އާރަށު މައްސަލަ: ޔޫސުފް ނައީމް ވެސް އިސްތިއުނާފަށް

ޔޫސުފް ނައީމް-- ފޮޓޯ: މަޖިލިސް

އެމްއެމްޕީއާރްސީ މެދުވެރިކޮށް ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ދަށު ކޯޓުން ކޮށްފައިވާ ރިޝްވަތު ދިނުމުގެ ކުށުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ރިޝްވަތު ހުށަހެޅި ކަމަށް ދައުލަތުން އުފުލި ދައުވާ ސާބިތުވެ، މިދިޔަ ޑިސެމްބަރު މަހުގެ 25ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ޔޫސުފް ނައީމްގެ މައްޗަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

އެ މައްސަލަ އޭނާގެ ފަރާތުން އިއްޔެ ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އެކަމަކު، މައްސަލަ ބަލައިގަތުމާ ގުޅޭ ގޮތުން މިހާތަނަށް އެ ކޯޓުން ވަކި ގޮތެއް ނިންމައިފައެއް ނުވެއެވެ.

މި މައްސަލައިގައި ޔާމީންގެ މައްޗަށް ވެސް ވަނީ ދެ ދައުވާއެއް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އެ މަނިކުފާނުގެ ފަރާތުން ވެސް ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އެ މައްސަލަ ވެސް އަދި އެ ކޯޓުން ބަލައިގެންފައެއް ނުވެއެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވަނީ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ނަގައި އެ ފައިސާ އެޗްއެސްބީސީއަށް ޖަމާކޮށް އިތުރު ފައިސާއާ އެކު ޔާމީންގެ ބީއެމްއެލް އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ. އަދި، އިތުރު ފައިސާއާ އެކު އިސްލާމިކް ބޭންކުގައި އޮތް އެ މަނިކުފާނުގެ އެކައުންޓަކަށް 2017ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 21ވަނަ ދުވަހު ޖުމްލަ ޖުމްލަ 1.29 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ވެސް އެ އަމުރުގައިވެއެވެ.

އެއަށްފަހު ހަމަ އެ ބޭންކުގައި އޮތް އިންވެސްޓްމަންޓް އެކައުންޓަކަށް 2021ވަނަ އަހަރުގެ މާޗް މަހުގެ 14ވަނަ ދުވަހު އިތުރު ފައިސާއާ އެކު ޖުމްލަ 3.4 މިލިއަން ޑޮލަރު 36 މަސް ދުވަހުގެ މުއްދަތަށް އިންވެސްޓްކޮށްފައިވާ ކަމަށް އެ އަމުރުގައިވެއެވެ.

comment ކޮމެންޓް