަތް ކުރުމުގެ މަޝްވަރާތައް ފަށާފައި ވަނިކޮށެވެ.

ޝިފާޒް އަކީ ނަޝީދު ހިންގަވާ "ފިކުރެއްގެ ދިރުން" ހަރަކާތުގައި ވެސް އެންމެ އިސްކޮށް އުޅުއްވާ އެއް ބޭފުޅާއެވެ.

ޝިފާޒް މިއަދު ވަކިކުރެއްވުމަށް ފަހު ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) ވަނީ އައްޔަންކޮށްފައެވެ. އިބުރޭ އަކީ ރައީސް ޞާލިޙަށް ތާއީދުކުރައްވާ ބޭފުޅެކެވެ.

އެމްޑީޕީގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާއެކު، ނަޝީދުގެ ފިކުރެއްގެ ދިރުމުގެ ފެކްޝަނަށް ނިސްބަތްވާ ޝިފާޒްގެ އިތުރުން އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދު ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. އަމްރު ވެސް މަގާމުން ވަކިކޮށްފައިވަނީ ސަރުކާރުގައި ހުންނަވައިގެން ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތުގައެވެ.

comment ކޮމެންޓް