ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) މިއަދު އައްޔަންކޮށްފިއެވެ.
ރައީސް އޮފީހުން ބުނީ، މިއަދު މެންދުރުފަހު އެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އިބުރޭއަށް މަގާމުގެ ފަތްކޮޅު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވާފައިވާ ކަމަށެވެ.
އިބުރޭ ވަނީ 2009އިން 2012އަށް ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވާފައެވެ. އެގޮތުން، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާއި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ޗެއާމަންގެ މަގާމު އޭނާ ފުރުއްވިއެވެ.
މީގެ އިތުރުން، ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރުގެ މަގާމާއި، އެކުންފުނީގެ ބޯޑު މެމްބަރުކަމުގެ މަގާމު ވެސް އޭނާ ފުރުއްވާފައިވެއެވެ. އަދި 2007 އިން 2018އަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ކޮމްޕެނީ ސެކްރެޓަރީގެ ގޮތުގައި ވެސް ހުންނެވީ އިބުރޭއެވެ.
އިބުރޭ ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް އައްޔަންކޮށްފައި ވަނީ، މީގެ ކުރިން އެ މަގާމުގައި ހުންނެވި، އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވަކިކުރުމަށް ފަހުގައެވެ.
އޭނާ މަގާމުން ވަކި ކޮށްފައިވަނީ އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތައް ބޮޑުވެ، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)އާ އެކު މަސައްކަތް ކުރުމުގެ މަޝްވަރާތައް ފަށާފައި ވަނިކޮށެވެ.
ޝިފާޒަކީ ނަޝީދުގެ ވަރަށް އަރިސް ބޭފުޅެކެވެ. އަދި، އެ މަނިކުފާނު ހިންގަވާ 'ފިކުރެއްގެ ދިރުން' ހަރަކާތުގްއި ވެސް އެންމެ އިސްކޮށް އުޅުއްވާ އެއް ބޭފުޅާއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އިބުރޭ ތާއިދު ކުރެއްވީ، ރައީސް ޞާލިޙް ވެސް ޗެއާޕާސަން ކަމަށް ގެންނަން ތާއިދު ކުރެއްވި ކެންޑިޑޭޓު ކަމަށްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށެވެ.