ޔާމީންގެ އިސްތިއުނާފާއި 96،000 ރައްޔިތުންގެ ހައްގު: ވަތްކެއް ނުކުރެވޭނެ

ޖުލައި 8، 2020: ކުރީގެ ރައީސް ޔާމީން، ހައި ކޯޓަށް ހާޒިރުކުރުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިދިކޮޅުގައި ހުންނެވި ހަމައެކަނި ލީޑަރު މާފުށީ ޖަލުގައި ހުންނެވީ ނިހާއީ ހުކުމެއް ނެތިއެވެ. ދަށު ކޯޓުން ކުރި ހުކުމަކުން ރިޔާސީ ކެންޑިޑޭޓު ކަމުގެ ޝަރުތު ގެއްލި އެ މަނިކުފާނު އޮންނެވީ ބަންދުވެފައެވެ. އެ ނިންމުމާ އެކު ގެއްލެނީ ހަމައެކަނި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ހައްގެއް ނޫނެވެ.

އެއީ، 96،000 ރައްޔިތުންގެ ހައްގެވެ. އެ ރައްޔިތުންގެ ނިންމުމެވެ.

ޔާމީން ޖަލުގައި އޮންނެވުން މައްސަލައަކަށް ވަނީއެއް ނޫނެވެ. އެ މަނިކުފާނަށް ހައްގު އަދަބެއް ނަމަ އެ އަކު ގޯހެއް ނެތެވެ. އިންސާފު ކިޔަނީ މިނިވަން ވުމަކަށް ވެސް ނޫނެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި 96،000 ވޯޓު ހޯއްދަވާފައި, މި އަހަރުގެ ރިޔާސީ ރޭހަށް ނުކުންނަވައި ހުންނެވި ޔާމީނަށް އެތައް ބައެއްގެ ލޯތްބާއި އިޙްތިރާމް އެބަ އޮތެވެ. އެއީ، މި ގައުމުގެ ވެރިކަން ކުރައްވަން އެތައް ހާސް ރައްޔިތުންނަށް ކަމުދިޔަ ބޭފުޅާއެވެ.

އެހެންވެ، އެ މައްސަލައިގައި އެ މަނިކުފާނަށް ކޮށްފައިވާ ޖަލު ހުކުމާ މެދު އަވަސް ގޮތެއްގައި މަތީ މަރުހަލާ ކޯޓުތަކުން ގޮތެއް ނިންމަން ޖެހެއެވެ. އެ މަނިކުފާނަށް ވާދަކުރެއްވޭނެކަން ނުވަތަ ނޫންކަން ޔަގީންކޮށް އަރުވަން ޖެހެއެވެ. އެއީ، ލިބެން ޖެހޭނެ ހައްގެކެވެ. ޔާމީނަކަށް ނޫނެވެ. އެ މަނިކުފާނު އިޚްތިޔާރު ކޮށްގެން ތިބި އެތައް ހާސް ރައްޔިތުންނަކަށެވެ.

ފެބްރުއަރީ 27، 2020: ފުލުހުން ބަލަމުންދާ މައްސަލަ އަކާ ގުޅިގެން ކުރީގެ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ މަނިކުފާނުގެ ވެރިކަމާއި ނާއިންސާފާއި އަނިޔާއަކީ އެހެން ވާހަކައެކެވެ. މިއަދަކަށް މުހިއްމު، ބުރަދަނެއް ހުރި ވާހަކައެއް ނޫނެވެ. އެއީ އިއްޔެގެ މާޒީއެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުން މާލީ މަންފާ ހޯދާ، އެ ފައިސާ ލޯންޑާ ކުރިކަމުގެ ކުށް ސާބިތުވެ، އެ މަނިކުފާނު 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުއެވެ. އެ މަނިކުފާނުގެ ފަރާތުން މިހާރު ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

އެތައް ހާސް ރައްޔިތުންނެއްގެ މި ވަރުގެ ބޮޑު މަސްލަހަތެއް އޮތް މައްސަލައެއް ދިގު ދެމިގެން ދިއުމަކީ ގޯހެކެވެ. އެއީ، އެކަން ވާންވާނެ ގޮތެއް ނޫނެވެ. ވެގެންވާނެ ގޮތެއް ނޫނެވެ. އެކަމަކު، ދިވެހި ގާނޫނު އަސާސީ ދަންނަ ކަމެއް ނޫނެވެ. ޔާމީންގެ މައްސަލަ އަވަސް ކުރަން ޖެހޭ އެތައްއެތައް ސަބަބެއް އޮތް ނަމަވެސް އެއީ، ގާނޫނުގައި އެކަން އޮތް ގޮތެއް ނޫނެވެ.

