ޗިލީގެ އެއާޕޯޓަކުން 32 މިލިއަން ޑޮލަރު ވަގަށް ނަގަން އުޅުމުގެ ތެރޭގައި ދެ މަރު

ޗިލީގެ ވެރިރަށް ސެންޓިއާގޯގެ އެއާޕޯޓަށް ދަތުރުކުރި މިއާމީ ބޯޓަކުން 32 މިލިއަނަށްވުރެ ގިނަ ޑޮލަރުގެ ފައިސާ ވައްކަން ކުރަން އުޅުމުގެ ތެރޭގައި ދެ މީހަކު މަރުވެއްޖެ -- ފޮޓޯ/ ރޮއިޓާސް

ޗިލީގެ ވެރިރަށް ސެންޓިއާގޯގެ އެއާޕޯޓަށް ދަތުރުކުރި ބޯޓަކުން 32 މިލިއަނަށްވުރެ ގިނަ ޑޮލަރު ވައްކަން ކުރަން އުޅުމުގެ ތެރޭގައި ދެ މީހަކު މަރުވެއްޖެއެވެ.

ޗިލީގެ ވެރިރަށް ސެންޓިއާގޯގެ އާޓޫރޯ މެރިނޯ ބެނިޓެޒް އިންޓަނޭޝަނަލް އެއާޕޯޓުގައި އިއްޔެ ހިނގި އެ ހާދިސާގައި މަރުވެފައިވަނީ ސެކިއުރިޓީ އޮފިސަރަކާއި ވައްކަން ކުރަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މީހާއެވެ.

ރިޕޯޓްތަކުގައިވާ ގޮތުން އެ އެއާޕޯޓުގެ ސެކިއުރިޓީ ހުރަސްކޮށް، 10 ވަރަކަށް ހަތިޔާރު އެޅި ފޭރޭ މީހުންނަށް ރަންވޭއާ ހިސާބަށް ދެވުނެވެ.

އެވަގުތު މިއާމީއިން ދަތުރުކުރި ޗިލީގެ އެއާލައިނެއް ކަމަށްވާ ލެޓަމް އެއާލައިންސްގެ މަތިންދާބޯޓުގައި 32.5 މިލިއަން ޑޮލަރުގެ ފައިސާ ހުރި ކަމަށާއި އޭރު އެ ފައިސާ ޓްރަކަކަށް އަރުވަމުން ދިޔަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފޭރޭ މީހުން ހުއްޓުވުމަށް އެއާޕޯޓް ސެކިއުރިޓީ އޮފިޝަލުން މަސައްކަތް ކުރުމުން އެ މީހުންނާއި ފޭރޭ މީހުންނާ ދެމެދު ވަނީ ބަޑީގެ ހަމަލާތައް ބަދަލުކޮށްފައެވެ.

އެ ހަމަލާއަށްފަހު ފޭރޭ މީހުންގެ ބާކީ ތިބި އެންމެން ވަނީ ފިލާފައެވެ. އޭގެ ފަހުން އެ ސަރަހައްދުން ވަނީ ރޯކޮށްފައިވާ ދެ އުޅަނދެއްވެސް ފެނިފައެވެ.

އެ އެއާޕޯޓްގެ އިންޓީރިއާ ސަބްސެކްރެޓަރީ މެނުއަލް މޮންސަލްވޭ ވިދާޅުވީ ފޭރުން ނާކާމިޔާބުވީ ސެކިއުރިޓީ އޮފިޝަލުން ކުރި ހިތްވަރުން ކަމަށެވެ. އަދި ފޭރެން ދިޔަ މިހުން ތިބީ ހަތިޔާރު އަޅައިގެން އެކަމަށް ވަރަށް ތައްޔާރުވެގެން ކަން ވެސް އޭނާ ފާހަގަކުރިއެވެ.

އެ 32.5 މިލިއަން ޑޮލަރަކީ ދެކުނު އެމެރިކާގެ ބައެއް ބޭންކުތަކުގައި ބެހެއްޓުމަށް ގެންދިޔަ ފައިސާއެވެ.

މިއީ ޗިލީގެ ވެރިރަށުގެ އެއާޕޯޓަށް މިފަދަ ހަމަލާއެއް އަމާޒުވި ފުރަތަމަ ފަހަރެއް ނޫނެވެ. ދެހާސްވިހި ވަނަ އަހަރު ވަގުން ވަނީ އެ އެއާޕޯޓުގައި ހުރި ގުދަނަކުން 15 މިލިއަން ޑޮލަރު ވަގަށް ނަގާފައެވެ. އަދި އޭގެ ހަ އަހަރު ކުރިން އެ އެއާޕޯޓުން 10 މިލިއަން ޑޮލަރުގެ ވައްކަމެއް ކޮށްފައިވެއެވެ.

comment ކޮމެންޓް