ފަސޭހަ ކަމާއެކު ބޮޑުފޮޅުދޫ ބަލިކުރުމަށްފަހު މާފަންނު ވެސް ކުއާޓާއަށް

ބޮޑުފޮޅުދޫއާއި މާފަންނު ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ފަސޭހަކަމާއެކު އއ. ބޮޑުފޮޅަދޫ ބަލިކުރުމަށްފަހު ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ކުއާޓާ ފައިނަލަށް މާފަންނު ދަތުރުކޮށްފިއެވެ.

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު އެ މުބާރާތުގެ ގަދަ 16 ގެ މެޗުގައި މާފަންނުން ބޮޑުފޮޅަދޫ ބަލިކުރީ 5-0 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި މާފަންނުގެ ގޯލުތައް ޖެހީ މުހައްމަދު ލިޔާހުއާއި، މުހައްމަދު އިމްރާންއާއި، ހުސައިން ސުހައިލްގެ އިތުރުން މުހައްމަދު ޔަފާއުއެވެ. އެ މެޗުގައި ސުހައިލް ވަނީ ދެ ގޯލު ޖަހައިފައެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ގަދަ 16 އަށް މާފަންނު ދަތުރުކުރީ ޒޯނު އަށެއްގެ ޗެމްޕިއަން ޓީމުގެ ގޮތުގައެވެ. އަށް ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގެ ޒޯން އަށެއްގައި ހިމެނެނީ މާލެ ސިޓީއަށް ނިސްބަތްވާ ޓީމުތަކެވެ. އެގޮތުން އެ ޒޯނުގައި ހިމެނެނީ މާފަންނާއި، މައްޗަންގޮޅިއާއި ވިލިމާލޭގެ އިތުރުން ހުޅުމާލެއެވެ.

ބޮޑުފޮޅުދޫ ގަދަ 16 އަށް ދަތުރުކުރީ ޒޯނު ތިނެއްގެ ރަނަރަޕް ޓީމެވެ. އެ ޒޯނުގައި ހިމެނެނީ ކ. އަތޮޅުގެ ޗެމްޕިއަން ދިއްފުއްޓާއި، އެ އަތޮޅުގެ ރަނަރަޕް ގާފަރާއި، ޅ. އަތޮޅުގެ ޗެމްޕިއަން ކުރެންދޫގެ އިތުރުން އއ. އަތޮޅުގެ ޗެމްޕިއަން ބޮޑުފޮޅަދޫއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެ ރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ. މި އަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖުގެ މި އަހަރުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސަން ސިޔާމް މީޑިއާއެވެ. ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "އެސްއެސް ޓީވީ"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.

comment ކޮމެންޓް