ޖަލުގައި ހުންނަވާއިރު، އިސްތިއުނާފު ލަސްވެގެން ނުވާނެ

ވެރިކަމަށް ވާދަ ކުރެއްވުމާއި ޔާމީންގެ މި މައްސަލަ އިހަށް އެއްފަޅީގައި ބާއްވާ، މުޅި މައްސަލައަށް ރިއާޔަތް ކުރަން ޖެހެއެވެ.

އިސްތިއުނާފުގެ މައްސަލަތައް ލަސްވުމަކީ ނުވަތަ އިންސާފު ލަސްވުމަކީ ވަރަށް ބޮޑު އިހުމާލެކެވެ. ބޭއިންސާފުން ދެވޭ އަނިޔާއަކީ އިންސާފު ހޯދައިނުދެވުމަށް ވުރެ ބޮޑު ގޯހެކެވެ. އެކަމަކު، މިއީ އަލަށް ދިމާވެގެން އުޅޭ މައްސަލައެއް ނޫނެވެ.

ކުށެއް ސާބިތުވެގެންނާއި ކުށެއް ސާބިތުނުވެ ވެސް އެތައް އަހަރެއް ޖަލުގައި ހޭދަކުރާ ފަހުން މަތީ މަރުހަލާ ކޯޓުތަކުން މައުސޫމެއް ކަމަށް ނިންމައެވެ. އެ ލިބޭ ގެއްލުމަށް ބަދަލު ލިބޭނެ އުސޫލެއް ރާއްޖޭގައި ނޯވެއެވެ.

މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ގަބޫލުކުރައްވާ ގޮތުގައި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދާ މީހެއް ނަމަ، އެ މީހެއްގެ އިސްތިއުނާފު ވީހާ ވެސް އަވަހަކަށް ނިންމަން ޖެހޭނެއެވެ. އޭނާ ދެކިލައްވާ ގޮތުގައި މީހެއްގެ މިނިވަންކަން ހިފަހައްޓާފައި އޮންނައިރު، އެ މީހާގެ އިސްތިއުނާފީ މައްސަލައެއް ހުށަހެޅުމުން ލަސްވެގެން ނުވާނެއެވެ. އަވަހަށް އެ މައްސަލަ ބަލައި ނިންމަން ޖެހޭނެއެވެ.

"ބަންދުކޮށްފައި ހުންނަ މީހާގެ މައްސަލައަށް އިސްކަން ދޭން ޖެހޭނެ. އަވަހަށް ނިންމަން ހަގީގަތުގައި. މި [ޔާމީންގެ] މައްސަލައިގައި އިސްތިއުނާފު ލަސްވުން ސީރިއަސް މައްސަލައަކީ. މި ބުނާހެން، ބަންދުކޮށްފައި ހުންނަ މީހެއްގެ މައްސަލައިގައި އިސްތިއުނާފު ޖެހޭނެ ވީހާ ވެސް އަވަހަށް ނިންމަން." އޭނާ ވިދާޅުވިއެވެ.

އެއީ ހަމައެކަނި މި މައްސަލައިގައެއް ނޫނެވެ. އެއްވެސް މީހަކު ބަންދުގައި ހުރެ، އެ މީހާގެ މައުސޫމްކަން ސާބިތުކުރަން އިސްތިއުނާފީ މައްސަލައެއް ހުށަހަޅައިފި ނަމަ އެ މައްސަލައެއް ދިގުދައްމައިގެން ނުވާނެއެވެ. އެއީ، ސިޔާސީ ބޭނުމެއްގައި އަމުދުން ދެވިގެންވާނެ އަނިޔާއެއް ނޫނެވެ.

ގެއްލެނީ ޔާމީންގެ އެކަނި ހައްގެއް ނޫން

ޕީޕީއެމުން އޮތީ މާ ކުރިން ޔާމީނަށް ރިޔާސީ ޓިކެޓު އަރުވައިފައެވެ. އޭގެ ވެސް ކުރިން އެ މަނިކުފާނަށް ކެމްޕޭން ފަށައިފައެވެ. އެތައް ބަޔަކު ތިބީ އެ މަނިކުފާނު ވެރިކަމަށް ގެންނަން ފޫގަޅައިގެންނެވެ. މި މައްސަލައާއި އެހެން މައްސަލަތަކާ ހުރި ތަފާތަކީ އެއީއެވެ.

