އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަންގެ މުޒާހަރާއެއްގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި ސަލާމަތީ ޚިދުމަތްތަކުގެ އިހުމާލެއް އޮތްތޯ ބެލުމަށް ބާއްވާ ރައްޔިތުން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުންތައް ސިއްރު ކުރަން އެ ކޮމިޓީން މިއަދު ނިންމައިފިއެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ ޕީޕީއެމް އޮފީސް ދޮރުމަތީގައި އެ ޕާޓީގެ ސަޕޯޓަރުން އިޙްތިޖާޖު ކުރަން ތިއްބައި، ރައީސް ޞާލިޙްގެ މޮޓޯކޭޑު އެ މަގުން ދަނިކޮށް އެ ސަރަހައްދުގައި އެއްވެ ތިބި މީހުން ވަނީ މޮޓޯކޭޑު ވަށާލައި، އެ މަނިކުފާނުގެ ކާރުކޮޅު ހުއްޓުވައިފައެވެ.
އިދިކޮޅު ސަޕޯޓަރުން ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅީ ބޮޑުތަކުރުފާނު މަގުގައި އެ ޕާޓީގެ އޮފީސް ހުންނަ ސަރަހައްދުންނެވެ. އެ ތަނުގައި ފުލުހުންނާއި އެމްއެންޑީއެފުން ހަރަކާތްތެރިވަމުން ދިޔައިރު، މޮޓޯކޭޑަށް އެ ތަނުން ދެވޭ ވަރުވީ 15 ވަރަކަށް މިނެޓު ފަހުންނެވެ.
އެކަމާ ގުޅިގެން 241 ކޮމިޓީން މިއަދު ހެނދުނު 11:00ގައި ބޭއްވި ބައްދަލުވުމުގައި ވަނީ ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅުމާ ގުޅިގެން 241 ކޮމިޓީން ކުރިއަށް ގެންދާ ހުރިހާ ބައްދަލުވުންތަކެއް ސިއްރުކުރަން ނިންމައިފައެވެ.
އެ ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މިއަދު "ސަން"އަށް ވިދާޅުވީ، އެ ބައްދަލުވުންތައް ސިއްރުކުރަން ނިންމީ ރައީސްގެ ސެކިއުރިޓީއާ ގުޅުންހުރި މައްސަލައަކަށް ވުމުން ކަމަށެވެ.
މިއަދު އޮތް އެ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ފުލުހުންގެ އެހެން ބައެއް އިސްވެރިން ހާޒިރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން މިއަދު މެންދުރު ފަހު މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް) ހާޒިރު ކުރަން ވެސް ވަނީ ނިންމައިފައެވެ.
ރާއްޖޭގައި ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މިއީ ފުރަތަމަ ފަހަރު ކަމުގައިވާއިރު، ރައީސްގެ ސެކިއުރިޓީ ފެއިލްވީ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ފާޑުކިޔައިފައެވެ. އެކަމާ ގުޅިގެން ރައީސްގެ ސެކިއުރިޓީ ޔުނިޓާ ހަވާލުވެހުންނެވި ސިފައިންގެ އިސްވެރިޔާ، ކާނަލް އަބްދުﷲ އިބްރާހިމް ވެސް ވަނީ ސަސްޕެންޑު ކޮށްފައެވެ.