ހަށިވިއްކުމުގެ މައްސަލަތަކުގައި ހަތަރު އަހަރު ތެރޭ 99 ބިދޭސީން ހައްޔަރު ކުރި: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ--- ފޮޓޯ/މަޖިލިސް

ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ހަށިވިއްކުމާގުޅޭ ކަންކަން ދެނެގަނެ، ހުއްޓުވުމަށްޓަކައި އެފަދަ އަމަލުތައް ހިންގާ ތަންތަނަށް އަމާޒުކޮށް ހިންގި އޮޕަރޭޝަންތަކުން 99 ބިދޭސީން ހައްޔަރު ކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު ވަނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ މެދު މި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަކީ ކޮބައިތޯ ސުވަލުކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު އަމަލުތައް ހުއްޓުވުމުގައާއި ޖިނާއީ ކުށަކަށްވާފަދަ އަމަލުތައް ހުއްޓުވުމުގައި އެކަންކަމުގައި ޝާމިލުވާ ބިދޭސީންނާއި ދިވެހިންގެ މައްޗަށް ވެސް ވޭތުވެދިޔަ އަހަރުތަކުގައި ގާނޫނީ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.

ނަމަވެސް ގަވާއިދާ ޚިލާފަށް ވޯކް ޕާމިޓާއި ވިސާ ނެތި، މަސައްކަތް ކުރާ ބިދޭސީންނަށް އަމާޒުކޮށް ފުލުހުންގެ ފަރާތުން އިސްނަގައިގެން ޚާއްސަ އޮޕަރޭޝަންތަކެއް ކުރިޔަށް ގެންގޮސްފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ މައްސަލަތަކަކީ އިކޮނޮމިކް މިނިސްޓްރީ އާއި އިމިގްރޭޝަނާ މެންޑޭޓު ކޮށްފައިވާ މައްސަލަތަކެއް ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެކަމުގައި އެކަށީގެންވާ ހައްލުތަކެއް ހޯދުމަށް އެ އިދާރާތަކާއެކު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

އެހެންނަމަވެސް، އިމިގްރޭޝަނާ ގުޅިގެން ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން، ގަވާއިދާ ޚިލާފަށް އުޅޭ ފަރާތްތަކާއި ސްމަގްލިން ނުވަތަ ހިއުމަން ޓްރެފިކިންގެ ޝިކާރައަކަށް ވެފައިވާ ފަރާތްތައް ދެނެގަނެވި ކުށް ހިނގުމުގެ ކުރިން އެކަންކަން ހުއްޓުވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބިދޭސީން އެ ކުށެއްގައި ޝާމިލުވާ މިންވަރު އިތުރު ކަމަށް ފާހަގަވާ ކުށްތައް ކަމުގައިވާ ހަށިވިއްކުމުގެ ކުށާއި، ޖުވާކުޅުމުގެ ކުށާ ދެކޮޅަށް ވެސް ފުލުހުންގެ ފަރާތުން ޚާއްސަ އޮޕްރޭޝަންތައް ހިންގާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެކަމުގެ ތަފުސީލު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ހަށިވިއްކުމުގެ މައްސަލަތަކުގައި 2019 ވަނަ އަހަރު 14 އޮޕަރޭޝަނުން 32 މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން، 2020 ވަނަ އަހަރު ނުވަ އޮޕަރޭޝަނުން 25 މީހުން، 2021 ވަނަ އަހަރު ހަތް އޮޕަރޭޝަނުން 28 މީހުން އަދި މިދިޔަ އަހަރު ތިން އޮޕަރޭޝަނުން 14 މީހުން ހައްޔަރު ކޮށްފައިވާކަން އިމްރާން ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، ޖިނާއީ ކުށްތަކަށް ނުވިނަމަވެސް، ފުލުހުން މަގުމަތި ޕެޓްރޯލްކުރާއިރު ބިދޭސީންގެ ފަރާތުން ފާހަގަވާ އެކިކަހަލަ ކުށްތައް އެކަންކަމާ ގުޅުންހުރި ފަރާތްތަކުގެ ސަމާލުކަމަށް ގެންނަމުންދާ ކަމަށެވެ. މިގޮތުން، އާންމުންނަށް އުނދަގޫވާ ގޮތަށް، މަގުމަތީގައި ވެހިކަލްތައް ސާފުކުރާ އަދި ސާފުކުރުމަށް އެދި މީހުންގެ ފަހަތުން އުޅޭ މީހުންނަށް ނަސޭހަތްތެރިވަމުންދާ ކަމަށް އިމްރާން ވިދާޅިވިއެވެ.

"ގަވާއިދާ ޚިލާފަށް މަގުމަތީގައި މުދާ ބަހައްޓައިގެން ވިޔަފާރި ކުރާ ފަރާތްތައް ހުއްޓުވުމަށްޓަކައި، އެފަދަ ބިދޭސީންނާއި ދިވެހިންގެ މައުލޫމާތު ނޯޓުކޮށް، މަހަކު އެއްފަހަރު އެފަދަ މައުލޫމާތުތައް ސިޓީ ކައުންސިލާ ހިއްސާކުރެވި، ކައުންސިލާ ގުޅިގެން މަސައްކަތްތަކެއް ކުރެވެމުންދޭ،" މިނިސްޓަރު ވިދާޅުވިއެވެ.

ކުށުގެ ވެށިން ހައްޔަރުކުރެވޭ، ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ޑީޕޯޓު ކުރަން ބަލާއިރު، އެއީ ތަފާތު ދިވެހި އިދާރާތަކާއި އެހެން ގައުމުތަކުގެ އިދާރާތަކާ ވެސް ގުޅިގެން ކުރަންޖެހޭ މަސައްކަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ބަންދުކުރެވޭ ފަރާތްތައް ޑީޕޯޓު ކުރުމަށް އިމިގްރޭޝަނާ ހަވާލުކުރަން ބަލާއިރު ޑިޓެންޝަން ފެސިލިޓީގެ ޖާގައިގެ ދަތިކަން ހުރި ކަން މިނިސްޓްރީން ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް