އަމީނީ މަގުގެ އެއްބަސްވުމާއި ކުރެހުންތައް ހާމަކުރަން ހައިކޯޓުން ތާއީދުކޮށްފި

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ

ޒަމާނީ ފެންވަރަކަށް އަމީނީ މަގު ތަރައްގީ ކުރަން ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކުރި އެއްބަސްވުމާއި ކުރެހުންތައް ހާމަކުރަން އިންފޮމޭޝަނަރު ކޮމިޝަނަރު އޮފީސް (އައިކޮމް)އިން އެންގި އެންގުމަށް ހައިކޯޓުން ތާއީދުކޮށްފިއެވެ.

މި މައްސަލަ ފެށުނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ދަށުން އަމިއްލަ ފަރާތަކުން، އަމީނީ މަގު ހެދުމަށް ޕްލޭނިން މިނިސްޓްރީ އާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ދެމެދު ހަދާފައިވާ އެއްބަސްވުން ހޯދަން އެދުނު ހިސާބުންނެވެ. ނަމަވެސް ޕްލޭނިން މިނިސްޓްރީން މިއީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން އާންމުކުރަން ޖެހޭ މައުލޫމާތެއް ނޫން ކަމަށެވެ.

އެކަމަކު އެ މައްސަލަ އެ މީހާގެ ފަރާތުން އައިކޮމްއަށް ހުށަހެޅުމުން އެ އޮފީހުން ވަނީ މިއީ ހާމަކުރަން ޖެހޭ މައުލޫމާތެއް ކަމަށް ނިންމާ، އެ މައުލޫމާތުތައް ހާމަކުރަން ޕްލޭނިން މިނިސްޓްރީއަށް އަންގާފައެވެ. އައިކޮމްއިން އެންގުމުން މިނިސްޓްރީން ވަނީ މައުލޫމާތު ހާމަކުރަން އިންކާރުކޮށް، އެ އެންގުން ހައިކޯޓުގައި އިސްތިއުނާފު ކުރާށެވެ.

މި މައްސަލައިގައި ހައިކޯޓުން މިއަދު އިއްވި ހުކުމުގައި ވަނީ ޕްލޭނިން މިނިސްޓްރީން މައުލޫމާތު ހާމަނުކުރުމަށް ނިންމި ނިންމުން، މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން އެ މައުލޫމާތަކީ އިސްތިސްނާ ހާލަތަށް ފެތޭ މައުލޫމާތެއްކަން މިނިސްޓްރީއަށް ޝަރީއަތުގައި ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން މި މައުލޫމާތު ހާމަނުކުރަން ނިންމި ސަބަބެއްގެ ގޮތުގައި، އެ މައުލޫމާތު ހާމަކޮށްފި ނަމަ ތިންވަނަ ފަރާތަކަށް ނުރަނގަޅު އަސަރެއް ކޮށްފާނެ ކަމަށް ކޯޓުގައި ބުނެފައިވެއެވެ. އެކަމަކު، މި މައްސަލައިގައި ތިންވަނަ ފަރާތް ކަމުގައިވާ އާރުޑީސީއަކީ ދައުލަތުގެ އިދާރާއެއްގެ ތަރަހައިގައި ހިމެނޭނެތީ އެފަދައިން އިސްތިސްނާ ކުރެވެން ނެތް ކަމަށް ވެސް ހައިކޯޓުގެ ހުކުމުގައިވެއެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުން -- ސަން ފޮޓޯ/ މުހައްމަދު ހަައްޔާން

އަމީނީ މަގު އެއްބަސްވުމާއި ކުރެހުންތައް ހާމަކުރަން މިއަދު އަމުރުކުރީ ހައިކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް ފުރަތަމަ ކުރަން އުޅުނީ މާލޭ ސިޓީ ކައުންސިލުންނެވެ. އޭރުވެސް އެ މަސައްކަތް 39 މިލިއަން ރުފިޔާއަށް ހަވާލުކުރީ އާރްޑީސީއާއެވެ. ނަމަވެސް ފަހުން އެ މަޝްރޫއު ވަނީ ޕްލޭނިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ.

ޕްލޭނިން މިނިސްޓްރީން އެ މަސައްކަތް ކުރަން އާރުޑީސީއާ ފަހުން ހަވާލުކުރީ ކުރީގެ އަގަށް ވަރަށް ވުރެ ދެގުނަ ބޮޑުކޮށް 84 މިލިއަން ރުފިޔާއަށެވެ. އާރުޑީސީއާ ހަވާލު ކުރީ 1.7 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމާއި މަގުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށެވެ.

އަމީނީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ފުރަތަމަ މަސައްކަތް ނިމުނު ތިން ސެގްމެންޓުގައި ތާރުއަޅާ ނިމިފައިވާ ބައި މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ. މިހާރު އެ މަޝްރޫއުގެ މަސައްކަތްތައް ހިނގަމުން ދަނީ ސިނަމާލެ ފްލެޓުތައް ހުންނަ ސަރަހައްދުގައެވެ.

comment ކޮމެންޓް