ޕީޕީއެމްގެ ސަޕޯޓަރުން ރައީސް ޔާމީނާ ބައްދަލުކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޔާމީނަށް ވަފާތެރި ބޭފުޅުންގެ އޮތީ އެންމެ ކަންބޮޑުވުމެކެވެ. އެއީ، ދަށު ކޯޓުގެ ހުކުމުގެ ސަބަބުން ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވި، އެ ފުރުސަތު ގެއްލޭ ފަހުން އެ މަނިކުފާނަކީ މައުސޫމް ބޭފުޅެއްކަން ސާބިތުވެދާނެތީއެވެ.

ޔާމީންގެ ވަކީލުންގެ ފަރާތުން މިދިޔަ މަހުގެ 21ގައި ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

އެކަމަކު، މިހާތަނަށް އެ މަނިކުފާނުގެ އިސްތިއުނާފު ބަލައިގަތުމާ ގުޅޭ ގޮތުން އެ ކޯޓުން އެއްވެސް ގޮތެއް ނިންމައިފައެއް ނުވެއެވެ. އެއީ، އެ މަނިކުފާނަށް ތާއީދުކުރައްވާ އެތައް ހާސް ރައްޔިތުންގެ ކަންބޮޑުވުމެކެވެ.

"މިއީ އެއް ލައްކައަށް ވުރެ ގިނަ ރައްޔިތުންގެ މަސްލަހަތާ ގުޅިފައި އޮތް ކަމެއް، ދެން ހަމަ މި ތަނަށް [ހައިކޯޓަށް] އައިސް ވަތީމާ، ރަޖިސްޓްރާ ބައްދަލުކުރާ ގޮތަށް ހަމަޖެހިފައެއް ނުތޭ. ބައްދަލެއް ނުކުރައްވާނޭ، މިހެން ބުނީމާ މިއީ ބަލައިގަނެވޭނެ ކަމެއް ނޫން." ވަގުތީ ގޮތުން އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވި ގޮތުގައި ހައިކޯޓަށް ހުށަހެޅިގެން އުޅެނީ 'އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް'ގެ މައްސަލައެއް ނޫނެވެ. އެ ކޯޓަށް ހުށަހެޅިގެން އުޅެނީ އިދިކޮޅުގައި ހުންނެވި ހަމައެކަނި ލީޑަރުގެ މައްސަލައެކެވެ. އެހެންވެ، މި އަހަރުގެ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބުގެ ކުރިން އެ މައްސަލަ ވަކި ގޮތަކަށް ނިންމަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފެބްރުއަރީ 28، 2020: ކައުންސިލް އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ޕީޕީއެމުން ކާނިވާ ސަރަހައްދުގައި ބޭއްވި "މީ މަގޭ ރާއްޖެ" ޖަލްސާގެ ތެރެއިން: މި ޖަލްސާގައި ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މި އުޅެނީކީ ހަމައެކަނި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެއް ނޫނޭ. މި އުޅެނީ ދިވެހިރާއްޖޭގެ ހަމައެކަނި އިދިކޮޅު ލީޑަރުގެ މައްސަލައެކޭ މި ތަނަށް ހުށަހެޅިގެން." އޭނާ ކަންބޮޑުވުން ފާޅު ކުރެއްވިއެވެ.

"މި އުޅެނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދިވެހިރާއްޖޭގެ އެންމެ ބޮޑު ދެ އިދިކޮޅު ޕާޓީގެ ފަރާތުން ވާދަކުރާ ރިޔާސީ ކެންޑިޑޭޓުގެ މައްސަލައެއް މި ތަނުގައި މި އުޅެނީ. ރިޔާސީ އިންތިޚާބާ ދޭތެރޭ ބާކީ މި އޮތީ ދެތިން މަސް ދުވަހެއް. އެހެންވީމާ އެ ދެތިން މަސް ދުވަހުގެ ތެރޭގައި މި ކަމަށް ގޮތެއް ނިންމަން އެބަ ޖެހޭ."

އިންސާފު ލަސްވުމުގެ ބޭއިންސާފު: ގާނޫނު ދަންނަ ކަމެއް ނޫން

ޔާމީންގެ މައްސަލައިގައި މަސްލަހަތު ކިތަންމެ ބޮޑަސް، އެ މައްސަލައިގެ އިސްތިއުނާފު އަވަސް ކުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫނެވެ.

ޖިނާއީ މައްސަލައެއްގައި ކުށް ސާބިތުވާކަމަށް ދަށު މަރުޙަލާގެ ކޯޓަކުން އިއްވާފައިވާ ޙުކުމެއް އިސްތިއުނާފު ކުރުމަކީ، އޭގެ ޒާތުގައި އެ މީހާގެ މައްޗަށް އިއްވާފައިވާ ޙުކުމުގެ ބާރު ދަށްވާނެ ކަމެއް ނޫނެވެ. އެހެންވެ، ދަށު ކޯޓުން ސާބިތުވުން އެކަނި ފުދެއެވެ.

