އއ. އަތޮޅު ހޮސްޕިޓަލް މަޝްރޫއު ބީލަމަށް ހުޅުވާލަން ތައްޔާރުވަނީ

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު--- ފޮޓޯ/ މަޖިލިސް

އއ. އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތުގެ މަޝްރޫއު ވަނީ ޓެންޑާ ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމުގެ މަރުހަލާގައި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން ވަނީ، އއ. އަތޮޅު ހޮސްޕިޓަލް އެޅުމަށް ކޮންޓްރެކްޓަރަކާ ހަވާލު ކުރެވޭނީ ކިހާ ހިސާބަކުތޯ މިނިސްޓްރާ ސުވާލު ކުރައްވާފައެވެ. އަދި އެ ހޮސްޕިޓަލް އަޅާ ނިންމާނެ ފައިސާ ހަމަޖެހިފައިވޭތޯއާއި ހޮސްޕިޓަލް ނިމޭއިރު ލިބެން ހުންނާނީ ކޮންކަހަލަ ޚިދުމަތްތަކެއްތޯ ވެސް މެމްބަރު ސުވާލު ކުރެއްވިއެވެ.

އެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ އއ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތަކީ ކުވައިތު ފަންޑުން ލޯނު ނަގައިގެން ކުރިޔަށް ގެންދިޔުމަށް ބަޖެޓު ކުރެވިފައިވާ މަޝްރޫއެއް ކަމަށެވެ. އަދި މި މަޝްރޫއު މިވަގުތު ވަނީ ޓެންޑާ ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމުގެ މަރުހަލާގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ، އެ ފަންޑާއެކު ކުރަމުންދާ މަޝްވަރާތައް ނިމި، ލޯނު ހަމަޖެހުމުން އެ މަޝްރޫއު ޓެންޑާ ކުރުމަށްފަހު ޓެންޑާ ކާމިޔާބުކުރާ ފަރާތާ އެ މަޝްރޫއު ހަވާލުކުރާނެ ކަމަށެެވެ. އަދި އެ ހޮސްޕިޓަލަކީ 50 އެނދުގެ ހޮސްޕިޓަލެއް ކަމަށާއި ހޮސްޕިޓަލް ނިމޭއިރު، އެ ދަރަޖައިގެ ހޮސްޕިޓަލްތަކަށް ހެލްތު މިނިސްޓްރީން ކަނޑައަޅާފައިވާ ހުރިހާ ޚިދުމަތެއް ލިބޭނެ ކަމަށް ވެސް މިނިސްޓަރު އަމީރުގެ ޖަވާބުގައިވެއެވެ.

އެ ހޮސްޕިޓަލުގެ އިތުރުން، ކުވައިތު ފަންޑުގެ ހޮސްޕިޓަަލްތަކުން އިތުރު ހަތް ހޮސްޕިޓަލެއް ޓެންޑާ މަރުހަލާގައިވާ ކަމަށާއި މި މަހުގެ ފުރަތަމަ ހަފުތާގެތެރޭގައި އެ މަޝްރޫއުތައް ބަޔަކަށް އެވޯޑްކޮށް، ނޯ އޮބްޖެކްޝަނަށް ކުވައިތު ފަންޑަށް ފޮނުވާނެ ކަމަށް ވެސް މިނިސްޓަރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

comment ކޮމެންޓް