ދުނިޔޭގެ އެންމެ މަޤްބޫލް އެއާލައިންތަކުގެ ތެރޭގައި މަންތާ އެއާ

މަންތާ އެއާލައިންގެ ބޯޓެއް -- ފޮޓޯ/ މަންޓާ އެއާ

ދުނިޔޭގެ އެންމެ ބޮޑެތި އެއާލައިންތަކުގެ ރަސްމީ ޓްވިޓާ ހެންޑްލްތައް ދިރާސާކޮށްގެން ނެރުނު ރިޕޯޓެއްގައި، ދުނިޔޭގެ އެންމެ މަޤްބޫލު އެއާލައިންތަކުގެ ތެރޭގައި މަންތާ އެއާ ހިމެނިއްޖެއެވެ.

އޮސްޓްރޭލިއާގެ ފޮރިން އެކްސްޗޭންޖް ކުންފުންޏެއް ކަމަށްވާ އެސްމަނީ އިން ނެރުނު މި ރިޕޯޓް ދައްކާ ގޮތުން މަންތާ އެއާލައިން ހިމެނިފައި ވަނީ ދުނިޔޭގެ އެންމެ މަޤްބޫލު އެއާލައިން ލިސްޓުގެ އަށް ވަނައިގައެވެ. އަދި އެ އެއާލައިނަށް އާންމުންގެ 42.3 ޕަސެންޓް ޕޮޒިޓިވް ޓްވީޓްސް ލިބިފައިވާ ކަމަށްވެސް އެ ރިޕޯޓުން ދައްކައެވެ.

މި ލިސްޓުގެ އެއްވަނާގައި އޮތީ ކެނެޑާގެ އެއާލައިނެއް ކަމަށްވާ ބެއާސްކިން އެއާލައިންސްއެވެ. އަދި ދެވަނާގައި އެ ގައުމުގެ ޕެސިފިކް ކޯސްޓަލް އެއާލައިންސް އޮތް އިރު ތިން ވަނާގައި އޮތީ ޕޯޒުގަލްގެ ޓީއޭޕީ އެކްސްޕްރެސްއެވެ.

މަންޓާ އެއާލައިންގެ ބޯޓެއް -- ފޮޓޯ/ މަންޓާ އެއާ

އެސްމަނީގެ މި ރިޕޯޓްގައި ދުނިޔޭގެ އެންމެ މަޤްބޫލް އެއާލައިންސްގެ އިތުރުން ކަސްޓަމަރުން އެންމެ ހިތްހަމަނުޖެހޭ އެއާލައިންތަކުގެ ލިސްޓްވެސް ވަނީ ހިމަނާފައެވެ. މި ލިސްޓްގެ އެއްވަނާގައި އޮތީ އިންޑިއާގެ ގޯ ފަސްޓް އެއާލައިންއެވެ.

ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްފައިވާ މަންތާ އެއާގެ އުދުހުންތައް ފެށީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. މަންތާ އެއާގައި މިހާރު ޑީއެޗްސީ6 ޓުވިން އޮޓާ ސީޕްލޭންގެ އިތުރުން އޭޓީއާރު މަރުކާގެ ތިން ބޯޓު އޮވެއެވެ.

މަންތާ އެއާގެ ދަތުރުތައް މިހާރު ކުރަމުންދަނީ ހއ. ހޯރަފުށި، ބ. ދަރަވަންދޫ، ދ. ކުޑަހުވަދޫ އަދި އައްޑޫ ސިޓީއަށެވެ.

comment ކޮމެންޓް