މަންތާ އެއާއިން ދ އަތޮޅުން ބެންގަލޫރަށް ސީދާ ދަތުރުތައް ފަށައިފި

މަންތާ އެއާއިން ދ އަތޮޅުން ބެންގަލޫރަށް ސީދާ ދަތުރުތައް ފެށުން

ދ. ކުޑަހުވަދޫ އެއާޕޯޓުން، އިންޑިއާގެ ބެންގަލޫރަށް ސީދާ ދަތުރުތައް މަންތާ އެއާލައިނުން މިއަދު ފަށައިފިއެވެ.

ބެންގަލޫރުން ކުޑަހުވަދޫ އެއާޕޯޓަށް މަންތާގެ ފުރަތަމަ ދަތުރު ކޮށްފައިވަނީ މިއަދު ހެނދުނެވެ.

މީގެ ކުރިން މަންތާއިން ބުނީ ބެންގަލޫރަށް ސީދާ ދަތުރުތައް ފެށުމުން އިންޑިއާއިން އަންނަ ފަތުރުވެރިން ޑޮމެސްޓިކް ފްލައިޓުތަކަށް މަޑުކޮށްގެން ތިބޭ ވަގުތު ސަލާމަތްވާނެ ކަމަށެވެ.

ދ. އަތޮޅުގައި ހިންގާ މަތީ ފަންތީގެ ރިސޯޓްތަކުގެ ތެރޭގައި ކަނޑިންމަ މޯލްޑިވްސް، ނިޔާމަ ޕްރައިވެޓް އައިލެންޑް، ސެއިންޓް ރެޖިސް މޯލްޑިވްސް، ރިއު، ބަގްލިއޯނީ، އަންގްސާނާ ވެލާވަރާގެ އިތުރުން ސަން ސިޔާމް އިރުވެލި އަދި ވިލުރީފް ރިސޯޓް ހިމެނެއެވެ.

މި ދަތުރުތައް ފެށުމުން އެ ރިސޯޓްތަކަށް ދަތުރުކުރާ ޓޫރިސްޓުންނަށް ބޮޑު ފަސޭހައެއް ލިބޭނެ ކަމަށް މަންތާއިން ބުންޏެވެ.

މަންޓާ އެއާގެ ސީއީއޯ މުހައްމަދު ހަލީލް މީގެ ކުރިން ވިދާޅުވީ، މި ދަތުރުތަކުގެ ސަބަބުން ރާއްޖެ އަންނަ ޓޫރިސްޓުންނަށް ފަސޭހަކަމާއެކީ ދަތުރު ކުރެވޭނަކަމަށެވެ. އޭގެ އިތުރުން ރާއްޖެ އަންނަ އިންޑިއާ ފަތުރުވެރިންގެ އަދަދު ވެސް މިހާރަށް ވުރެ އިތުރުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، އުންމީދަކީ ކުރިއަށް އޮތްތަނުގައި މި ހިދުމަށް އިތުރަށް ފުޅާކުރުން ކަމަށް ވެސް ހަލީލް ވިދާޅުވިއެވެ.

ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްފައިވާ މަންތާ އެއާގެ އުދުހުންތައް ފެށީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. މިއީ އެ އެއާލައިންއިން ރާއްޖެއިން ބޭރު ގައުމަކަށް ސީދާ ދަތުރުތައް ފަށާ ފުރަތަމަަ ފަހަރެވެ.

comment ކޮމެންޓް