ދަށު ކޯޓުގެ ހުކުމާ އެކު ޔާމީންގެ ޝަރުތެއް އުނިވީއެވެ. ނިހާއީ ހުކުމެއް ނެތް ނަމަވެސް، ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތު އުނިވީއެވެ. އިސްތިއުނާފާ މެދު ގޮތެއް ނިމުނު ދުވަހަކުން ނޫނީ އެ މަނިކުފާނަށް އިންތިޚާބެއްގައި ވާދައެއް ނުކުރެއްވޭނެއެވެ.

ދަށު ކޯޓުގެ ހުކުމުގެ ބާރު ދައްވާނެ ގޮތަކަށް ގާނޫނު މާނަ ކުރެވިގެން ވެސް ނުވާނެއެވެ. ތަހުޒީބު ގައުމުތަކުގައި ވެސް އިތުރު ނިންމުމެއް މަތީ މަރުހަލާ ކޯޓުތަކުން ނިންމަންދެން އެ ނޫން އިންސާފެއް ނޯންނާނެއެވެ.

ރައީސް ޔާމީން ޕީޕީއެމްގެ ސަޕޯޓަރުންނާއެކު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެކަމަކު، ނުހައްގުން ޖަލުގައި އޮންނަން ޖެހިއްޖެ ނަމަ، އެ ކަމަށް ފަރުވާއެއް އޮވެއެވެ. އަލީ ހުސައިން ގަބޫލުކުރައްވާ ގޮތުގައި އެ ކަމަށް އޮތް ފަރުވާއަކީ ބޭރުގެ ބައެއް ގައުމުތަކުގައި ކަން ކުރާ ގޮތަށް، ނުހައްގުން ޖަލުގައި ހޭދަކުރި ދުވަސްތަކަށް ބަދަލު ދިނުމެވެ. އޭރުން، ހައްޔަރު ކުރުމުގައި އިތުރަށް ސަމާލުވެ، ނުހައްގު އަނިޔާ ލިބޭ މިންވަރު މަދުވާނެއެވެ.

"އޭރަށް އެއްވުންތަކުން ވެސް ހައްޔަރު ކުރަން ޖެހޭ މީހުން މަދުވާނެ، ސާފުކޮށް ހައްޔަރު ކުރަން ޖެހޭ މީހަކު ނޫނީ ހައްޔަރެއް ނުކުރާނެ." ނުހައްގުން ދެވޭ އަނިޔާއަށް އޮތް ފަރުވާއަކީ ބަދަލު ދިނުންކަން ފާހަގަކުރައްވައި އަލީ ވިދާޅުވިއެވެ.

"މިސާލަކަށް 14 ދުވަހަށް ވެސް މީހަކު ބަންދު ކޮށްފާނެ، ކޮށްފައި ދޫކޮށްލާއިރު އެ މީހާގެ މައްޗަށް ދައުވާއެއް ނުކުރޭ. އޭގެ މާނައަކީ އެ މީހާ ހައްޔަރު ކުރެވުނީ ރަނގަޅަކަށް ނޫނޭ. އޭނާގެ މިނިވަންކަން އެ ހިފެހެއްޓުނީ ގާނޫނާ ހިލާފަށްށޭ. އެ ހިސާބުން އޭނާއަށް ކޮމްޕެންސޭޝަން [ބަދަލު] ދޭން ޖެހޭނެ."

އެކަމަކު، ސުވާލަކީ ރައްޔިތުންގެ އެހާ ބޮޑު ތާއީދެއް އޮތް ބޭފުޅަކަށް، އިންސާފު ލަސްވުމުގެ ސަބަބުން ރިޔާސީ އިންތިޚާބެއްގެ ފުރުސަތު ގެއްލިއްޖެ ނަމަ އެ ވަރުގެ ބޭއިންސާފެއް ކުރެވިދާނެތޯއެވެ؟ ޖަލު ހުކުމުގެ ސަބަބުން އިންތިޚާބުގައި ވާދަނުކުރެވި، އޭގެ ފަހުން މިނިވަންވެއްޖެ ނަމަ އެ އަރައިގަނެވެނީ ހަމައެކަނި ޔާމީންގެ ހައްގަކަށް ނޫނެވެ. އެ މަނިކުފާނަށް ތާއީދު ކުރައްވައިގެން ތިއްބެވި އެތައް ހާސް ރައްޔިތެއްގެ ހައްގަށެވެ.

އިންސާފު ދިގު ދެމި، ލަސްވެގެން ދިއުމަކީ ހަމަ ގައިމު ވެސް ބޭއިންސާފެކެވެ.

comment ކޮމެންޓް