ޖޭޕީ ބޭފުޅުން ތިއްބާ އަމްރު ވަކިކުރުމަކީ ޒާތީވުން: ވައްޑޭ

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ސަރުކާރާ ވަކިން މަސައްކަތް ކުރައްވާ އެހެން ޕާޓީތަކުގެ ބޭފުޅުން ވެސް ސަރުކާރުގައި ތިއްބަވަނިކޮށް، ހަމައެކަނި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދު މަގާމުން ވަކިކުރުމަކީ ޒާތީވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ޞާލީޙަށް ތާއީދުކުރައްވަން އަމްރު ވަނީ ދެކޮޅު ހައްދަވައިފައެވެ. ޕްރައިމަރީން ނާކާމިޔާބުވީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާ އެކު އޭނާ ގެންދިޔައީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)އާ ގުޅިގެން މަސައްކަތް ކުރަން މެނިފެސްޓޯއެއް އެކުލަވައިލުމުގެ މަޝްވަރާތައް ކުރައްވަމުންނެވެ.

އެހެންވެ، އިއްޔެ ރައީސް އޮފީހުގެ އެންގުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ވަނީ އަމްރު އެސްޓީއޯގެ މަގާމުތަކުން ވަކިކޮށްފައެވެ.

އެކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން ރޭ ވައްޑޭ ވަނީ އަމްރު މަގާމުން ވަކިކުރީ ސަރުކާރުން ބޭނުންވާ މިންވަރަށް ކޮރަޕްޝަން ނުހިންގޭތީ ކަމަށް ތުހުމަތު ކުރައްވައިފައެވެ. އޭނާ ވިދާޅުވީ އެ މަގާމުން އަމްރު ވަކިކުރީ މި ރިޔާސީ އިންތިޚާބަށް ސަރުކާރުގެ ކެމްޕޭން މަސައްކަތަށް ޖާގަ ހޯދުމުގެ ގޮތުން ކަމަށެވެ.

"އަމްރު ހުރީމާ ބޭނުން ވަރަށް ކޮރަޕްޝަން ހިންގަން ދަތިވާތީ، [އޭނާ މަގާމުން ވަކިކުރީ]،" ވައްޑޭ ވިދާޅުވިއެވެ.

އެއީ، ސިޔާސަތުތަކާ ގުޅުމެއް އޮތް ކަމެއް ކަމުގައި އޭނާ ގަބޫލެއް ނުކުރައްވައެވެ.

"ސަރުކާރުގެ ސިޔާސަތެއް ނޯންނާނެ، ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތެއް ވެސް ނޯންނާނެ. އޮންނާނީ ޕާޓީގެ ސިޔާސަތު. އަމްރަށް ވުރެ ބޮޑަށް ޕާޓީގެ ސިޔާސަތު ހިންގަން އުޅުނު އެމްޑީއެއް ނުހުންނާނެ. ޖޭޕީގެ ސްލޮޓުތަކުގައި ތިބި ބޭފުޅުން ބައިތިއްބާފައި، އަމްރު ވަކިކުރުމުން ދޭހަ ވަނީ ހަމަ ޒާތީކަން،" ވައްޑޭ ނުރުހުން ފާޅުކުރައްވައި ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އޮންނާނީ ރައީސްގެ ސިޔާސަތެއް ނޫން ކަމަށާއި އޮންނާނީ އެމްޑީޕީގެ ސިޔާސަތެއް ކަމަށެވެ. އެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި އަމްރަށް ވުރެ ބޮޑަށް މަސައްކަތް ކުރެއްވި އެހެން ބޭފުޅެއް ނުހުންނާނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

އެހެންވެ، އަމްރު އެ މަގާމުން ވަކިކުރުމަކީ ޒާތީ ކަމެއް ކަމަށް ވައްޑޭ ވަނީ ތުހުމަތު ކުރައްވައިފައެވެ.

comment ކޮމެންޓް