ސައުދީން ހަދިޔާ ކުރި 50 ޓަނުގެ ކަދުރު ހަވާލު ކޮށްފި

ސައުދީން ހަދިޔާ ކުރާ ކަދުރު ޝިޕްމެންޓް ރަސްމީކޮށް އިސްލާމިކް މިނިސްޓްރީއާ ހަވާލުކުރުން --

ސައޫދީ ސަރުކާރުން ރޯދަމަހު ރާއްޖެއަށް ހަދިޔާ ކުރާ 50 ޓަނުގެ ކަދުރު އިސްލާމިކް އެފެއާޒް މިނިސްޓްރީއާ މިއަދު ރަސްމީކޮށް ހަވާލު ކޮށްފިއެވެ.

މިކަމަށް ޓަކައި އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ކަދުރުތައް ހަވާލު ކޮށްދެއްވީ ސައޫދީ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަތްރިކް އައްދައުސަރީއެވެ. ކަދުރާއި ހަވާލުވެ ވަޑައިގެންނެވީ އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު އަލީއެވެ.

މި ރަސްމިއްޔާތުގައި ސަފީރު ވިދާޅުވީ ސައޫދީ އަރަބިއްޔާ އާއި ދިވެހިންނާ އޮންނަ ގާތްގުޅުމުގެ ތެރެއިން ކޮންމެ އަހަރަކު ވެސް ރާއްޖެއަށް ހަދިޔާކުރައްވާ ކަދުރު މި އަހަރު ވެސް ދެއްވާފައި ވަނީ ރަސްގެފާނުގެ ފަރާތްޕުޅުން ކަމަށެވެ.

އޭގެ އިތުރުން ރާއްޖެ އާއި އެ ޤައުމާ އޮންނަ ގުޅުން ދެމި އޮންނަ ފަދައިން ދިވެހިންނަށް އަބަދު ވެސް އެ ޤައުމުން ހެޔޮއެދޭކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެ ޤައުމާއި ރާއްޖެއާއި އޮންނަ ގުޅުން ކުރިއަށް އޮތްތާނގައި ވެސް އެ ގޮތުގައި ދެމި އޮންނާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޑރ. އަހްމަދު ޒާހިރު ވަނީ ސައުދީ ރަސްގެފާނަށާއި ވަލީއަޙުދަށް، އަދި ކަދުރު ޝިޕްމަންޓް ހަވާލުކުރަން އައި ކިންގް ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރުގެ ވަފުދަށް ޝުކުރު އަދާކުރައްވާފައެވެ.

މިނިސްޓްރީން ބުނީ ސައުދީން ހަދިޔާކުރި ކަދުރު ބަހަން އަންނަ ހަފްތާގައި އިއުލާން ކުރާނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިސަރު އިސްމާޢީލް އަފްރާހް "ސަން"އަށް ވިދާޅުވީ ކަދުރު ބެހުމުގައި އެންމެ ފުރަތަމަ އިސްކަން ދޭނީ ފަގީރުންގެ ލިސްޓުގައި ރަޖިސްޓްރީވެފައި ތިބި މީހުންނަށް ކަމަށެވެ. އަދި އެއަށް ފަހު ބާކީވާ ކަދުރު ބަހާނީ އާންމު ގޭބިސީތަކަށް ކަމަށް އަފްރާހް ވިދާޅުވިއެވެ.

comment ކޮމެންޓް